17 Nov 2025, 14:36
ކޮވިޑް-19ގައި ގައުމު ވެއްޓުނު އަޑިގަނޑުން އަރައިގަނެ، ސަލާމަތްވެފައިވާ އަމިއްލަ ވިޔަފާރިތައް ވެސް މިއަދު މިވަނީ ސަލާމަތްނުކުރެވޭ ހާލަތުގައެވެ. ބައެއް ވިޔަފާރިތައް ބަނގުރޫޓުވެއްޖެއެވެ. ކެފޭ ނުވަތަ ރެސްޓޯރެންޓަކަށް ވަނަސް، ނުވަތަ ފުޅާ ދާއިރާއެއްގައި ދަނޑު ހައްދާ ދަނޑުވެރިއަކަސް މިއަދު ތިބީ ހަމަ އެއް ހާލަތެއްގައެވެ. މާޔޫސްކަންމަތީއެވެ.
އެންމެ ކައިރިން މިސާލެއް ޖަހާނަމަ ދަންނަ ރައްޓެއްސެއްގެ ވިޔަފާރިއެކެވެ. ދެހާސް ނަވާރަ ވަނަ އަހަރު އޭނާ ވިޔަފާރިއެއް ފެށީ ދުބާއީ ފަދަ ގައުމުތަކުން ލެޕްޓޮޕް ގެނެސްގެން ވިއްކާށެވެ. ކުޑަ ފިހާރައެއް މާލޭގައި ހުޅުވައިގެން ފެށި އެ ވިޔަފާރިއަށް މާ ދުވަސްތަކެއް ނުވަނީސް ބައްދަލުވީ ކޮވިޑްގެ އާލަމީ ވަބާއާއެވެ. އެހެންނަމަވެސް އޮންލައިންކޮށް ވެސް އެ ވިޔަފާރިކޮށްގެން އެ ހާލަތުގައި އޭނާގެ ވިޔަފާރި ބަނގުރޫޓު ވިޔަނުދީ ހިފަހައްޓައިލިއެވެ. އޭގެ ފަހުން މަހަކު ހަލައްކަ އާމްދަނީގެ ގޮތުގައި ލިބި، ތަނުގެ ކުއްޔާއި މުވައްޒަފުންނަށް މުސާރަ ދީފައި ވެސް އޭނާއަށް ފައިދާވެއެވެ.

އިކޮނޮމިކް މިނިސްޓަރު ސައީދު: --- ފޮޓޯ/ އެސްޓީއޯ
ނަމަވެސް މިއަދު ހާލަތު ބަދަލުވެއްޖެއެވެ. މަހަކު ދެލައްކަ ވަރުވެސް ނުޖެހެއެވެ. މުވައްޒަފުންނަށް މުސާރަ ވެސް ދެވޭ ވަރު ނުވެއެވެ. އެންމެ ފަހުން ލެޕްޓޮޕް ވިއްކުމުގެ ވިޔަފާރި ކުރަމުން އައި ފިހާރަ ޖެހުނީ އާއްމު މުދާ ވިއްކާ ކަންމަތީ ފިހާރައަކަށް ބަދަލު ކުރާށެވެ.
މިއީ އަދި ކުޑަކުޑަ މިސާލެކެވެ. މިއީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އަދުގެ ހާލަތެވެ.
މިވާހަކަ އެކި ފަރާތްތަކުން 'ރަނގަބީލެއް' ޖަހާ އުސޫލުން ދައްކާތާ އެތައް ދުވަހެއްވެއްޖެއެވެ. އަދުގެ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށެވެ. އަމިއްލަ ވިޔަފާރިތައް ސަލާމަތްކުރުމަށް ނުދައްކާ ވާހަކައެއް ނެތެވެ. ނަމަވެސް ސަރުކާރުން ކުރާހާ ވެސް ކަމަކީ އެ ވާހަކަތަކަށް ބީރު ކަންފަތެއް ދިނުމެވެ. ނޫނީ ކޮންމެވެސް އެހެން މޮޅު ވާހަކައެއް ދެއްކުމަށްފަހު ހަގީގީ މައްސަލައަށް ފަސް އަޅައި ފޮރުވާލުމެވެ.
ދަނޑުވެރިއަކު އޭނާގެ ދަނޑަށް ފެން ޖަހަނީ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު
ދެން ހަނދާނަށް އަންނަނީ މީގެ ފަސް ވަރަކަށް މަސްކުރިން ކުރީގެ ވިދާޅުވި ވާހަކައެކެވެ. ސަރުކާރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާ ދެކޮޅަށް 'ހަނގުރާމަ' އިއުލާނުކޮށްފައިވާ ކަމަށް ވިދާޅުވެ އަމީރު ކަންބޮޑުވުން ފާޅުކުރިއެވެ. އަމިއްލަ ވިޔަފާރިތަކަށް ސަރުކާރުން ދޭންޖެހޭ އެތައް ބިލިއަން ރުފިޔާ ނުދީ ހިފަހައްޓައި، ވިޔަފާރިތައް ބަނގުރޫޓުކޮށްލާފައިވާ ކަމަށް އޭރު ވެސް ވިދާޅުވިއެވެ.
މި މޭރުމުން އެތައް އިކޮނޮމިސްޓުންނަކާއި، ސިޔާސީ ލީޑަރުންނާއި، ވިޔަފާރިވެރިންގެ އިތުރުން އާއްމު ރައްޔިތު މީހާ ވެސް ދިޔައީ ވާހަކަދައްކަމުންނެވެ.
ލޯނު ލިބުން ދަތިވެ، ޑޮލަރު ލިބުން ދަތިވެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ދުވަހެއް ދުވަހަކަށް މަތިވަމުންދާއިރު ވެސް ސަރުކާރުން ހަމައެކަނި ބުނަމުން ދަނީ 'ގައުމު ދަނީ ރަނގަޅަށް' ކަމަށެވެ. ގައުމުގެ 'އިގްތިޞާދު ރަނގަޅު' ކަމަށެވެ. ސަރުކާރަށް ފާޑުކިޔާނަމަ ދެން ދުލުކުރިމަތީ އޮންނަނީ މުޅިން ވެސް 'ކުރީ ސަރުކާރު' ނުވަތަ 'ކުރީ ސަރުކާރުތަކުން' މިއެވެ. ފާއިތުވެދިޔަ ދެ އަހަރު ވެސް މި ދައްކަނީ ހަމަ އެއް ވާހަކައެއް ނޫން ހެއްޔެއެވެ؟ އަމަލުން ކަމެއް ކުރާ ތަނެއް ނުވަތަ އެ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމުގެ ވިސްނުމެއް ވެސް ނެތީ ނޫންހެއްޔެއެވެ؟
ވިޔަފާރިތަކަށް ސަރުކާރުން ދޭންޖެހޭ އެތައް ބިލިއަން ރުފިޔާ ނުދީ
މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެން ނިމިދިޔަ ހުކުރު ދުވަހާ ހަމައަށް މިދިޔަ ސަރުކާރުން ފައިސާ ނުދައްކާ 'ފުނިޖައްސާފައި' ހުރި 1،040 ފަރާތަކަށް 444.3 މިލިއަން ރުފިޔާ ފައިސާ ޗާޕުނުކޮށް ދައްކާފައިވާކަމަށް ހުކުރު ދުވަހުގެ ރޭ އޮތް ޕީއެންސީގެ ބޮޑު ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ. އަނެއްކާވެސް ކުރީ ސަރުކާރުގެ ނަން ލުމަށްފަހު އެ ދެއްކެވި ވާހަކަފުޅެއް އެ ދެއްކެވީ އަމިއްލަ ވިޔަފާރިތަކަށް އެމަނިކުފާނުގެ ސަރުކާރުން ފައިސާ ދައްކާ ޚަލާސްކުރާނެކަމަށް އެތައް ތާރީޚުތަކެއް ދިނުމަށްފަހު، އެކިއެކި ޕޯޑިއަމްތައް ދޮށުގައި ދެ އަހަރު އެ ވާހަކަތައް ތަކުރާރުކުރުމަށްފަހުއެވެ.
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި، ރައީސް ޑރ. މުއިއްޒު -- ފޮޓޯ/ ރައީސް އޮފީސް
މިދިޔަ އޮކްޓޫބަރު މަހުގެ ދެވަނަ ދުވަހު އެ މަނިކުފާނު ވަނީ، ކުރިއަށް އޮތް ފަސް ހަފުތާ ތެރޭ، ސަރުކާރުން އަމިއްލަ ވިޔަފާރިތަކަށް ނުދައްކާ ހުރި ފައިސާ ދައްކައި، ޚަލާސްކުރާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެކަމެއް ނުވެއެވެ. ހުކުރު ދުވަހުގެ ރޭ ދެން ވިދާޅުވީ 'އެ ފަސް ހަފުތާ ތެރޭ އެމަނިކުފާނު ވިދާޅުވި ގޮތަށް ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދޫކުރަން ފަށާފައިވާނެ' ކަމަށެވެ.
ޚަރަދުކުޑަކުރުމުގެ ނަމުގައި މަޝްރޫއުތައް އޮއްސައިލީ އެސްއޯއީތަކަށާއި ސިޔާސީ މީހުންގެ އަމިއްލަ ކުންފުނިތަކަށް!
ދެން ފަތުއަޑު ކިޔާފައި މިފަހުން އެންމެ ބޮޑަށް ދެކެވުނު އެއް ވާހަކައަކީ 206 މަޝްރޫއެއް ބީލަމަށް ވެސް ލުމެއްނެތި އަމިއްލަ 53 ކުންފުންޏަކަށް ބަހައިލި ވާހަކައެވެ. ރަށުތެރޭ އެންމެ ބޮޑަށް ދެކެވުނު ވާހަކައަކީ އޭގެ ތެރޭގައި ގިނައިން ހިމެނެނީ ސަރުކާރުގެ އިސްވެރިންނާ ކޮންމެވެސް ގޮތަކުން ގުޅުންހުރި ކުންފުނިތައް ކަމަށެވެ. ބަލައިލިއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުالله އާއި އަދި އެ ނޫން ވެސް ބައެއް ސިޔާސީ ބޭފުޅުންނާ ގުޅުންހުރި ކުންފުނިތައް ހިމެނެއެވެ.
މިކަމެއް މި ހިނގައިދިޔައީ އަމިއްލަ ކުންފުނިތަކަށް އެއްވެސް ވަރަކަށް މަޝްރޫއުތައް ނުދީ، ސަރުކާރުގެ ހިއްސާ އޮތް ކުންފުނިތަކަށް މަޝްރޫއުތައް ދޭތީ އެވާހަކަ ދައްކާތާ އެތައް ދުވަހެއް ފަހުން ސަރުކާރަށް ދެ އަހަރުވާން ގާތްވެފައި ވަނިކޮށް މިމަހުގެ ހަވަނަ ދުވަހުއެވެ. އެކަމާ ގުޅިގެން ވާހަކަދައްކައިލި ގިނަ މީހުން ސިފަކުރި ގޮތުގައި އެއީ އެ ވާހަކަތަކުގައި ސަރުކާރުން އަޅައިލި 'މަތިގަނޑެ'ކެވެ.
މިހާ ހިސާބުން އެ ނިމުނީއެއް ނޫނެވެ. އެމަނިކުފާނު ރަށްރަށަށް ވަޑައިގެން ގިނަ މަޝްރޫއުތައް ސަރުކާރުގެ ކުންފުނިތަކާ ހަވާލުކުރުމުގެ ކަންބޮޑުވުން އޮތްއިރު ދެން އެންމެ ބޮޑަށް ހައިރާންވާ އަނެއް ކަމަކީ ބައެއް ކުންފުނިތައް އުފައްދާފައިވާ މަގުސަދުން ބޭރުން ވެސް މަސައްކަތްތައް ހަވާލުކުރާތީއެވެ.
މި ސަރުކާރުން ދައުލަތުގެ ކުންފުނިތަކާ މަޝްރޫއުތައް ހަވާލުކުރަން ފެށީ ޚަރަދު ކުޑަކުރުމުގެ ގޮތުންނެވެ. އެގޮތުން ދައުލަތުގެ ޚަރަދު ކުޑަ ކުރުން މި އަހަރުގެ ބަޖެޓުގައި ސަބްސިޑީއާއި ޕެންޝަނަށް އިސްލާހު ގެންނަން އޮތް ނަމަވެސް، ރައީސް ފަހުން ނިންމެވީ މަޝްރޫއުތައް ހިންގާ ގޮތް ބަދަލުކޮށްގެން ޚަރަދުތައް ކުޑަކުރުމަށެވެ.

ބީއެމްއެލް އޭޓީއެމް މެދުވެރިކޮށް ޑޮލަރު ނަގަނީ --- ފޮޓޯ/ ބީއެމްއެލް
ޑޮލަރުގެ އަގު އަތްނުފޯރާ ފަށުގައި
ޑޮލަރުގެ އަގު ދަށްކޮށްދޭނެ ކަމުގެ ވައުދާއެކު އައި މި ސަރުކާރުގައި ޑޮލަރުގެ އަގު ވަނީ 'އަތްނުފޯރާ' ވަރަށް މަތިވެފައެވެ. އެހެން ބުނަން މިޖެހުނީ މިއިން ދުވަހަކުވެސް ޑޮލަރުގެ އަގު ނުދާ ވަރަށް މައްޗަށް ދިޔުމުންނެވެ.
އެހެން އެކަންވީ 20 ބިލިއަނެއްހާ ރުފިޔާ ދަރަންޏަށް ހޭދަކުރަންޖެހުމެވެ. ގިނަ ލޯނުތައް ނަގާފައި ހުންނާނީ ޑޮލަރުންނެވެ. އެއަށް ފައިސާ އެއްކުރަން މާކެޓަށް ނެރޭ ކޮންމެ 100 ޑޮލަރަކުން 90 ޑޮލަރު ނަގަނީ މަރުކަޒީ ބޭންކް، އެމްއެމްއޭއަށެވެ. އެހެންވެ، ޑޮލަރެއްގެ އަގު އެ ހުރީ 20 ރުފިޔާއިން މަތީގައެވެ. މާނައަކީ ރުފިޔާގެ އަގު ދަށްވީއެވެ. ނަތީޖާއެއްގެ ގޮތުން ތަކެތީގެ އަގު އުފުލި، ތަކެތި އެތެރެކުރަން ކުރަންޖެހޭ ހޭދަ ބޮޑުވަނީއެވެ.
ބޭންކްތަކަށް މާރުކުރާ ޑޮލަރުގެ 90 އިންސައްތަ އެމްއެމްއޭއަށް ނަގަން ފެށީ ދަރަނީގެ މައްސަލަ ބޮޑުވެފައިވަނިކޮށެވެ. އެ ގޮތުން، މި އަހަރު އެކަނި ވެސް ދަރަންޏަށް 500 މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއް ދައްކަންޖެހޭއިރު އަންނަ އަހަރު އެ އަދަދު 1.1 ބިލިއަން ޑޮލަރަށް އަރާނެއެވެ.
މި ހުރިހާ ސަބަބަކާ ހުރެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް މިއަދު މިއޮތީ ބަނގުރޫޓުވެފައެވެ.
އެކަމަކު ދެން އަދި ވީ މާ މަޖާ ކަމެކެވެ. ތަކެތީގެ އަގު އުފުލުމުން ރައީސް މުއިއްޒު ވަނީ ސިޔާސީ ބޭނުމުގައި އަމިއްލަ ވިޔަފާރިވެރިން ގަސްތުގައި ރާވައިގެން ތުހުމަތުކުރައްވާފައެވެ. އެ މަނިކުފާނު ވިދާޅުވީ، ވިޔަފާރިވެރިންނަށް ހެޔޮ އަގުގައި ޑޮލަރު ދޫކުރާ ކަމަށާއި އެ މީހުން ތަކެތީގެ އަގު ބޮޑުކުރީ ގަސްތުގައި ކަމަށެވެ. އެސްޓީއޯ މެދުވެރިކޮށް މޭވާއާއި ތަރުކާރީ ހިމެނޭހެން އާންމުން ބޭނުންކުރާ ގިނަ ބާވަތްތައް އެތެރެކުރަން ނިންމީ އެހެންވެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މިއީ އަމިއްލަ ވިޔަފާރިތަކަށް ސަރުކާރުން ވަނުން ނޫން ދެން ކޮން ކަމެއްހެއްޔެވެ؟
މި ހުރިހާ ސަބަބަކާ ހުރެ މިއަދު މިއޮތީ ވިޔަފާރިވެރިން ނޯށުން ރޯންޖެހިފައެވެ.