22 Aug 2012, 15:46
ކުރީ ސަރުކާރުގެ ދުވަސްވަރު ދެވަނަ ފުރުސަތުގެ ދަށުން ދޫކޮށްލި ގައިދީންގެ ތެރެއިން 20 މީހަކު 10 ދުވަސް ތެރޭ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ އެ 10 މީހުން ހައްޔަރުކުރީ ތަފާތު އެކި ސަބަބުތަކާ ހެދި ކަމަށެވެ. މާރާމާރީ އާއި ވައްކަމާއި ފޭރުމާއި މަސްތުވާތަކެއްޗާއި ތަފާތު އެކި ސަބަބުތަކާ ގުޅިގެން 20 މީހުން ވެސް ހައްޔަރު ކުރީ މާލެ އިން ކަމަށް ފުލުހުން ބުނެ އެވެ.
ރައީސް ނަޝީދުގެ ސަރުކާރުގައި ދެވަނަ ފުރުސަތުގެ ދަށުން ހަ ބުރެއްގެ މަތިން 400 އަށް ވުރެ ގިނަ ކުށްވެރިން ދޫކޮށްލާފައިވާ އިރު އޭގެ ތެރޭގައި ބޮޑެތި ކުށްތަކުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީން ހިމެނެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ހައްޔަރުކުރި މީހުން މިހާރު ޑީޕީއާރުއެސްއާ ހަވާލުކޮށްފައިވާ ކަމަށެވެ.
ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެފައި ވަނީ ދެ ވަނަ ފުރުސަތުގެ ދަށުން ދޫކޮށްލާފައި ތިބި ގައިދީން އަނބުރާ ޖަލަށް ގެންދާނެ ކަމަށެވެ.
އެގޮތުން ރައީސް ނަޝީދުގެ ސަރުކާރުގައި ދެ ވަނަ ފުރުސަތުގެ ދަށުން ދޫކޮށްލި 438 ގައިދީންގެ ތެރެއިން 100 އަށް ވުރެ ގިނަ ގައިދީން އަނބުރާ ޖަލަށް ފޮނުވާލާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.