17 Nov 2025, 09:37
ލޯތްބަކީ މި ޒަމާނުގެ ކުދިންނަށް އެހާ މާނަ ފުން އިހުސާސެއް ނޫން ކަމަށާއި ގިނަ މީހުން ލޯބީގެ ގުޅުން އެހާ ސީރިއަސްކޮށް ނުނަގާ ކަމަށް ބޮލީވުޑްގެ އެކްޓަރު އަޖޭ ދޭވްގަން ބުނެފިއެވެ.
މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި އަޖޭގެ ފިލްމު "ދޭ ދޭ ޕިޔާރު ދޭ 2"ގެ ޕްރޮމޯޝަން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން އަޖޭ ބުނީ މިފަހަކަށް އައިސް ފެންނަ މަންޒަރުތަކަށް ބަލާއިރު ގިނަ މީހުންނަށް ލޯބީގެ ހަގީގީ މާނަ އޮޅިފައިވާކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
މީގެ އަހަރުތަކެއް ކުރިއަށް ޖެހިލާއިރު ލޯބީގެ ގުޅުމާ ހަމައަށް ދެ މީހަކު ކަޑައްތުކުރަނީ ވަރަށް ގިނަ ކަންކަން ގިރާކުރުމަށްފަހު ކަމަށް ވެސް އެކްޓަރު ވަނީ ބުނެފައެވެ.
އެއާ ޚިލާފަށް މިފަހަކަށް އައިސް ދެ މީހަކު ބައްދަލުވާއިރު އެކަކު އަނެކަކަށް ލޯބިވާ ކަމަށް ބުނަން މާގިނަ ވަގުތެއް ދުވަހެއް ނުނަގާ ކަމަށް "ދޭ ދޭ ޕިޔާރު ދޭ 2" ލީޑް އެކްޓަރު ވަނީ ބުނެފައެވެ.

ބޮލީވުޑްގެ ތަރިން ކަމަށްވާ އަޖޭ އާއި ކާޖޮލް-- ފޮޓޯ/ ފިލްމުފެއަ
އެހެންކަމުން "ލޯބި" މި ބަހުގެ ފަހަތުގައި ފޮރުވިފައިވާ އިހުސާސްތަކާއި ޖަޒުބާތުތަކުގެ ފުންމިން މި ޒަމާނުގެ ކުދިންނަށް އެހާ ރަނގަޅަށް ނޭނގޭ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.
ލޯތްބާ ގުޅޭގޮތުން އަޖޭ މި މޭރުމުން ވާހަކަ ދައްކާފައިވާއިރު އަންހެނުން އަދި ބަތަލާ ކާޖޮލް ދާދިފަހުން ބުނެފައި ވަނީ ކައިވެންޏަކީ ވަކި މުއްދަތެއް އޮންނަންޖެހޭ ގުޅުމެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.
ދެ ތަރިންގެ ފަރާތުން ލޯތްބާއި ކައިވެންޏާ ގުޅޭގޮތުން މިފަދަ ގޮތަކަށް ވާހަކަ ދައްކާފައިވާތީ ދެ މީހުންގެ ޒަވާޖީ ހަޔާތުގެ ކަންކަން ރަނގަޅަށް ދޭތޯ ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ.
އަޖޭ އާއި ކާޖޮލްގެ 26 އަހަރުވީ ކައިވެންޏަށް 2 ކުދިން ލިބިފައިވާއިރު މި ދެމަފިރިންނަކީ ބޮލީވުޑްގެ ފިލްމީ ދެމަފިރިންގެ ތެރެއިން އެންމެ ހަމަޖެހިލައިގެން އަމިއްލަ ޒާތީ ދިރިއުޅުމުގެ ކަންކަން އެހާ ހާމަނުކޮށް އުޅެމުން އަންނަ ދެމަފިރިންކަން ފާހަގަކޮށްލެވެއެވެ.