16 Nov 2025, 17:03
މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)އިން އިމާރާތްކުރުމުގެ ދާއިރާއިން ދޭ "ބިލްޑާ އެވޯޑްސް 2025"އަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް ބިލްޑާ އެވޯޑްސްއަކީ ކޮންސްޓްރަކްޝަން ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް އަގު ވަޒަން ކުރުމަށް މަސީން ބާއްވާ އެވޯޑު ހަފުލާއެކެވެ.
މަސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ ކޮންސްޓްރަކްޝަން ދާއިރާއިން ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ކުންފުނިތަކާއި މި ދާއިރާގެ މަސައްކަތްތެރިންނަށް އެވޯޑުތަކަށް ކުރިމަތިލާން ފުރުސަތު ހުޅުވާލައިފައެވެ. މި އެވޯޑު ހަފުލާ ބާއްވާނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު ކަމަށް އެ ޖަމްއިއްޔާއިން ބުންޏެވެ.
މި ފަހަރުގެ އެވޯޑު ހަފުލާގައި މައިގަނޑު ހަތަރު ދާއިރާއެއްގެ ދަށުގައި ހިމަނައިފައިވާ 19 ކެޓަގަރީއަކުން އެވޯޑު ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ޖަމްއިއްޔާއިން ބުންޏެވެ.
1- ކޮންޓްރެކްޓަރު އެވޯޑްސް
* އަަހަރުގެ އެންމެ މޮޅު ކޮންޓްރެކްޓަރު
* އަހަރުގެ އެންމެ މޮޅު އެސްއެމްއީ ކޮންޓްރެކްޓާ
* އަހަރުގެ އެންމެ މޮޅު ރިސޯޓު ކޮންޓްރެކްޓަރު
* އަހަރުގެ އެންމެ މޮޅު ރިއަލް އެސްޓޭޓް ކޮންޓްރެކްޓަރު
* އަހަރުގެ އެންމެ މޮޅު އިންފްރާސްޓްރަކްޗާ ކޮންޓްރެކްޓަރު
* އަހަރުގެ އެންމެ މޮޅު މެރިން ކޮންޓްރެކްޓަރު
* އަހަރުގެ އެންމެ މޮޅު ބިދޭސީ ކޮންޓްރެކްޓަރު
2- ޕްރޮފެޝަނަލް ފާމް އެވޯޑްސް
* އަހަރުގެ އެންމެ މޮޅު އާކިޓެކްޗަރަލް އެންޑް ޑިޒައިން ފާމް
* އަހަރުގެ އެންމެ މޮޅު އިންޖިނިއަރިން އަދި ސްޕެޝަލިސްޓު ކޮންސަލްޓަންޓް
* އަހަރުގެ އެންމެ މޮޅު ޕްރޮޖެކްޓު މެނޭޖްމަންޓް ފާމް
* އަހަރުގެ އެންމެ މޮޅު ލޮޖިސްޓިކްސް އަދި ޓްރާންސްޕޯޓް
* އަހަރުގެ އެންމެ މޮޅު ސާވިސް ޕްރޮވައިޑާ
3- ޕްރޮޖެކްޓު އަދި ޕްރޮޑަކްޓު އެވޯޑްސް
* ޕްރޮޖެކްޓު ޑެލިވަރީ އެކްސެލެންސް އެވޯޑު
* ކޮންސްޓްރަކްޝަން ޕްރޮޑަކްޓު އިނޮވޭޝަން އެވޯޑު
4- ވަކިވަކި ފަރުދުންނަށް ދޭ އެވޯޑުތައް
* ޔަންގް ބިލްޑާ އެވޯޑް 2025
* ކޮންސްޓްރަކްޝަން ދާއިރާގައި އެންމެ މޮޅު އަންހެން ލީޑަރު 2025
* ލައިފްޓައިމް އެޗީވްމަންޓް އެވޯޑު 2025
* މަސީގެ ރައީސް ދެއްވާ ޚާއްސަ އެވޯޑު
މަސީން ބުނީ، ކޮންމެ ދެ އަހަރުން އެއް ފަހަރު ބާއްވާ މި އެވޯޑަށް އިންސާފުކުރާ ޕެނަލްގައި ހިމެނޭނީ ދާއިރާއާ ގުޅުންހުރި ތަޖުރިބާކާރުން ކަމަށެވެ.
އެ އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 30އެވެ. އަދި އެވޯޑަށް އިންސާފުކުރުމަށް ހަމަޖެހިފައިވާ މުއްދަތަކީ އަންނަ މަހުގެ ކުރީކޮޅު ކަމަށް އެ ޖަމްޢިއްޔާއިން މައުލޫމާތުދީފައިވެއެވެ. އެ އެވޯޑުތަކާ ބެހޭ އިތުރު މައުލޫމާތު މަސީގެވެބްސައިޓުންލިބެން ހުންނާނެއެވެ. އިތުރު މައުލޫމާތު ހޯދުމަށް އެ ޖަމްޢިއްޔާއަށްއީމެއިލްކުރުމަށް މަސީން އެދިފައިވެއެވެ.
މަސީއާއި ބިލްޑާ އެވޯޑްސްގެ ގޯލްޑް ސްޕޮންސަރަކީ އުރީދޫ މޯލްޑިވްސްއެވެ. މި އެވޯޑުގެ ބްރޯންޒް ސްޕޮންސަރަކީ ހޮޓެލްސް އެންޑް ރިސޯޓު ކޮންސްޓްރަކްޝަން މޯލްޑިވްސް އަދި ޕްރިންޓް ލެބެވެ.
މަސީ ބިލްޑާ އެވޯޑްސް އެންމެ ފުރަތަމަ އިފުތިތާހުކުރީ ޑިސެމްބަރު 2023 ގައެވެ.
މަސީއަކީ ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގެ ޕްރޮފެޝަނަލް ތަރައްގީއާއި މިންގަނޑުތަކާ ގުޅުންހުރި ކަންކަން ތަމްސީލުކުރުމަށް ޚާއްސަ ޖަމްޢިއްޔާއެކެވެ.