ބިލީ ޖީން ކިންގް ކަޕް އޭޝިއާ، އޯޝޭނިއާގެ ތިންވަނަ ފަަންތީގެ މުބާރާތުން ރާއްޖެއަށް ދެވަނަ ލިބުނުއިރު، ރާއްޖޭގެ ތަރި ނަބާ ނިޝާން މޮޅުވުމުގެ ރިކޯޑެއް ހަދައިފިއެވެ.

ވިއެޓްނާމުގެ ނޯވާ ވޯލްޑް ޓެނިސް ގާޑަންގައި އޮތް މި މުބާރާތުގެ ފައިނަލްގައި ރާއްޖެއިން ނުކުތީ ލާއޯސްއާއި ދެކޮޅަށެވެ. ލާއޯސް އަތުން ރާއްޖެ ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ.

ރާއްޖެ ކުޅުނު ފުރަތަމަ ސިންގަލްސް މެޗު ކާމިޔާބުކޮށްފައިވަނީ ނަބާ ނިޝާނެވެ. ލާއޮސްގެ ސިއާނާ މެކްޑޮނަލްޑްއާއި ވާދަކޮށް ނަބާ މެޗު ކާމިޔާބުކުރީ 2-6، 7-6 އަދި 7-6 ގެ ނަތީޖާއަކުންނެވެ.

އެއާއެކު ނަބާ މި މުބާރާތް ނިންމާލީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. މިއީ ބިލީ ޖީން ކިންގް ކަޕުގައި އޭނާ ވާދަކުރި ފުރަތަމަ ފަހަރެވެ. އަނިޔާއާއި ގުޅިގެން ދުވަސްތަކެއް ވަންދެން ފޯމު ދަށްވި ނަމަވެސް އޭނާ ދިޔައީ މުބާރާތަކަށްފަހު މުބާރާތެއްގައި ކުޅުން ރަނގަޅުކުރަމުންނެވެ.

ނަތީޖާއެއްގެ ގޮތުން ކުރު މުއްދަތެއްގެ ތެރޭގައި އެނބުރި ފޯމަކަށް އެޅި، ނަބާ ދަނީ ތަފާތު ދައްކަމުންނެވެ. ނިމުނު ބިލީ ޖީން ކިންގް ކަޕުގައި ނަބާ ވަނީ ތަފާތު މޮޅު ކުޅުމެއް ކުޅެފައެވެ.

ފައިނަލުގައި ކުޅުނު ދެވަނަ މެޗުން ރާއްޖޭގެ އާރާ އާސަލް އާޒިމް ވަނީ ލާއޯސްގެ މަލޭލެކް ދެލިދަ ޕަތުމަކުރޮނެން އަތުން ބަލިވެފައެވެ. ލާއޯސްގެ ކުޅުންތެރިޔާ އެ މެޗުގެ ސެޓުތައް ގެންދިޔައީ 6-2 އަދި 6-3 އިންނެވެ.

އެއާއެކު ދެން ޖެހުނީ ނަތީޖާ ނެރެން ޑަބަލްސް ކުޅޭށެވެ. ޑަބަލްސްގެ ކުރިމަތިލުމުގައި ރާއްޖެއިން ވާދަކުރީ ނަބާއާއި އާރާގެ ޕެއާއެވެ. މި މެޗު ލާއޮސްގެ ޕެއާ ކާމިޔާބުކޮށްފައި ވަނީ 6-0 އަދި 6-3 އިންނެވެ.

ފައިނަލުން ބަލިވި ނަމަވެސް މިއީ ދިވެހި ޓެނިހުގައި ބޮޑު ކުރިއެރުމެކެވެ. އަދި ތާރީީޚީ ބޮޑު ކާމިޔާބީއެކެވެ. ރާއްޖެ ފައިނަލަށް ދަތުރުކުރީ ގްރޫޕުގެ އެއްވަނަ ހޯދައިގެންނެވެ.