16 Nov 2025, 18:37
އެކި މީހުން އަތުކުރި އޮޅާލާ ވީޑިއޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށް، ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ދަރިވަރުންތަކެއް ކެމްޕޭނެއް ފަށައިފިއެވެ.
ފާއިތުވެދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި، އަންހެނުންނާއި ފިރެހެނުން ހިމެނޭ ގޮތަށް ގިނަ ބަޔަކު އަތުގެ މުލައްދަނޑިއާ ހަމައަށް އަތުކުރި އޮޅާ މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެންމެން އަތުކުރި އޮޅާލުމަށްފަހު ބުނެފައިވަނީ މިއީ ގައުމީ ކެންޕެއިނެއް ކަމަށެވެ.
މި ވީޑިއޯތަކުގައި މަގުބޫލު ބައެއް ޝަހްސިއްޔަތުތަކާއި، ޔުނީފޯމް އެޅި ބައެއް އިދާރާތަކުގެ މުވައްޒަފުންވެސް އަތުކުރި އޮޅާތަން ފެނެއެވެ. އޭގެ ތެރޭގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމާއި، ޑރ. އަބްދުﷲ ނިޔާފާއި ޕީއެސްއެމްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު ވެސް ހިމެނެއެވެ.
މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ، ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ކިޔަވާ ދަރިވަރުންތަކެއް ހިންގާ ގައުމީ ކެމްޕޭނެކެވެ. އެގޮތުން، މި ކެމްޕޭން ހިންގުމުގައި ބައިވެރިވާ ފަރާތަކުން ހިއްސާކުރި ވީޑިއޯއެއްގައި އެކަން ވަނީ ހާމަކޮށްފައެވެ.
އެ ކެމްޕޭނުގެ ލީޑަރު އަދި އެމްއެންޔޫގެ ދަރިވަރެއް ކަމަށްވާ އަހުމަދު ޝަފްރާޒް ވަނީ، ކެމްޕޭނުގެ އަސްލު މަގުސަދު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރަސްމީކޮށް އިއުލާން ކުރާނެކަން ހާމަކޮށްފައެވެ. ނަމަވެސް އިތުރު މައުލޫމާތެއް ހިއްސާކޮށްފައިނުވެއެވެ.