ބޮލީވުޑްގެ ފިލްމު ޑައިރެކްޓަރު އަދި ކޮރިއަގްރާފަރު ފަރާ ޚާންގެ ފިރިމީހާ ފިލްމީ ހަފްލާތަކުން ނުފެންނަ ސަބަބު ފަރާ ކިޔައިދީފިއެވެ.

ފިލްމު ޕްރޮޑިއުސަރު އަދި ފިލްމު އެޑިޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޝިރިޝް ކުންދަ އަކީ އަބަދުވެސް ވަރަށް ޕްރައިވެޓް ދިރިއުޅުމެއް އުޅެން ބޭނުންވާ މީހެއް ކަމަށާއި ފިލްމީ ހަފްލާތަކުން ނުފެންނަ މައިގަނޑު ސަބަބަކީ އެއީ ކަމަށް ފަރާ ވަނީ ބުނެފައެވެ.

ފަރާގެ އެކުވެރިޔާ އަދި އިންޑިއާގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ސާނިއާ މިރުޒާގެ ޔޫޓިއުބް ޝޯއަށް ދިން އިންޓަވިއުގައި ފަރާ ބުނީ ކުރިން ފިލްމީ ހަފްލާތަކަށް ޝިރިޝްއާ ގޮވައިގެން ދާ ކަމަށެވެ.

ނަމަވެސް ޝިރިޝްއަށް ވުރެ ފަރާ އާއްމުންގެ މެދުގައި މަޝްހޫރުވެފައިވާތީ ފިލްމު އިންޑަސްޓްރީގެ ބައެއް މީހުން އޭނާގެ ފިރިމީހާއާ މުހާތަބް ކުރަނީ ވަރަށް ދަށް މީހެއްގެ ގޮތުގައި ކަމަށް ފަރާ ވަނީ ބުނެފައެވެ.

ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ބައެއް މީހުންނަކީ ވަރަށް ދެފުށްކެހެރި ބައެއް ކަމަށާއި ޝިރިޝްގެ އިހުތިރާމް ގެއްލޭ ފަދަ ކަންކަން އެއްގޮތަކަށް ވެސް ބަލައިނުގަންނަ ކަމަށް ކާމިޔާބު ފިލްމު ޑައިރެކްޓަރު ވަނީ ބުނެފައެވެ.

ފަރާ ޚާން ފިރިމީހާ ޝިރޭޝް އަދި ތިން ކުދިންނާ އެކު--ފޮޓޯ/ފިލްމުފެއަ

އެހެންވެ އޭގެ ފަހުން ފަރާގެ ފިރިމީހާއަށް އެފަދަ ހަފްލާތައް މުހިއްމު ނޫން ކަމަށާއި ފަރާއާ އެކު ފިލްމީ ޕާޓީތަކަށް ދިއުމަށް މަޖުބޫރު ނުކުރާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެހެންނޫނަސް ދެމަފިރިންގެ ދެމެދުގައި އޮންނަ ލޯތްބާއި ކައިވެނީގެ ގުޅުމުގެ ވަރުގަދަކަން ދައްކަން ރެޑް ކާޕެޓަށް އަތް ގުޅާލައިގެން ދިއުން މުހިއްމު ނޫން ކަމަށް ފަރާ ވަނީ ބުނެފައެވެ.

އާއްމުކޮށް އެފަދަ ހަފްލާތަކުން މާ ގައިގޯޅިކޮށް އުޅޭ ދެމަފިރިންގެ ދިރިއުޅުން ހީވެސް ނުކުރާހާ ހަލަބޮލިކަމަށް ފަރާ ވަނީ ބުނެފައެވެ.
ފަރާ އާއި ޝިރޭޝް ކައިވެނި ކުރީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދުވަސްތަކެއްފަހުން 2004 ވަނަ އަހަރުއެވެ. މި ކައިވެންޏަށް އެއްމާބަނޑު ތިން ކުދިން ވަނީ ލިބިފައެވެ.