16 Nov 2025, 12:23
ދުނިޔޭގެ ފުޓުބޯޅައިގެ ގަދަބާރު، ރެއާލް މެޑްރިޑުގެ ދަރަނިތަކުން ސަލާމަތްވުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން އެ ކުލަބު އަމިއްލަ ކުންފުންޏަކަށް ބަދަލުކުރަން ނިންމައިފިއެވެ.
މިއީ ކުލަބުގެ ސްޓޭޑިއަމް އަލުން ބިނާކުރުމަށް ކުރި ހޭދައިގެ ސަބަބުން އިތުރުވެފައިވާ ދަރަނިން ސަލާމަތްވުމުގެ ގޮތުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރެއިންނެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން ކުލަބުގެ ދަރަނީގެ އެއްވެސް އަދަދެއް އަދި ފެންނާކަށް ނެތެވެ. ނަމަވެސް ކުލަބުގެ އޮނިގަނޑު ބަދަލުކުރަން ބޮޑު ނިންމުމެއް ނިންމީ މާލީ ހާލަތު ގޯސްނުވެ، ކަންކަން މެނޭޖުކުރުމުގެ ގޮތުންނެވެ.
މި ނިންމުން ތަންފީޒުކުރާނީ ކުލަބުގެ ޚާއްސަ ކޮންގްރެސްއިން ފާސްވުމުންނެވެ. އެއަށްފަހު މެންބަރުންގެ މެދުގައި ގޮތެއް ނިންމާނީއެވެ. މި ކޮންގްރެސްއަށް މިހާރު ކުލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވަނީ ތައްޔާރުވާން ފަށާފައެވެ.
ރެއާލް މެޑްރިޑްގެ ރަޖިސްޓަރީގައި ވޯޓު ލެވޭ 96،000 މެންބަރުން ތިބިއިރު، ކުލަބުގެ ރައީސްގެ އެންމެ ބޮޑު ވިސްނުން ހުރީ ހިއްސާ ވިއްކާލުމަށެވެ. ނަމަވެސް އެ ނިންމުން ނިންމޭނީ ބޯޑުން ވަކި އިންސައްތައެއްގެ ރުހުން ލިބިގެންނެވެ. ރިޕޯޓުތައް ބުނާގޮތުން ބޯޑު މެމްބަރުންގެ ވިސްނުންވެސް ހުރީ ހިއްސާ ވިއްކާލުމަށެވެ.