16 Nov 2025, 14:14
ހިޔާ ޓަވަރުތަކުގެ ފިނިޝިން މަސައްކަތަށާއި، ވިނަރެސް ފްލެޓް ގަންނަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދޫކޮށްފައިވާ ލޯނުތަކުގެ އިންޓަރެސްޓް ކުޑަކޮށްދޭން އެދިވަަޑައިގެންފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ބީއެމްއެލުން ހިޔާ ފްލެޓްތައް ނިންމުމަށް ދޫކޮށްފައިވާ 535 ލޯނާއި، ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ 26 ލޯނެއް އެބައޮތް ކަމަށެވެ.
އެއީ ސޯޝަލް އަދި އެފޯޑަބަލް ހައުސިން މަޝްރޫޢުތަކަށް ދޫކޮށްފައިވާ ލޯނުތަކަކަށްވުމާއެކު، މި ލޯނު ތަކަށް ލުއި ގޮތްތަކެއް ހޯދުމަށް ބޭންކާއެކު މަޝްވަރާކުރައްވައިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން، ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ދޫކުރި ލޯނަށް މިހާރު ކަނޑައަޅާފައިވާ އިންޓަރެސްޓް ރޭޓް %12 އިން %10 އަށް ކުޑަ ކުރުމަށާއި، ލޯނު ދެއްކުމަށް ދަތިވެ ޑީފޯލްޓް ވެފައިވާ ފަރާތްތައް ރެގިއުލަރައިޒް ކުރެވޭނެ ޕޭމަންޓް ޕްލޭނެއް ހަދަން އެދިވަޑައިގެންފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ ލޯނަށް މިހާރު ކަނޑައަޅާފައިވާ އިންޓަރެސްޓް ރޭޓް %9 އިން %8 އަށް ކުޑަކުރުމަށް ވެސް ދަންނަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެށި ހިޔާ ޓަވަރުތައް މިދިޔަ އެމްޑީޕީ ސަރުކާރުގައި ހަވާލުކުރީ އެ ތަންތަނުގައި ތަށިމުށި ވެސް ނުޖަހައި، ފަންކާ ފަދަ ތަކެތި ވެސް ހަރުނުކޮށެވެ. އެހެންވެ އެ ފްލެޓްތައް ލިބުނު މީހުން ފުރަތަމަ ކުރަން ޖެހުނީ އެ ތަންތަނުގެ ފިނިޝިން މަސައްކަތެވެ. އެ މަސައްކަތަށް ބީއެމްއެލާއި، އެހެނިހެން ބޭންކުތަކުން ވެސް އެ ދުވަސްވަރު ދިޔައީ ލޯނު ދެމުންނެވެ.
ވިނަރެސް ފްލެޓްތަކަކީ ހިޔާ ޓަވަރަށްވުރެ ޖާގަ ތަނަވަސް، އެކި ފަންތިތަކަށް ޚާއްސަ ފްލެޓްތަކެކެވެ. އެ ފްލެޓްތައް ގަންނަން ބޭނުންވި މީހުންނަށް ވެސް ބީއެމްއެލުން ވަނީ ލޯނު ދޫކޮށްފައެވެ.