17 Nov 2025, 09:04
އިންޑިއާގެ ބަތަލާ އަދިތީ ރާއޯ ހައިދަރީގެ ނަމުގައި ވަޓްސްއަޕް މެދުވެރިކޮށް މެސެޖުތަކެއްކޮށް މުއާމަލާތުކުރަމުން އަންނާތީ އެކަމަށް ސަމާލުވުމަށް ބަތަލާ އެދެފިއެވެ.
ސޯޝަލް މީޑިއާގައި މިކަމާ ގުޅޭގޮތުން ކުރި ޕޯސްޓެއްގައި އަދިތީ ބުނީ ވަޓްސްއަޕް ނަމްބަރަކުން އަދިތީގެ ނަމުގައި ފޮޓޯޝޫޓުތަކަކާ ގުޅޭގޮތުން މަޝްވަރާ ކުރުމުގެ ނަމުގައި މެސެޖު ކުރަމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެއީ ކާކުން ނޭނގޭ ކަމަށާއި ފޮޓޯޝޫޓު ނެގުމަށް ބަތަލާގެ އަމިއްލަ ނަމްބަރަކުން އެއްވެސް މީހަކާ މުއާމަލާތުނުކުރާނެ ކަމަށް އަދިތީ ވަނީ ބުނެފައެވެ.
އެފަދަ މުއާމަލާތެއް ޕްރޮފެޝަނަލް ބަޔަކާ އެކު ކުރާނީ އަދިތީގެ ޓީމުން ކަމަށާއި އެއްވެސް އިރަކު އަމިއްލަ ޕާސަނަލް ނަމްބަރު ޕްރޮފެޝަނަލް މަސައްކަތްތަކަށް ބޭނުންނުކުރާ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ސަޕޯޓަރުންނާއި ފިލްމު އިންޑަސްޓްރީގެ މީހުން ސަމާލުވުމަށް އެދި އަދިތީ ކުރި ސޯޝަލް މީޑީއާ ޕޯސްޓް--ފޮޓޯ/އިންސްޓަގްރާމާ
ވަޓްސްއަޕް މެދުވެރިކޮށް އަދިތީގެ ނަމުގައި ގިނަ ބަޔަކަށް މެސެޖުކުރާ މީހަކު ބޭނުންކުރަނީ ވެސް އަދިތީގެ ފޮޓޯ ކަމަށާއި އެހެންވެ އެކަމަށް ސަމާލުވެ އެފަދަ މެސެޖެއް ލިބިއްޖެނަމަ ބަތަލާގެ ޓީމާ ވީހާވެސް އަވަހަކަށް އެ މައުލޫމާތު ހިއްސާ ކުރުމަށް ބަތަލާ ވަނީ އެދިފައެވެ.
އިންޑިއާގެ ފިލްމީ ތަރިންގެ ނަމުގައި މިފަދަ ސްކޭމްތައް ހިންގުން އާއްމުވެފައިވާއިރު ވަރަށް ގިނަ ފަހަރަށް ފައިސާގެ ބޭނުމުގައި އާއްމުން މިފަދަ ސްކޭމްތައް ހިންގައެވެ.
ފިލްމީ ތަރިންގެ ފޮޓޯ އާއި ވީޑިއޯ އަދި އަޑު ހުއްދަނެތި ބޭނުންކުރާ މައްސަލަ އާއްމުވަމުން އަންނައިރު ބައެއް ފިލްމީ ތަރިން އަންނަނީ އެފަދަ މައުލޫމާތުތައް ރައްކާތެރިކޮށްދިނުމަށް އެދި އިންޑިއާގެ ހައިކޯޓަށް މައްސަލަ ހުށަހަޅާފައެވެ.
އެގޮތުން ދާދިފަހުން ހައިކޯޓަށް މައްސަލަ ހުށަހެޅުމަށްފަހު އެކަން ކާމިޔާބުކޮށްފައިވާ ފިލްމީ ތަރިންގެތެރޭ އައިޝްވާރްޔާ ރާއީ، އަބިޝޭކް ބައްޗަން، ޖަޔާ ބައްޗަން، ސުނިލް ޝެޓީގެ އިތުރުން ކަރަން ޖޯހަރު ހިމެނެއެވެ.