22 Aug 2012, 17:16
ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމަށް ކުރިމަތިވެވަޑައިގެންނެވި ކަމަށް ބުނާ މަޖުބޫރީ ހާލަތްތަކުގެ މައްޗަށް ބިނާކޮށް "މަޖުބޫރު ކުރުވި އިސްތިއުފާ"ގެ ނަމުގައި ކުރީގެ ޔޫތު މިނިސްޓަރު ހަސަން ލަތީފް ފޮތެއް ނެރުއްވަން ހަމަޖައްސަވައިފި އެވެ.
އެމްޑީޕީގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ހަސަން ލަތީފް މިއަދު ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެ ފޮތް ނެރުއްވުން އޮންނާނީ މާދާމާ ރޭ މާލޭ ސިޓީ ކައުންސިލްގައި ބާއްވާ ރަސްމިޔާތެއްގައި ކަމަށެވެ.
އޭނާ ވިދާޅުވީ އެ ފޮތުގައި ފެބްރުއަރީ ހަ ވަނަ ދުވަހުގެ ރެއިން ފެށިގެން ހަތް ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ މަގާމުން ނަޝީދު އިސްތިއުފާ ދެއްވުމާހަމަ އަށް ކުރިމަތިވެވަޑައިގެނެވި މަޖުބޫރީ ހާލަތުގެ ވާހަކަ ލިޔެފައިވާނެ ކަމަށެވެ.
"މި ފޮތުގައި އަޅުގަނޑު ވާނެ ތަފްސީލްކޮށް ބަލާލާފައި ]ކުރީގެ ރައީސް ނަޝީދަށް[ ކުރިމަތިވެވަޑައިގެންނެވި މަޖުބޫރީ ހާލަތުގެ ވާހަކަ،" ހަސަން ވިދާޅުވި އެވެ.
ނަމަވެސް އެ ފޮތަކީ ކިތައް ސޮފުހާގެ ފޮތެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
އޭނާ ވިދާޅުވީ އެ ފޮތުގައި ނަޝީދުގެ ސީދާ އިންޓަވިއުތައް ހުރި ގޮތަށް ހިމަނާފައިނުވާ ކަމަށާއި ނަމަވެސް ވެރިކަން ބަދަލުވި ގޮތުގެ ތަހްގީގު ހިންގުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފައްދަވާފައިވާ ނޭޝަނަލް އިންކުރީ ކޮމިޝަނަށް ނަޝީދު ދެއްވާފައިވާ މައުލޫމާތުތަކުގެ މައްޗަށް ބަލާލާފައިވާނެ ކަމަށެވެ.
އަދި ވިދާޅުވީ ވެރިކަން ބަދަލުވި ގޮތާ ގުޅޭ ގޮތުން ގާނޫނީ ނަޒަރަކުން އޭނާ ދެކޭ ގޮތް ވެސް އެ ފޮތުގައި ހިމަނާފައިވާނެ ކަމަށެވެ.
ލަތީފް ވަނީ އިންކުރީ ކޮމިޝަނަށް ނަޝީދު ވަޑައިގެން މައުލޫމާތު ދެއްވި ދުވަހު އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންފަ އެވެ.
ހަސަަން ލަތީފު ވިދާޅުވީ އޭނާ ނެރުއްވާ ފޮތް ވިއްކަވާނީ ފޮތެއް 100.ރ އަށް ކަމަށެވެ.
"ފުލުހުންނާއި ސިފައިން ހިނގި ބަޣާވާތް" ނަމުގައި ނަޝީދު ސަރުކާރުގެ ޑިފެންސް މިނިސްޓަރު އަދި ފަހުން ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަމީން ފައިސަލާއި އޭރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިދިޔަ ޖޫން މަހު ވަނީ ފޮތެއް ނެރުއްވާފައިވެ އެވެ.
އަދި އެހެންމެ ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގެން ކަމަށް އެމްޑީޕީން ބުނާ ސަބަބުތަކާ ދެކޮޅަށް ގައުމީ ޕާޓީން މިދިޔަ ހޯމަ ދުވަހު ވަނީ ފޮތެއް ނެރެފަ އެވެ.
ވެރިކަން ބަދަލުވި ގޮތުގެ ތަހްގީގު ހިންގުމަށް އުފައްދާފައިވާ ނޭޝަނަލް އިންކުއަރީ ކޮމިޝަނުގެ ތަހްގީގު ރިޕޯޓު ނެރުމަށް ހަމަ ޖައްސާފައި ވަނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ އެވެ.