މި ސަރުކާރަށް މިއަދު ދެ އަހަރުވީއެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒު، މިވީ މުއްދަތުގައި ހީ ނުކުރާ ފަދަ އެތައް ފިޔަވަޅެއް އަޅުއްވައިފިއެވެ. އެއީ، މިވީހާ ދުވަހު ނުކޮށް ހުރި، ކޮންމެހެން ކުރަން ޖެހިފައި ހުރި ކަންކަމެވެ.

އެ މަނިކުފާނު އެ ނެންގެވީ، ރާއްޖެއަށް ދިމާވެފައި އޮތް އިޖުތިމާއީ ބޮޑެތި މައްސަލަތައް ހައްލުކުރުމުގެ ޒިންމާއެވެ. އެ އަޒުމުގައި ކުރެއްވި މަސައްކަތްތައް ގިނައެވެ. ދާ އޮހޮރުވައިގެން ކުރިއަސް، އޭގެ ނަތީޖާ ވެސް ފޮނިވެފައި ކާމިޔާބެވެ.

ޒަމާންވީ ބިދޭސީންގެ މައްސަލަ ހައްލުކުރަން އެތައް ފިޔަވަޅެއް!

އޭގެން އެއް ކަމަކީ، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރި މަސައްކަތެވެ. މިގޮތުން، އެ މީހުންގެ މައުލޫމާތު އެއްކުރުމަށް "ކުރަނގި" ނަމުގައި އޮޕަރޭޝަނެއް ފެށިއެވެ. އެ މީހުން އުޅެނީ ގަވައިދާ އެއްގޮތަށް ތޯ ބެލިއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ރައީސް ވަނީ މި މައްސަލައަށް އަަލިއަޅުވައިލައްވައި ވާހަކަފުޅުދައްކަވާފައެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، "ކުރަނގި" އޮޕަރޭޝަން ފެށިއިރު، ރާއްޖޭގައި ތިބި ބިދޭސީންގެ އަދަދު ވެސް ނޭނގެއެވެ. ނަމަވެސް، އޮޕަރޭޝަން ފެށިގެން މިދިޔަ ހުކުރު ދުވަހުގެ ރެއާ ހަމައަށް 191،723 ބިދޭސީންގެ 10 އިނގިލީގެ ނިޝާން ނަގާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ހުރާއިން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނައި ބިދޭސީންތަކެއް: މިހާތަނަށް ވަނީ 9،000އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓުކޮށްފައި -- ފޮޓޯ/ އިމިގްރޭޝަން

އެ މީހުންގެ މައުލޫމާތު ނެގުމަށް ދިން މުއްދަތު މިދިޔަ އާދިއްތައަށް ވަނީ ހަމަވެފައެވެ. އެ މުއްދަތާ ހަމައަށް އެ މައުލޫމާތު ނުދީ ރާއްޖޭގައި އުޅޭ ބިދޭސީން ޑީޕޯޓުކުރަން ފަށާނެ ކަމުގެ އިންޒާރު ވެސް އެ މަނިކުފާނު ވަނީ ދެއްވާފައެވެ.

ހަމައެހެންމެ، ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުން އިމިގްރޭޝަނުން އަންނަނީ އެކި ހިސާބުތަކުގައި ރެއިޑުތައް ހިންގަމުންނެވެ. މާރުކޭޓުތަކާއި އެކޮމޮޑޭޝަންތަކުގައާއި އެކި ރަށްތަކުގައެވެ. އެ ރެއިޑުތަކުގައި އެތައް ބިދޭސީންނެއް ހިފަހައްޓައި، ޑީޕޯޓު ވެސް ކުރެއެވެ.

ރައީސް ވިދާޅުވި ގޮތުގައި، މިހާތަނަށް ވަނީ، 9،021 ބިދޭސީއަކު ޑީޕޯޓުކޮށްފައެވެ. އެއީ، އެކި ކުށްތަކަށް އަރައިގަންނަ ބިދޭސީން ހިމެނޭ ގޮތަށެވެ. އެވަރުން އަދި ނުނިމެއެވެ. ބިދޭސީން ލައްވައި، ނުގަވައިދުން މަސައްކަތް ކުރުވާ މީހުންނަށް ވެސް ފިޔަވަޅު އަޅައެވެ. އެ ކަން ތަކުރާރު ނުކޮށް، އިސްލާހު ކުރަން ނަސޭހަތްދެއެވެ. ނޫންނަމަ ޖޫރިމަނާ ކުރެއެވެ.

ދޯންޏެއްގައި ބިދޭސީންތަކެއް: މިއީ ހައްލުނުވެ، ދިގުލައިގެން ގޮސްފައިވާ މައްސަލައެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީގެ ކުރީގައި ބިދޭސީން ރާއްޖޭގައި އުޅެމުން އައީ އެއްވެސް ހަމައެއް ލަމައެއް ނެތިއެވެ. އެ ގޮތް ބަދަލުކުރަން ބިދޭސީން ރާއްޖޭގައި ވަޒީފާތަކުގައި ގެންގުޅެވޭ އުސޫލު ހަރުދަނާކޮށް، ވަޒީފާއާ ބެހޭ ގާނޫނަށް އަށްވަނަ އިސްލާހު ގެނައެވެ. އެ އިސްލާހު މިދިޔަ އަހަރުގެ ސެޕްޓެމްބަރު ދެވަނަ ވަނަ ދުވަހު ރައީސް ތަސްދީގުކުރެއްވުމުން ވަނީ، އަމަލު ކުރަން ފަށާފައެވެ.

މި ބޮޑު މައްސަލައަށް ހައްލެއް އަންނަކަން ހާމަކޮށްދެނީ އިމިގްރޭޝަން މުވައްޒަފުންގެ ވާހަކަތަކުންނެވެ. ނަން ނުޖަހަން ޝަރުތުކޮށް އިމިގްރޭޝަންގެ މުވައްޒަފަކު ވިދާޅުވީ، މީގެ ކުރީގައި އިމިގްރޭޝަން ޔުނީފޯމު އެއީ ކޯޗެއް ކަން ވެސް ގިނަ ބިދޭސީންނަށް ނޭނގޭ ކަމަށެވެ. އެއާ ޚިލާފަށް، މިހާރު މަގުމަތިން ބިދޭސީއަކަށް ފެނުނަސް އުޅެނީ ފިލަން ކަމަށް އެ މުވައްޒަފު މަޖާޒީ ގޮތެއްގައި ވިދާޅުވިއެވެ.

ނުރުހުން އަމާޒުވިޔަސް، ދުންފަތާ ދެކޮޅަށް ކުރަން ނުކެރިފައި ހުރި އެތައް ކަމެއް ކުރެއްވި!

މި ސަރުކާރުން ވަނީ، ދުންފަތާ ދެކޮޅަށް ވެސް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން، 2007 ފެށިގެން އުފަންވި އަދި އުފަންވާ އެންމެނަށް މި މަހުން ފަށައިގެން ވަނީ، ސިނގިރޭޓު މަނާކޮށްފައެވެ. އޭގެކުރިން ދުންފަތުން ނަގާ ޑިއުޓީ ވެސް ބޮޑުކުރިއެވެ.

ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން މިދިޔަ އަހަރުގެ ނޮވެންބަރު 15ގައި މަނާކުރިއެވެ. އަދި، ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ރާއްޖޭގައި ބޭނުންކުރުމާއި ގެންގުޅުމާއި އުފެއްދުމާއި ވިއްކުމާއި އިޝްތިހާރު ކުރުމާއި ހިލޭބެހުން ވެސް ވަނީ މަނާކޮށްފައެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު: އެ މަނިކުފާނު ކުރެއްވީ ޝުކުރު ހައްގު މަސައްކަތްޕުޅުތަކެއް -- ސަން ފޮޓޯ/ މޫސާ ނަދީމް

އެ ފިޔަވަޅުތައް ތަންފީޒުކުރުމަށް ވެސް މަސައްކަަތްތަކެއް ކުރިއެވެ. އެގޮތުން، މިހާރު ގާނޫނަށް ގެނައި ބަދަލާއެކު އީ-ސިނގިރޭޓު އަދި ވޭޕް ކުރުމަށް ބޭނުންކުރާ އާލާތެއް ކުޑަކުއްޖަކަށް ވިއްކައިފި ނަމަ، އެ ފަރާތެއް 50،000 ރުފިޔާއިން ޖޫރިމަނާ ކުރަން ނިންމިއެވެ. އެ ކަމުން ފެނުނު ނަތީޖާއަށް ވެސް ސަރުކާރަށް ތައުރީފު ހައްގެވެ.

ސްކޫލުތަކަށް ވަގަށް ވޭޕު އެތެރެކުރުމާއި، ކްލާސްރޫމްތަކުގައި ވަގަށް އެ ބުއިމަކީ ކުރިން ކޮންމެ ދުވަހަކުހެން ފެންނަ ކަންކަމެވެ. ފުރާވަރުގެ ވަކި އުމުރެއް، ޖިންސެއް ނެތެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވަރަށް ފަހުން ވިދާޅުވި ގޮތުގައި، މާލެ ސަރަހައްދުގެ ސުކޫލުތަކުން މީގެކުރިން ދުވާލަކަށް 50 އާއި 60 އެއްހައި ވޭޕް ސްޓިކް ފެނެއެވެ.

ކަސްޓަމްސްއިން ނައްތާލަން ތައްޔާރުކޮށްފައި ހުރި ސިނގިރޭޓުތަކެއް -- ސަން ފޮޓޯ: މާނިއު މުޙައްމަދު

އެއާ ޚިލާފަށް، މިހާރު ނުފެނެއޭ ބުނާ ވަރަށް ސުކޫލުތަކުން ވޭޕް ފެނުން މަދުވެއްޖެ ކަމަށް ޝަފީއު ވިދާޅުވިއެވެ.

މިއީ، މުޅި މުޖުތަމައުގެ ސިއްހީ ދުޅަހެޔޮކަމަށް ސަރުކާރުން އެޅި، ތައުރީފު ހައްގު ފިޔަވަޅެކެވެ. މި ކަންކަމާ ހެދި ނުރުހުމާ ފާޑުކިޔުން އަމާޒުވިޔަސް ސަރުކާރުގެ ފަރުވާލެއް ނެތެވެ. ބަހައްޓައިގެން ބެސް ނުވާނެއެވެ. ސަބަބަކީ، އަމާޒަކީ، ދުންފަތުގެ ދުމުން ރައްކާތެރިކޮށް، ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުން ކަމަށް ވުމެވެ.

ޑުރަގުގެ މައްސަލަ ހައްލުކުރަން ލުހެލަން ފެށީ، ފޮރުވިގެން މުގުލުގައި ތިބި ބޮޑުން!

މި ރާއްޖެއަށް ދިމާވެފައި އޮތް އަނެއް ބޮޑު މައްސަލައަކީ، މަސްތުވާތަކެތީގެ މައްސަލައެވެ. މުޖުތަމައުގެ އެތައް ބައެއްގެ މަސްލަހަތާ ގުޅިފައި އޮތް މި މައްސަލައިގައި ނޫޅޭ އުމެރެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނެވެ. މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. މި މައްސަލަ ހައްލުކުރުމަށް ވެސް ސަރުކާރުން ކުރީ މިންނަތް މަސައްކަތްތަކެވެ.

އެގޮތުން، މައްސަލައިގެ އެންމެ ފުނަށް ފީނައި، މުގުލުގައި ތިބި ބޮޑުން އަތުލައިގަންނަން ވަނީ ފަށާފައެވެ. އޭގެ އެއް ހެއްކަކީ، ފުވައްމުލައް ސިޓީގައި އެންމެ އިސްކޮށް، އެ ވިޔަފާރި ކުރަމުން އައި ދެ މީހުން ހައްޔަރުކުރުމެވެ.

މަސްތުވާ ބޭނުންކުރާ އައްޑާ އެއްތެރެ: ސަރުކާރުން އަންނަނީ މަސްތުވާތަކެތީގެ އެކި އޮޕަރޭޝަންތައް ހިންގަމުން -- ސަންފޮޓޯ/ ޢާލިމް އަބްދުއްލަތީފް

އެއީ، 34 އަހަރާއި 29 އަހަރުގެ ފުވައްމުލަކަށް ނިސްބަތްވާ ދެ ފިރިހެނުންނެވެ. ފުލުހުންގެ ތަހުގީގަށް ހޯދާފައިވާ ގޮތުގައި، އޭގެތެރެއިން، 34 އަހަރުގެ މީހާގެ ބޭންކު އެކައުންޓު މެދުވެރިކޮށް މިދިޔަ ފަސް އަހަރު ތެރޭގައި ވަނީ، 21 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިނގާފައިވާ ކަމެވެ.

އޭގެއިތުރަށް، ދެވަނަ މީހާގެ ބޭންކު އެކައުންޓު މެދުވެރިކޮށް ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވާކަން ވެސް ފުލުހުންގެ ތަހުގީގަށް ވަނީ އެނގިފައެވެ.

މިދިޔަ ފެބްރުއަރީ ހަތެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، މަސްތުވާތަކެއްޗަށް ޚާއްސަކޮށް ހިންގި އޮޕަރޭޝަންތަކުން ފުވައްމުލައް ސިޓީގައި އޮންނަ މަސްތުވާތަކެތީގެ ނެޓްވޯކުތައް މިދިޔަ އަހަރު ތެރޭގައި އެއްކޮށްހެން ނައްތާލެވިފައިވާ ކަމަށެވެ.

އެ އަހަރުގައި 1.2 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެވުނު ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރައީސާއި ހޯމް މިނިސްޓަރު އަލީ އިހުސާން -- ފޮޓޯ/ ރައީސް އޮފީސް

މިއީ، މި ބޮޑު މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކޮށްފައި ހުރި މަސައްކަތުގެ ކުޑަ މިންވަރެކެވެ. މިހާރު ވެސް، މަސްތުވާތަކެއްޗާ ބެހޭ ބިލަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައި އެބަ އޮތެވެ.

އެ ބިލުގައި، މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދޭން ހިމެނުމަށް، އެކަން ދިރާސާކުރަން އަންގަވައިފައިވާކަން މިދިޔަ ޖުލައި 30ގައި ވަނީ އިއުލާންކުރައްވައިފައެވެ.

އޭގެފަހުން، ފުލުހުންގެ 500 އޮފިސަރުން ނެރެ, 100 ތަނެއް ބަލައި ފާސްކުރަން ޑުރަގާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް މިދިޔަ ހަފުތާގައި ވަނީ ހިންގާފައެވެ.

އޮޕަރޭޝަން އަލިމަގުގެ ނަމުގައި ހިންގި އެ އޮޕަރޭޝަނުގައި 100އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އެ މަނިކުފާނު ވިދާޅުވީ، ކުދިކުދި އިޖުރާއީ މައްސަލަތަކުގެ ސަބަބުން މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭ މީހުން މިނިވަންވުމަކީ ރައްޔިތުން ބޭނުންވާ ކަމެއް ނޫން ކަމަށެވެ.

"އެއްވެސް ނުފޫޒެއްގައި ނުޖެހި މުޅި ދައުލަތް މަސައްކަތް ކޮށްފިއްޔާ މި ގައުމުން މި ސަރުކާރު މަސައްކަތުން ޑްރަގު ވަބާ ފޮހެލާނަން" އެ މަނިކުފާނު މި ފަހުން ވިދާޅުވިއެވެ.

އެއަށް އިތުރުވި އަނެއް ބޮޅަކީ، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން ރާއްޖޭގައި ދިރިއުޅެން އުނދަގޫވާ ވަރަށް ފުލުހުން މަސައްކަތްކުރާނެ ކަމަށް ވިދާޅުވެ މިނިސްޓަރު އިހުސާން ވެސް އިންޒާރު ދެއްވާފައިވާތީއެވެ.

މިއީ، މި ސަރުކާރަށް ދެ އަހަރުވީއިރު، ހާސިލުކުރެވުނު ވަރަށް ބޮޑެތި ކާމިޔާބީތަކެކެވެ. ޒަމާންވީ މައްސަލަތައް ހައްލުކުރުމަށް ކުރިއަށް އެޅުނު ހަރުދަނާ ފިޔަވަޅެކެވެ. މުޖުތަމައުގެ އަމާންކަމަށް މަގުފަހިކޮށްދޭ، ހަނގުރަމާއެކެވެ.