ފުވައްމުލަކުގެ ރައްޔިތުންނަށް ސާފު ފެން ނުލިބޭ މައްސަލައިގައި ސަރުކާރުން އަމަލުކުރި ގޮތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފާޑުވިދާޅުވެ، ސަރުކާރުން އެގޮތަށް އަމަލުކުރީ، ރަށްރަށުގައި ރައްޔިތުން ކޮންމެ ހާލެއްގައި އުޅުނަސް ސަރުކާރަށް ވަރިހަމަވުމުން ކަމަށް ތުހުމަތުކުރައްވައިފިއެވެ.

ގާތްގަނޑަކަށް 11،000 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ފުވައްމުލަކުގެ ފެނުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކެނޑި، ފެނަށް ޖެހުނީ މިދިޔަ ހަފުތާގެ ހޯމަ ދުވަހެވެ. އެ ސިޓީއަށް ފެން ފޯރުކޮށްދޭ ފެނަކައިން ފުރަތަމަ ބުނީ ލީކެއް އުޅޭތީ މައްސަލަ ހައްލުކުރުމަށް ފަހު، ހަމަ އެ ދުވަހު ފެން ފޯރުކޮށްދޭނެ ކަމަށެވެ.

އެހެންނަމަވެސް ފެނަކައިން ދެން ބުނީ، ފެނުގެ ނިޒާމަށް މަތީ ޑޯޒެއްގެ ކްލޮރިން އަޅާތީ ފެން ބޭނުންކުރުން ރައްކާތެރި ނޫން ކަމަށެވެ. އެއަށްފަހު އެ ސިޓީއަށް ފެން ދޫކުރަން ފެށީ ބުރާސްފަތި ދުވަހެވެ. އެހެންނަމަވެސް މިދިޔަ ހަފުތާ ބަންދު ތެރޭގައި ފުވައްމުލަކުގެ ބައެއް ރައްޔިތުންނާއި ކައުންސިލުން ވެސް ވަނީ ބައެއް ގެތަކަށް ލިބޭ ފެން ސާފު ނޫން ކަމަށް ބުނެފައެވެ.

އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވިއެވެ. ފުވައްމުލަކުން ސާފު ފެން ނުލިބުމުގެ ސަބަބުން އެ ސިޓީގެ އާންމު ދިރިއުޅުމަށް ދަތިވާތީ ކަމަށް ވިދާޅުވެ ކުޑޫ ހުށަހެޅުއްވި މައްސަލަ، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވަނީ ބޭރުކުރައްވައިފައެވެ.

އަބްދުއްރަހީމް މައްސަލަ ބޭރުކުރެއްވީ ކުއްލި މައްސަލައިގައި ހަގީގަތް ނުހިމެނޭ ކަމަށް ވިދާޅުވެއެވެ.

ޔާމީންގެ ޕީއެންއެފްއިން ރޭ ބޭއްވި ޖަލްސާގައި އެ މަނިކުފާނު އެ މައްސަލައިގައި ސަރުކާރާއި މަޖިލީހުން އަމަލުކުރި ގޮތަށް އިޝާރާތް ކުރެއްވިއެވެ. އެ މަނިކުފާނު ވިދާޅުވީ، މާލޭގައި ފެން ނުލިބުމުގެ މައްސަލަ ދިމާވި ނަމަ ސަރުކާރުން އަމަލުކުރާނީ ވަރަށް ތަފާތު ގޮތަކަށެވެ.

"މާލޭގައި ދިމާވި ނަމަ ސިފައިންނާއި ފުލުހުންނާއި އެންމެން ނުކުންނާނެ ފެން ބަހަން. މިއީ ހަމަ ފުވައްމުލަކު، ރާއްޖެތެރޭ ދިމާލެއް ވީމަ މިހާ ނިމަކެތިކޮށް، މިހާ ދެރަވަރުކޮށް މި ދިޔައީ، ވަރިހަމަ ނޫންތޯ ކޮންމެ ގޮތަކަށް އެ މީހުން އުޅުނަސް،" ޔާމީން ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ މަޖިލީހަކީ ގާނޫނު ހަދާ ތަނެއް ނަމަވެސް، އެ މަޖިލީހުގެ މެންބަރުންނަށް އޮންނަ އެންމެ ބޮޑު ޒިންމާއަކީ ސަރުކާރު ޖަވާބުދާރީ ކުރުވުން ކަމަށެވެ. އެހެންނަމަވެސް މި މައްސަލައަށް ބަލާއިރު، ފުވައްމުލަކު ތަމްސީލު ކުރައްވާ ތިން މެންބަރުން ތިއްބެވިއިރު ވެސް އެ ބޭފުޅުން މައްސަލަ ހުށަނާޅުއްވާކަން ޔާމީން ފާހަގަކުރެއްވިއެވެ.

"މިއީތޯ އެ ފުވައްމުލަކުގެ ރައްޔިތުންގެ ހައްގު ހިމާޔަތް ކުރާ ގޮތަކީ؟ މިއީ އަޅުގަނޑުމެން މަޖިލީހާ ދިމާލަށް އޮޅުހިޔާ ފެސިލިޓީއޭ ބުނަން ޖެހޭ ސަބަބަކީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ފުވައްމުލަކުގައި ސަޕްލައި ފެން ކަނޑާލުމުން، ފެން ގަންނަން މީހުން ކިޔޫ ހަދައިފައި -- ފޮޓޯ/ އަލީ އިއްޒަތު، އެކްސް

ހަމައެއާއެކު، އަބްދުއްރަހީމް މައްސަލަ ބޭރުކުރެއްވިކަން ފާހަގަކުރައްވައި ޔާމީން ވަނީ، އެ މަނިކުފާނަށް ފުވައްމުލަކުގެ ހާލަތާ ގުޅޭ ގޮތުން ހަގީގަތް އެނގިވަޑައިގަތީ ކިހިނެއްތޯ ސުވާލު އުފައްދަވައިފައެވެ.

ފެނުގެ މައްސަލައަކީ އެކަހެރިކޮށް އޮންނަ ފުވައްމުލަކަށް ދިމާވާނެ އެންމެ ބޮޑު މައްސަލަކަން ފާހަގަކުރައްވައި ޔާމީން، ޖެހިގެން އޮންނަ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ ވެސް ފާހަގަކުރެއްވިއެވެ. އަދި އެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ބިޔަ މަޝްރޫއެއް ހިންގާނެކަން ސަރުކާރުން އިއުލާންކުރިކަން ވެސް ފާހަގަކުރެއްވިއެވެ.

"އެ ރާވައިރާވައި ތިއްބާ ކަންނޭނގެ ދުނިޔޭ ގިޔާމަތް ވާނީ، މީގެ ކުރިން ކަމަށްވާނަމަ ސްޓެލްކޯ ނޫނީ ފެނަކަ އިންޖީނެއް ހަލާކުވެއްޖެ ކަމަށްވާނަމަ އެހެން އިންޖީނެއް ގެންގޮސް އިންސްޓޯލް ކުރާނެ،" ޔާމީން ވިދާޅުވިއެވެ.

"އައްޑޫ ކަހަލަ ބޮޑު ސިޓީއެއް، އަޢްޑޫ ހިތަދޫ ކަހަލަ ބޮޑު ތަނަކުން މިހެން ކަރަންޓު ދިޔުމަކީ އަޅުގަނޑުމެން ގަބޫލުކުރެވޭ ކަމެއް ނޫން."

ފުވައްމުލަކުގެ ފެނަކީ ބޯން ރައްކާތެރި ފެން ކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ބުނެފައިވީ ނަމަވެސް، ފުވައްމުލަކުގެ ރައްޔިތުން ވަނީ ނުސާފު ފެން ލިބޭކަން ހާމަކޮށް، ސޯޝަލް މީޑިއާގައި ފޮޓޯތައް ހިއްސާކޮށްފައެވެ. އަަދި އެ ސިޓީގެ ކައުންސިލުން ވަނީ އެ އޮތޯރިޓީގެ ޓެސްޓުތަކުގެ ނަތީޖާ ހާމަކުރަން އެދި، އަމިއްލައަށް ތަހުލީލުތައް ހަދަން ބޭނުންވާ ކަމަށް ވެސް ބުނެފައެވެ.

މި މަހު ކުރީކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފުވައްމުލަކާއި އައްޑުއަށް ދަތުރުފުޅެއްގައި ވަޑައިގެންފައެވެ. އެ ދަތުރުފުޅުގައި، އައްޑޫގެ ހިތަދޫގައި ބޭއްވި ޖަލްސާގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރްޒޫޤު ވަނީ، ގުޅިފައިވާ ރަށްތަކުގެ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ކުރިއަށް އޮތް ކަމަށް ފެނަކައިން ބުނެފައިވާ ކަމަށް ވިދާޅުވެފައެވެ.