22 Aug 2012, 19:02
ލޮނުޒިޔާރަތް މަގުގައި އިމާރާތެއް ހެދުމަށް ގޯތިތެރެ ކޮނުމުގެ ސަބަބުން ޖެހިގެން ހުރި އިމާރާތް އަރިއަޅާލާފައިވާތީ އެ އިމާރާތުގައި ދިރިއުޅޭ މީހުން އެހެންތަނަކަށް ބަދަލުވާން ނިންމައިފި އެވެ.
ގަލޮޅު ލޮނުޒިޔާރަތް މަގުގައި ހަ ބުރިއަށް ހަދާފައި ހުރި ސަލާމަތުގޭ ގެ މީހަކު މިއަދު ބުނީ އެގެއާ ޖެހިގެން ހުރި ގ. އޮޅުފުށިގެ ހެދުމަށް ބިންކޮނުމުގެ ސަބަބުން އެގެ އަރިއަޅާލައި ގޭގައި ރެނދުލާފައިވާ ކަމަށެވެ.
އޭނާ ބުނީ ގެ އަރިއަޅާފައި ވަނީ ހޯމަ ދުވަހު ކަމަށާއި މިހާރު ގޭގައި އަޅާފައި ހުރި ރެނދުތައް ފުޅާވެފައިވާ ކަމަށެވެ. އަދި ގްރައުންޑް ފްލޯގެ ކޮޓަރީގެ ތަށިމުށިތަކުގައި ވަރަށް ބޮޑަށް ރެނދުލާފައި ހުރުމުގެ ސަބަބުން އެ ކޮޓަރި މިހާރު އެއްގޮތަކަށް ވެސް ނުހުޅުވޭ ކަމަށް ވެސް އެ މީހާ ބުންޏެވެ.
އޭނާ ބުނީ މިއަދު ވާރޭ ވެހުނު ގަޑީގައި ގެކައިރީ ހުރި ޕޭމަންޓުގާތައް އަޑިއަށް ވެސް ދިޔަ ކަމަށާއި އެކަމުގެ ސަބަބުން ގޭގައި ދިރިއުޅޭ މީހުން މިހާރު ތިބީ ބިރުވެރިކަމެއްގައި ކަމަށެވެ. އަދި ބުނީ ގޭގައި ލާފައި ހުރި ރެނދުތައް އިތުރަށް ފުޅާވަމުންދާތީ އެ ގޭގައި ދިރިއުޅޭ 15 މީހުން މިހާރު އެހެންތަނަކަށް ބަދަލުވުމަށް ނިންމާފައިވާ ކަމަށެވެ.
"މިގޭގައި އުޅެނީ 15 މީހުން. އެންމެންވެސް ތިބީ ބިރުވެރިކަންމަތީގައި. ގޭގައި އަޅާފައި ހުރި ރެނދުތައް ދުވަހެއް ދުވަހަކަށް ފުޅާވަމުން އަންނާތީ މި އިމާރާތް އެއްކޮށް ވެއްޓުމަކީ ވެސް އެކަށީގެންވާކަމެއް. އެހެންވީމާ މިހާރު މިގޭގައި އުޅޭ އެންމެން ވެސް އެހެންތަނަކަށް ބަދަލުވުމަށް ވަނީ ނިންމާފައި،" އެ މީހާ ބުންޏެވެ.
އެގޭގައި ރެނދު ލުމާ ގުޅިގެން އޮޅުފުށިގެ ހެދުމަށް ކޮނެފައިވާ ބިމަށް މިހާރު ވަނީ ފަސްއަޅާފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އިމާރާތް ހަދަމުންދާ ފަރާތާއި ގޭގެ ވެރިފަރާތް ވާހަކަ ދައްކައިގެން އެ މައްސަލަ ހައްލުކުރުމަށް މިހާރު އެއްބަސްވެފައިވާ ކަމަށެވެ.