މީޑިއާ ކޮންޓްރޯލް ގާނޫނުގެ ދަށުން އުފެއްދި އައު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ)ގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމަށް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ކުރީގެ ރައީސް ހަމްދީ އަގީލް މިއަދު އައްޔަނުކޮށްފިއެވެ.

އެމްއެމްބީސީއިން މިއަދު ވަނީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ހަމްދީ މި މަގާމަށް އައްޔަންކުރިކަން އިއުލާންކޮށްފައެވެ.

އަސާސީ މުސާރައާއި ލިވިން އެލަވަންސް ހިމެނޭ ގޮތަށް އެމްއެމްބީސީގެ އެސްޖީއަށް މަހެއްގެ މައްޗަށް 35،500 ރުފިޔާގެ މުސާރައެއް ލިބޭގޮތަށް ކަނޑައަޅާފައިވެއެވެ.

ސަރުކާރުގެ ކުންފުނިތައް މޮނީޓާ ކުރުމާއި، އިވެލުއޭޓުކުރުމުގެ މަސްއޫލިއްޔަތު އުފުލަމުންދާ ޕީސީބީގެ ރައީސްކަމަށް ހަމްދީ އައްޔަންކުރީ ނޮވެމްބަރު 22، 2023 ގައެވެ. އަދި އޭނާ އެ މަގާމުން ވަކިކުރީ ނިމިދިޔަ ފެބްރުވަރީ މަހުގެ 23 ވަނަ ދުވަހުގައެވެ.

ހަމްދީ އެ މަގާމުން ވަކިކުރި ސަބަބެއް ސަރުކާރުން ހާމަކޮށްފައި ނުވެއެވެ. އެހެން ނަމަވެސް، އޭނާ އެ މަގާމުން ވަކިކުރުމުގެ އެއް ދުވަސް ކުރިން ސަރުކާރުގެ ކުންފުނިތަކުގައި ޚަރަދު ކުޑަކުރުމަށާއި ރޯދަމަހުގެ އިނާޔަތް ފިޔަވައި އިތުރު އިނާޔާތްތައް ނުދިނުމަށް ޕީސީބީއިން ވަނީ ސާކިއުލާއެއް ނެރެފައެވެ. އޭގެ ފަހުން ޕީސީބީއިން އެ ސާކިއުލާތައް ބާތިލުކޮށްފައިވެއެވެ.

ހަމްދީއަކީ މީގެ ކުރިން ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރުކަމާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ.

ހަމްދީ ވަނީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވަސިޓީއިން މާސްޓާ އޮފް ކޮމާސް ހާސިލު ކުރައްވައިފައެވެ.

މީޑިއާ ކޮމިޝަންގައި މިހާރު ހަތް މެންބަރުންގެ ބޯޑެއް އެކުލަވާފައިވެއެވެ. ބޯޑުގެ ރައީސްކަމަށް ރައްޔިތުންގެ މަޖިލީހުން ހޮވާފައިވަނީ ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ މެންބަރު އަދި މީޑިއާ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލްކަން ކުރެއްވި މުޙައްމަދު ފަރުޝަތެވެ. ފަރުޝަތުގެ އިތުރުން އެކޮމިޝަނަށް މަޖިލީހުން އައްޔަންކުރި ދެ ބޭފުޅުންނަކީ ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް ސޮފާ ޝަފީގާއި އެ ކޮމިޝަންގެ ކުރީގެ މެންބަރު އާމިނަތު ސަރާހަތު ޢިއްޒަތެވެ.

އަދި ނައިބު ރައީސްކަމަށް ހޮވުނީ ޕީއެސްއެމްގެ ޕްރެޒެންޓަރުގެ ގޮތުގައި މަޝްހޫރުވި ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ މެންބަރު ޒަމްއަތު އަހްމަދު ވަހީދެވެ.

މީޑިއާތަކުން ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލި ކެންޑިޑޭޓުން މަދުވުމުގެ ސަބަބުން ކޮމިޝަންގެ މެންބަރުކަމަށް ޒަމްއަތު ހޮވުނީ އިންތިޚާބަކާ ނުލާއެވެ. ނޫސްތަކާ ބްރޯޑްކާސްޓަރުންގެ ފަރާތުން އެ ކޮމިޝަނަށް އައްޔަންކުރީ ވަގުތު ނޫހުގެ ސިމާހާ ނަސީމާއި މީޑިއާ ކައުންސިލްގެ ކުރީގެ ރައީސް ހުސައިން ޘަގީފް އިހުސާންގެ އިތުރުން، ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ މެންބަރު ޢަބްދުލްޢަޒީޒް އިބްރާހީމެވެ.