17 Nov 2025, 09:23
ވީޑިއޯ ސްޓްރީމިންއިން މުނިފޫހިފިލުވުމުގެ ދުނިޔެއަށް އިންގިލާބެއް ގެނައި ނެޓްފްލިކްސްއިން، އެ ކުންފުނީގެ ޚިދުމަތުގައި މުޅިން އައު ދޮރެއް ހުޅުވާލައިފިއެވެ.
މި އައު ދޮރަކީ، ހަމައެކަނި ފިލްމާއި ސީރީޒް ބެލުމުގެ ތަޖުރިބާއިން ނުކުމެ، ޓީވީ ސްކްރީން މެދުވެރިކޮށް އިންޓަރެކްޓިވް ގޭމް ކުޅުމާއި، އެކުވެރިންނާއި އާއިލާއާއެކު ސޯޝަލް ޕްލޭގައި ބައިވެރިވުމުގެ ފުރުސަތެވެ.
މި އީޖާދީ ބަދަލުގެ މަގުސަދަކީ ސަބްސްކްރައިބަރުންނަށް އެއް ޕްލެޓްފޯމަކުން މުނިފޫހިފިލުވުމުގެ ހުރިހާ ބޭނުންތަކެއް ފުއްދައިދީ، އެމީހުން ދަމަހައްޓައި، މާކެޓުގައި އެ ކުންފުނީގެ ހިއްސާ އިތުރަށް ވަރުގަދަކުރުމެވެ.
"އަޅުގަނޑުމެން މިދަނީ އިތުރަށް ތަޖުރިބާ ކުރަމުން. މިއީ ހަމައެކަނި ފެށުން." ނެޓްފްލިކްސް ގޭމްސްގެ ވީޕީ، އަލައިން ޓަސްކަން ވިދާޅުވިއެވެ.
މި ޚިދުމަތް ބޭނުންކުރުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ޓީވީން ނެޓްފްލިކްސްގެ ގޭމެއް ހުޅުވާލުމަށްފަހު، ސްކްރީނުގައި ދައްކާ ކިއުއާރު ކޯޑެއް ފޯނުން ސްކޭން ކޮށްލުމުން، ފޯނު ވަގުތުން ކޮންޓްރޯލަރަކަށް ބަދަލުވެއެވެ. މިއީ މީގެ ކުރިން ހަމައެކަނި މޯބައިލް އެޕްތަކެއްގެ ގޮތުގައި ލިބެން ހުރި ގޭމްތައް، އެއްވެސް އިތުރު ހާޑްވެއާއަކާ ނުލައި، ސީދާ ޓީވީ ޕްލެޓްފޯމަށް ގެނެވުނު ފުރަތަމަ ފަހަރެވެ. މި ސިސްޓަމްގެ ސަބަބުން، ކޮންސޯލެއް ނުވަތަ އިތުރު ޑިވައިސްއެއް ގަތުމަކާ ނުލައި، އެކަކަށްވުރެ ގިނަ މީހުންނަށް އެކީގައި ގޭމް ކުޅުމުގެ ފުރުސަތު ލިބިގެންދެއެވެ.
ޓަސްކަން ވިދާޅުވި ގޮތުގައި، މިކަމުގެ މަޤްޞަދަކީ "ފިލްމެއް ބެލުމަށް 'ޕްލޭ' އަށް ފިތާލާ ފަދައިން، ގޭމް ކުޅުން ވެސް ފަސޭހަކޮށް، އެންމެންނަށް ވާސިލުކޮށްދިނުން" އެވެ.
ނެޓްފްލިކްސްގެ ކޯ-ސީއީއޯ ގްރެގް ޕީޓާސް ވިދާޅުވީ، މި މަސައްކަތުގެ އަމާޒަކީ ސޮނީ ނުވަތަ މައިކްރޮސޮފްޓްގެ ކޮންސޯލްތަކާ ވާދަކުރުން ނޫން ކަމަށާއި، އޭގެ ބަދަލުގައި، އާއިލާއާއި ރައްޓެހިންނާ އެކު ސިޓިން ރޫމުގައި ތިބެގެން ކުޅެވޭނެ ފަަދަ، ޚާއްޞަ ސޯޝަލް-ގޭމިން ކެޓަގަރީއެއް އުފެއްދުން ކަމަށެވެ. މި ސްޓްރެޓެޖީގެ ދަށުން، އެ ކުންފުނިން ވަނީ ޕިކްޝަނަރީ، ބޮގްލް ޕާޓީ، ޓެޓްރިސް ޓައިމް ވޯޕް، އަދި ލެގޯ ޕާޓީ ފަދަ ގިނަ ޕާޓީ ގޭމްތަކެއް ތައާރަފްކޮށްފައެވެ.
މީގެ އިތުރުން، އެ ކުންފުނީގެ މަޝްހޫރު ޝޯތަކަށް ބިނާކޮށް ނެޓްފްލިކްސް ޕަޒްލްޑް ގެ ނަމުގައި ކޮންމެ ދުވަހަކު ކުޅެވޭނެ ޕަޒްލް ހަބެއް ވެސް ތައްޔާރުކުރަމުން އެބަދެއެވެ.
މި އައު އިކޯސިސްޓަމް ބިނާކުރުމަށްޓަކައި، ނެޓްފްލިކްސް އިން އެ ކުންފުނީގެ އަމިއްލަ މަޝްހޫރު ޝޯތަކާއި ފިލްމުތަކުގެ އައިޕީގެ ބޭނުން ވަރަށް ބޮޑަށް ހިފަމުން އެބަދެއެވެ. މިގޮތުން، ކުޑަކުދިންނަށް ޚާއްޞަ ޕެޕާ ޕިގް: ޕްލޭ ވިތް ޕެޕާ، ސްޓްރެޓެޖީއަށް ޚާއްޞަ ދަ ކުއީންސް ގެމްބިޓް ޗެސް، އަދި ލަވް އިޒް ބްލައިންޑް އާ ގުޅޭ އިންޓަރެކްޓިވް ސްޓޯރީއެއް ފަދަ ތަފާތު ގޭމްތައް ހިމެނެއެވެ. ހަމައެއާއެކު، ސިވިލައިޒޭޝަން ވީއައި އަދި ރެޑް ޑެޑް ރިޑެމްޕްޝަން ފަދަ މަޝްހޫރު ތާޑް ޕާޓީ ގޭމްތައް ވެސް މި ޕްލެޓްފޯމަށް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.
ޔުނިވަރސިޓީ އޮފް ސަދާން ކެލިފޯނިއާގެ ޕްރޮފެސަރެއް ކަމަށްވާ ދިމިތުރީ ވިލިއަމްސް ދެކެވަޑައިގަންނަވާ ގޮތުގައި، ނެޓްފްލިކްސްގެ ބްރޭންޑާއި އެތައް މިލިއަން ބަޔަކަށް ފެތުރިފައިވާ އިންފްރާސްޓްރަކްޗާގެ ސަބަބުން، މި މަސައްކަތަށް ބޮޑު ކާމިޔާބީއެއް ލިބުމުގެ ފުރުސަތު އެބައޮތެވެ.
"ވާހަކަ ކިޔައިދިނުމާއި ގޭމް ކުޅުމުގެ މި ގުޅުމުގެ ސަބަބުން އެހެން އެއްވެސް ކުންފުންޏަކަށް ނުލިބޭ ފަދަ ފައިދާއެއް ނެޓްފްލިކްސްއަށް ލިބޭނެ،" ވިލިއަމްސް ވިދާޅުވިއެވެ.