30 Aug 2010, 19:32
00:35
ވޯޓުލާ މީހުންގެ ލިސްޓުގައި މަރުވެފައިވާ މީހުންގެ ނަން އޮތުމަކީ، އެ ލިސްޓުގެ ސައްހަކަން ގެއްލިގެންދާ ކަމެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ވޯޓާޒް އެޑިއުކޭޝަން ޕްރޮގްރާމްގެ ދަށުން އިލެކްޝަންސް ކޮމިޝަނާއި ސަންއެފްއެމް ގުޅިގެން މިރޭ ގެނެސްދިން ލޯކަލް ކައުސިލްތަކުގެ އިންތިހާބު 2010 ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން، އިލެކްޝަންސް ކޮމިޝަނުގެ ލީގަލް ސަރވިސަސް ޑިރެކްޓަރ ހުސެން އާމިރު ވިދާޅުވީ، ވޯޓާޒް ރަޖިސްޓްރީގައި މަރުވެފައިވާ މީހުންގެ ނަން ހިމެނޭކަން ފާހަގަކޮށް، ބައެއް ފަރާތްތަކުން ކުރީގެ އިންތިހާބުތަކުގައިވެސް ޝަކުވާ އުފުލާފައިވާ ކަމަށެވެ. ނަމަވެސް، އެއީ ހަގީގަތުގައި ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށް އާމިރު ވިދާޅުވި އެވެ.
އެއީ، މަރުވެފައިވާ މީހުންނަށް ވޯޓު ނުލެވޭނެތީ ކަމަށާއި އަދި އެމީހުންގެ ނަމުގައި އެހެން ބަޔަކަށް ވެސް ވޯޓުލުމުގެ ފުރުސަތު ނޯންނާނެތީ ކަމަށް އާމިރު ވިދާޅުވި އެވެ. އަދި މަރުވެފައި މީހެއްގެ ނަން ލިސްޓުގައި އޮތުމަކީ އެކަށީގެންވާ ކަމެއް ކަމަށްވީ ނަމަވެސް، އޭގެ ސަބަބުން ވޯޓާޒް ރަޖިސްޓްރީގެ ސައްހަކަން ގެއްލިގެން ނުދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކޮމިޝަނުން ގެޒެޓްކުރާ ވޯޓާޒް ރަޖިސްޓްރީގައި މަރުވެފައިވާ މީހެއްގެ ނަން އޮވެއްޖެކަން ފާހަގަވެއްޖެނަމަ، އެކަން ސާބިތުވާ ލިޔެކިޔުންތަކާއެކު ކޮމިޝަނުގެ ސަމާލުކަމަށް ގެނައުމުން، އެކަމާ ގުޅެ ގޮތުން ފިޔަވަޅު އަޅާނެ ކަމަށް ވެސް އާމިރު ވިދާޅުވި އެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ، އެއް ރަށެއް ފިޔަވައި އެހެން ހުރިހާ ރަށެއްގެ ވޯޓާޒް ރަޖިސްޓްރީ މިހާރު ނިމިފައިވާ ކަމަށާއި ވަރަށް އަވަހަށް އެ ލިސްޓު ގެޒެޓްކުރާނެ ކަމަށެވެ. އަދި ރަޖިސްޓްރީގައި މައްސަލައެއްވާ ނަމަ އެ މައްސަލަ ހުށަހެޅުމަށް 10 ދުވަހުގެ ފުރުސަތެއް ހުޅުވާލާނެ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.