17 Nov 2025, 09:00
ދެކުނު އިންޑިއާގެ އެންމެ ނުފޫޒުގަދަ ފިލްމު ޑައިރެކްޓަރުންގެތެރޭ ހިމެނޭ އެސްއެސް ރާޖާމޮލީގެ އައު ފިލްމުގެ ނަން އިއުލާނުކޮށްފިއެވެ.
ފިލްމުގެ ޓައިޓްލް އިއުލާނުކޮށްފައި ވަނީ އައު ފިލްމުގެ ޚާއްސާ ޓީޒާއަކާ ވެސް އެކުގައެވެ. ފިލްމުގެ ނަމާއި ޓީޒާ ދައްކާލުމަށް އިންޑިއާގެ ހައިދަރުއާބާދުގައި ބޭއްވި ހާއްސަ ހަފްލާގައި ރާޖާމޮލީގެ އިތުރުން ފިލްމުގެ ލީޑް ތަރިން ކަމަށްވާ މަހޭޝް ބާބޫ އާއި ބަތަލާ ޕްރިޔަންކާ ޗޯޕްރާ ވެސް ވަނީ ބައިވެރިވެފައެވެ.
އިންޑިއާގެ މީޑިއާތަކުން ބުނިގޮތުގައި މަހޭޝް ބާބޫގެ ކެރެކްޓާ ވެސް ދައްކައިލި ޓީޒާ ބަލާލާން އެ ހަފްލާއަށް އެކްޓަރުގެ 50،000އަށް ވުރެ ގިނަ ސަޕޯޓަރުން ވަނީ އެތަނަށް އެއްވެފައެވެ.

ރާޖާމޮލީގެ އާ ފިލްމުގެ ލީޑް ތަރިން ކަމަށްވާ ޕްރިޔަންކާ، މަހޭޝް އަދި ޕްރިތްވީރާޖް--ފޮޓޯ/ބޮލީވުޑްހަންގާމާ
ބޮކްސް އޮފީހުގެ ރެކޯޑުތައް މުގުރާލި "ބާހޫބަލީ" ގެނެސްދިން ޑައިރެކްޓަރު އެސްއެސް ރާޖާމޮލީގެ އާ ފިލްމުގެ ނަމަކީ "ވަރަނާސީ"އެވެ. ފިލްމުގެ ޓީޒާއިން މަހޭޝް ބާބޫ ދައްކައިލީ "ރުދްރާ"ގެ ނަމުގައި ގެނެސްދޭ ކެރެކްޓާއިންނެވެ.
ފިލްމު "އާރްއާރްއާރް"އިން އޮސްކާ އެވޯޑު ވެސް ކާމިޔާބުކޮށްފައިވާ ރާޖާމޮލީގެ އާ ފިލްމަކީ މިހާރު ބެލުންތެރިން އެ ފިލްމަކަށް އެންމެ ބޮޑަށް އިންތިޒާރުކުރަމުން އަންނަ އެއް ފިލްމެވެ.
ފިލްމުގެ ޓީޒާއިން "ވަރަނާސީ" ދުނިޔޭގެ ކުޑަ ތައާރަފެއް ދިންއިރު ރާޖާމޮލީ ބުނީ އެއީ އެ ފިލްމުން ދައްކާ އެ ދުނިޔޭގެ ކުޑަ މިންވަރެއް ކަމަށެވެ.
މިކަހަލަ ފިލްމެއް އުފެއްދުމަކީ ރާޖާމޮލީގެ ކުޑައިރުގެ ހުވަފެނެއް ކަމަށާއި އެ ހުވަފެން ހަގީގަތަކަށް ހެދުނީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުން ކަމަށް އޭނާ ވަނީ ބުނެފައެވެ.
މި ހަފްލާގައި ފިލްމުގެ ތިން ލީޑް ތަރިން ކަމަށްވާ މަހޭޝް ބާބޫ އާއި ޕްރިތުވީރާޖް އާއި ޕްރިޔަންކާ ވެސް ވަނީ ރާޖާމޮލީއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.
ތިން ތަރިން ވެސް ބުނިގޮތުގައި އިންޑިއާގެ ސިނަމާއަށް މިފަދަ ތަސައްވުރެއް ގެނެސްދިނުމުގެ ގާބިލުކަން ހުރި ހަމައެކަނި ޑައިރެކްޓަރަކީ އެސްއެސް ރާޖާމޮލީއެވެ. މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭން ތައްޔާރުވަމުން އަންނަނީ 2027 ވަނަ އަހަރުގެ ހޫނު މޫސުމާ ދިމާކޮށެވެ.