16 Nov 2025, 18:54
މިދިޔަ ހަފުތާގައި މާލެއާއި ސިނަމާލެ ބުރިޖުގައި ޖުމުލަ 54 އެކްސިޑެންޓު ހިނގައި، އަށް މީހަކަށް އަނިޔާވި ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން ވަނީ، މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް މާލެއާއި ސިނަމާލެ ބުރިޖުގައި ހިނގި އެކްސިޑެންޓުތަކުގެ ތަފުސީލުތައް ހިއްސާކޮށްފައެވެ.
އެ ހިސާބުތަކުން އެނގޭ ގޮތުގައި، އެންމެ ގިނައިން އެކްސިޑެންޓުތައް ހިނގާފައި ވަނީ މާލޭގައެވެ. އެއީ، 47 އެކްސިޑެންޓު ކަމަށްވާއިރު، ސިނަމާލެ ބުރިޖުގައި ހިނގީ ހަތް އެކްސިޑެންޓެކެވެ.
ޖުމުލަ 54 އެކްސިޑެންޓު ހިނގިއިރު، އެންމެ ގިނަ އެކްސިޑެންޓުތައް ހިނގާފައި ވަނީ، މިދިޔަ ހޯމަ ދުވަހެވެ. އެ ދުވަހު އެކަނި 13 އެކްސިޑެންޓު ހިނގިއިރު، މިދިޔަ އާދިއްތަ ދުވަހު ހިނގީ 12 އެކްސިޑެންޓެކެވެ.
އޭގެތެރޭގައި ހިމެނެނީ، ސީރިއަސް ތިން އެކްސިޑެންޓާއި ކުޑަ 51 އެކްސިޑެންޓެވެ.

މާލޭގައި އެކްސިޑެންޓެއް ހިނގާފައި: މިދިޔަ ހަފުތާގައި މާލެއާއި ސިނަމާލެ ބުރިޖުގައި 54 އެކްސިޑެންޓު ވަނީ ހިނގާފައި -- ސަން ފޮޓޯ/ މޫސާ ނަދީމް
މި އެކްސިޑެންޓުތަކުގައި އަށް މީހަކަށް ވަނީ އަނިޔާވެފައެވެ. އަދި، 43 އުޅަނދަކަށް އެކިވަރުގެ ގެއްލުންތައް ވަނީ ވެފައެވެ.
އޭގެއިތުރަށް، މިދިޔަ ހަފުތާގައި ގިނައިން އެކްސިޑެންޓުތައް ހިނގާފައި ވަނީ، ދުވާލުގެ ވަގުތުތަކުގައެވެ. އެގޮތުން، ދުވާލު 43 އެކްސިޑެންޓު ހިނގާފައިވާއިރު، ރޭގަނޑުގެ އެކި ވަގުތުތަކުގައި ވަނީ، 11 އެކްސިޑެންޓު ހިނގާފައެވެ.
އެކްސިޑެންޓުތަކުގެ ވައްތަރުތަކަށް ބަލާއިރު، އެންމެ ގިނައިން މިދިޔަ ހަފުތާގައި އެކްސިޑެންޓުތައް ހިނގީ، ސައިކަލާއި ކާރު ޖެހިގެންނެވެ. އެ ބާވަތުގެ 15 އެކްސިޑެންޓު ހިނގާފައިވާއިރު، ސައިކަލުތައް ޖެހިގެން 13 އެކްސިޑެންޓު ހިނގިއެވެ.
ފުލުހުން އެކްސިޑެންޓުތަކުގެ ހިސާބުތައް އާންމުކުރިއިރު، ދޭތެރެއަކުން ނުރައްކާތެރި އެކްސިޑެންޓުތަކުގައި މީހުން މަރުވެއެވެ. އެގޮތުން، މިދިޔަ ހޯމަ ދުވަހު ވެސް ވަނީ، ދެ ސައިކަލު ޖެހި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒުވާނަކު މަރުވެފައެވެ.