22 Aug 2012, 15:40
ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމާ ހަމައަށް އެމަނިކުފާނުގެ ހަށިކޮޅަށް އެއްވެސް ނުރައްކަލެއް ކުރިމަތިވެފައި ނެތް ކަމަށާއި އެމަނިކުފާނުގެ އިސްތިއުފާއަށް ބަޔަކު ގޮވުމަކީ އެމަނިކުފާނުގެ ހަށިކޮޅަށް އޮތް ނުރައްކަލެއް ނޫން ކަމަށް ނަޝީދުގެ ހަށިފާރަވެރިންނާއި ސިފައިންގެ އިސް އޮފިސަރުން ވިދާޅުވެފައިވާ ކަމަށް އެޗްއާރުސީއެމް ބުނެފި އެވެ.
ފެބްރްއަރީ ހައެއް ހަތެއްގައި މާލޭގައި ހިނގައިދިޔަ ހަމަ ނުޖެހުންތަކުގައި ހިންގާފައިވާ ލާއިންސާނީ ހައްގުތަކާއި ހިލާފު އަމަލުތައް ތަހުގީގު ކުރުމަށް ފަހު އެޗްއާރްސީއެމުން އިއްޔެ އާންމުކުރި ރިޕޯޓުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން އުޅުނު ކަމަށްބުނާ ވާހަކަތައް ތަހުގީގުކޮށްފައިވެ އެވެ.
ނަޝީދު އަވަހާރަ ކޮށްލަން އުޅުނު ކަމަށް ބުނާ މައްސަލައިގެ ތަހުގީގަށް މައުލޫމާތު ދެއްވި ނަޝީދުގެ އަރިހުގައި ފެބްރުއަރީ ހަތް ވަނަ ދުވަހު ތިއްބެވި އެމަނިކުގފާނުގެ ބައެއް ހަށިފާރަވެރިންނާއި ބަންޑާރަކޮށީގައި ތިއްބެވި ސިފައިންގެ އިސް އޮފިސަރުނާއި ހަވާލާ ދީ އެޗްއާރުސީއެމް އިން ބުނެފައި ވަނީ ނަޝީދުގެ ހަށިކޮޅަށް ނުރައްކަލެއް ކުރިމަތިވާނެ އެއްވެސް ހާލަތެއް ނެތް ކަމަށާއި އެމަނިކުފާނުގެ ހަށިކޮޅަށް ނުރައްކާވެފައި ނުވާ ކަމަށެވެ.
ނަޝީދުގެ ހަށިފާރަވެރިން ދެއްވި މައުލޫމާތުތައް ކަމަށް ވިދާޅުވެ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ބައެއް ނުކުތާ ތަކުގައި ތެރޭގައި ނަޝީދު ބަންޑާރަ ކޮށީގައި ހުންނެވި ވަގުތުތަކުގައި އެމަނިކުފާނު ބޭނުންފުޅުވާ ވަގުތެއްގައި އެމަނިކުފާނަށް ނިކުމެވަޑައިގެންނެވުނީސް ކަމަށާއި އަދި އެމަނިކުފާނުގެ ހަށިކޮޅަށް ނުރައްކަލެއް ކުރިމަތިވެގެން އެ ވާހަކަ ހަށިފާރަވެރިނަށް ދަންވާފައި ނުވާކަމަށް ބުނެފައިވެ އެވެ.
"ރައީސުލް ޖުމްހޫރިއްޔާ އިސްތިއުފާ ދެއްވި ކަމަށް ބަޔަކު ބުނުމަކީ އެމަނިކުފާނުގެ ހަށިކޮޅަށް އޮތް ނުރައްކަލެއް ކަމަށް ނުދެކޭ ކަމަށާއި، އެއީ އެއީ އެއްވެސް ފިވަޅެއް އަޅަން ޖެހޭ ހާލަތެއް ނޫން ކަމަށާއި، އެމަނިކުފާނު ބޭރަށް ނިކުމެވަޑައިގަންވާން ބޭނުންފުޅުވެއްޖެ ނަމަ ހަމަޖެހިގެން ނިކުމެވޭނެގޮތް ހަދާނެ ކަމަށާއި ރައީސުލް ޖުމްހޫރިއްޔާގެ ހަށިކޮޅަށް ނުރައްކަލެއް އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންވާނަމަ އެކަން އެންމެ ފުރަތަމަވެސް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އަންގަވަން ޖެހޭނެ ފަރާތަކީ އެމަނިކުފާނުގެ ހަށިފާރަވެރިން ކަމަށާއި ނަމަވެސް ހަށިފާރަވެރިންގާތު ރައިސުލްޖުމްހޫރިއްޔާ އެފަދަ ވާހަކައެއް ވިދާޅުވެފައި ނެތް ކަމަށް،" އެޗްއާރުސީއެމްގެ ރިޕޯޓައި ބުނެ އެވެ.
މީގެ އިތުރުން ޖުމްހޫރީ މައިދާނުގައި ސިފައިންނާއި ފުލުހުންނާއި ދެމެދު ހިނގި ކުރިމަތިލުންތަކަށް ފަހު ރިޓަޔާޑް ކާނަލް މުހައްމަދު ނާޒިމް (މިހާރުގެ ޑިފެންސް މިނިސްޓަރު) އާ މިހާރުގެ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ސިފައިންގެ ގޭގެ އެތެރެއަށް ވަޑައިގަތީ އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭގެފާނުގެ އެދިވަޑައިގަތުމަކަށް ކަމަށްވެސް އެ ކޮމިޝަނަށް ސިފައިންގެ އިސްވެރިންނާއި އެމަނިކުފާނުގެ ހަށިފާރަވެރިންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށް ބުނެފައިވެ އެވެ.
ސިފައިންނާއި ތޮލަތް ބައްދަލު ކުރެއްވި ވަގުތު ރައީސް ނަޝީދު އޮންނެވީ ޖެހިގެންހުރި ކޮޓަރިކޮޅުގައި ހުރި ސޯފާއެއްގައި އަރާމު ކުރައްވަން ކަމަށް ވެސް އެ ބޭފުޅުންނާއި ހަވާލާދީ އެ ރިޕޯޓްގައި ބުނެ އެވެ. އަދި އެދުވަހުގެ 11:30 ހާއިރު ނަޝީދު އިސްތިއުފާ ދެއްވަން ގަސްތުކުރެއްވި ކަމަށް ވިދާޅުވި ނަމަވެސް އިސްތިއުފާ ދެއްވަނީ ކީއްވެ ކަމެއް އެމަނިކުފާނަށް އޮތީ ކޮން ނުކުރައްކަލެއް ކަމާއިމެދު އޭރު މާލެ ކޮމާންޑަރާއި ހިއްސާ ކުރައްވާފައި ނުވާކަމަށްވެސް އެ ރިޕޯޓައި ސިފައިންގެ އިސްވެރިންނާއި ހަވާލާދީ ބުނެ އެވެ.
ހަމަ އެހެންމެ އެމަނިފާނުގެ އިސްތިއުފާއަށް ބައެއް މީހުން ގޮވާ އަދި އޭގެ ތެރެއިން އެކަކު އެއްގަޑިއޮރު ތެރޭގައި އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށް ނަޝީދަށް އެންގި ކަމަށްވެސް އެޗްއާރުސީއަމަށް މައުލޫމާތުދިން ސިފައިންގެ އިސް ވެރިނާއި ނަޝީދުގެ ހަށިފާރަވެރިން ވެސް ވިދާޅުވި ކަމަށް އެ ރިޕޯޓުގައި ބުނެ އެވެ.
ނަޝީދު އިސްތިއުފާ ދެއްވުމަށް ގަސްތުކުރައްވާ ސިފައިންގޭ ތެރޭގައި ހުންނަވާ ކޮންމެވެސް މީހަށް ގުޅުއްވާފައި ގަސްތުކުރައްވަނީ އިސްތިއުފާ ދެއްވަން ކަމާއި އެނޫން ގޮތެއް ނެތް ކަމަށް ވިދާޅުވި ކަމުގައިވެސް އެ ރިޕޯޓުގައި ބުނެ އެވެ.
ނަޝީދު އަވަހާރަ ކޮށްލަން އުޅުނު ކަމަށް ބުނާ މައްސަލައިގެ ތަހުގީގް ކުރުމަށް ހަތެއް ފެބްރުއަރީ ގައި ނަޝީދު ބަންޑާރަކޮށީގައި ހުންނެވި ވަގުތު އެމަނިކުކުފާނުގެ ހަށިފާރަވެރިންގެ ގޮތުގައި ތިއްބެވި ހަށިފާރަވެރިންނާއި ސިފައިންގެ ބައެއް އިސްވެރިންގެ އިތުރުން އެދުވަހު އެމަނިކުފާނުގެ އަރިހުގައި އުޅުއްވި ރައްޔިތުން މަޖިލީހުގެ މެންބަރަކާއި އިންޓަވިއިއުކޮށް އެ ވާހަކަތައް އެޗްއާރުސީއެމްގެ ރިޕޯޓުގައި ހިމަނާފައިވެ އެވެ.
މައްސަލަ ތަހްގީގު ކުރުމަށް ނަޝީދު ބައެއް މީޑިޔާއަށް ދެއްވާފައިވާ އެކި އިންޓަވިއުތަކުން މައުލޫމާތު އެކޮމިޝަނުން ހޯދާފައިވާއިރު ނަޝީދު ސީދާ ބަސްފުޅެއް ހޯދުމަށް އެ ކޮމިޝަނުން ތަކުރާރުކޮށް މަސައްކަތް ކޮށްގެންވެސް އެމަނިކުފާނުގެ ބަސްފުޅެއް ލިބޭގޮތް ނުވި ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ނަމަވެސް ރައީސުލް ޖުމްހޫރިއްޔާ ކަމުން އިސްތިއުފާ ދެއްވީ އިސްތިއުފާ ނުދެއްވައިފި ނަމަ ފުރާނަފުޅަށް ގެއްލުން ވާނެތީ ކަމަށް ވިދާޅުވެ ބައެއް ބޭރުގެ ބައެއް މީޑިޔާތަކުގައި ނަޝީދު ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. އަދި އެފަދަ މޭރުމުން ބޭރުގެ ބައެއް މީޑިޔާތަކުގައި އެމަނިކުފާނު ދެއްކެވި ވާހަކަތަކާއި ހަވާލާދީ ރާއްޖޭގެ މީޑިޔާތަކުގައި ވެސް އެ ވާހަކަތައް ގެނެސްދީފައިވާ ކަން އެޗްއާރްސީއެމްގެ ރިޕޯޓުގައި ވެސް ފާހަގަކޮށްފައިވެ އެވެ.
ނަޝީދުގެ ވާހަކަފުޅު އެގޮތައް ހުރިނަމަވެސް އެޗްއާރުސީއެމް އިން ބުނެފައިވަނީ އެ ކޮމިޝަނުން ކުރި ތަހްގީގުން ނަޝީދު އަވަހާރަ ކޮށްލަން މަސައްކަތް ބަޔަކު މީހުން މަސައްކަތްކޮށްފައިވާކަން ތަހްގީގުން އެނގެން ނެތް ކަމަށެވެ.
އަދި ފެބްރުއަރީ ހަ ވަނަ ދުވަހުގެ ރެ އާއި ހަތް ވަނަ ދުވަހު ފުލުހުންނާއި ސިފައިންގެ ތެރޭގައި ހަމަ ނުޖެހުންތައް ހިނގާދިޔައީ ރައީސުލް ޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ނަޝީދު ކުރެއްވި ގާނޫނާއި ގާނޫނު އަސާސީއާ ހިލާފް އަމުރުތަކުގެ ސަބަބަބުން ކަމަށްވެސް އެޗްއާރުސީއެމްގެ ތަހްގީގު ރިޕޯޓުގައި ވަނީ ބުނެފަ އެވެ.