15 Nov 2025, 17:45
ސަރުކާރުން ފަހު ވަގުތު ނިންމި ބޮޑު ނިންމުމަކާއެކު ދުނިޔޭގެ ރޭސިން ފެޑެރޭޝަނަށް ފޮނުވި ސިޓީއަކާ ގުޅިގެން، ރޭސިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރޭމް)އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ރޭސިން އެސޯސިއޭޝަނުން މި މަހުގެ 12 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ސިޓީގެ ސަބަބުން ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށެވެ.
ރޭސިން އެސޯސިއޭޝަނުން ބުނީ، ފާއިތުވި ހަތް އަހަރު އެ އެސޯސިއޭޝަނުން ރާއްޖޭގައި މޮޓޯސްޕޯޓްސް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއްކޮށްފައިވާ ކަމަށެވެ. އަދި، 2024 ވަނަ އަހަރުގެ ޑިސެންބަރު މަހު ރޭސިންގެ ބައިނަލްއަގުވާމީ ފެޑެރޭޝަން (އެފްއައިއޭ)އިން ބޭއްވި ޖެނަރަލް އެސެމްްބްލީގައި ރޭމް އަށް އެ ޖަމިއްޔާގެ މެމްބަރުކަން ލިބިފައިވާ ކަމަށް އެސޯސިއޭޝަނުން ބުންޏެވެ.
އޭގެ ފަހުން ރޭމް އިން މަސައްކަތް ކުރީ، ބައިނަލްއަގުވާމީ މޮޓޯސައިކްލިން ފެޑެރޭޝަން (އެފްއައިއެމް)ގެ މެމްބަރުކަން ހޯދުމަށް ކަަމަށާއި އެކަމަށް ލިޔެކިއުންތައް ފޮނުވައި، ޑިސެމްބަރު މަހު، ބޭއްވުމަށް ހަމަޖެހިފައިވާ އެފްއައިއެމްގެ ޖެނެރަލް އެސެމްބްލީއަށް ދިއުމަށް އޮކްޓޫބަރު މަހު ރޭމް އަށް ދައުވަތު ލިބިފައިވާ ކަމަށް ރޭމްއިން ބުންޏެވެ. އެއީ މެމްބަރުކަން ލިބުމުގެ އެންމެ ފަހު މަރުހަލާ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.
އެހެން ނަމަވެސް އެތައް އުންމީދެއްގައި ތިއްބާ، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ސޮއިކުރައްވައި، އެ ދެ ޖަމިއްޔާއަށް ފޮނުވާފައިވާ ސިޓީއަކާ އެކު، އެފްއައިއޭއިން ކުއްލި އީމެއިލެއް ލިބުނު ކަމަށް ރޭމް އިން ވަނީ ބުނެފަ އެވެ.
އެ ސިޓީތަކުގައި ބަޔާންކޮށްފައިވަނީ ރާއްޖޭގައި މޮޓޯސްޕޯޓްސް ހިންގަނީ އެމްއެމްއާރުއޭ ނަމަކަށް ކިޔާ އެސޯސިއޭޝަނެއް ކަމަށާއި އެ ޖަމިއްޔާ، އެފްއައިއޭ އާއި އެފްއައިއެމްގައި އެންޑޯސްކޮށްދިނުމަށް މިނިސްޓްރީން އެދޭ ކަމަށެވެ.
ރޭމްގެ ބަޔާނުގައި ބުނެފައިވަނީ، އެމްއެމްއާރުއަކީ 2016 ވަނަ އަހަރުގެ ކުރިން ބައެއް ރޭސިން ހަރަކާތްތައް ބާއްވާފައިވީ ނަމަވެސް، އެ ކުޅިވަރު ކުރިއެރުވުމަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތެއް ކޮށްފައިވާ ޖަމިއްޔާއެއް ނޫން ކަމަށެވެ.
އަދި، 2016 ވަނަ އަހަރުގެ ފަހުން މޮޓޯ ސްޕޯޓްސްގެ އެއްވެސް ހަރަކާތެއް އެމްއެމްއާރްއޭ އިން ހިންގާފައިނުވާއިރު، މިނިސްޓްރީން އެ ވަރުގެ އެސޯސިއޭޝަނެއްގެ ނަން ބައިނަލްއަގުވާމީ ޖަމިިއްޔާ އަކަށް ފޮނުވުމުން ސުވާލު އުފެދޭ ކަމަށް ރޭމް އިން ވަނީ ބުނެފަ އެެވެ.
މި ފަދަ ގޮތަކަށް މިނިސްޓަރު އަމަލުކުރެއްވި ސަބަބު އެއްގޮތަކަށް ވެސް ވިސްނައިގަނެވިފައި ނުވާކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
މި މައްސަލައިގައި، ރޭމް އިން ވަނީ މިހާރު އެފްއައިއޭ އަށް ކަމުގެ ތަފްސީލް ހުށަހަޅައިފައެވެ. ޖަވާބުގައި، އެފްއައިއޭ އިން ބުނެފައިވަނީ، މި މައްސަލަ ދަނީ ކޮމިޓީ އަކުން ދިރާސާކުރަމުން ކަމަށް ބުނެފައެވެ. އަދި، މިހާރު ރޭމް އަށް ވަނީ، ޑިސެމްބަރު މަހުގެ އެފްއައިއެމްގެ ޖެނެރަލް އެސެމްބްލީން އިން ރޭމް އުނިކުރެވިފައިވާ ކަމަށް އަންގައިފައެވެ.
"އެފްއައިއެމް އިން ރޭމް އަށް ދެއްވާފައިވާ މައުލޫމާތުގައި މި ސިޓީގެ ސަބަބުން އަލުން އިވެލުއޭޝަން ޕްރޮސަސް އަކަށް ދާން ޖެހޭ ކަމަށާއި މި ކަމާ ގުޅޭގޮތުން އިތުރު ތަފްސީޅް ހޯދުމަށް އެފްއައިއެމް އިން މިނިސްޓްރީ އަށް ފޮނުވާފައިވާ ސިޓީ އަށް ވެސް މިހާތަނަށް އެއްވެސް ޖަވާބެއް ލިބިފައިނުވާކަން ފާހަގަކުރަމެވެ." ރޭމް އިން ނެރުނު ބަޔާނުގައި ބުނެފައިވެއެެވެ.
ރޭމް އިން ބުނީ އެ އެސޯސިއޭޝަނަކީ، ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ކުރެވި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ވެސް ގަބޫލުކުރާ ޖަމިއްޔާއެއް ކަމަށެވެ. އަދި، 19 ނޮވެމްބަރު 2023 ގައި އޮލިމްޕިކް ކޮމިޓީން ދީފައިވާ ސިޓީއެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ރޭމް އަކީ ރާއްޖޭގައި މޮޓޯސްޕޯޓްސް އިވެންޓްތައް އިންތިޒާމްކޮށް ހިންގުމަށް ހުއްދަ ލިބިފައިވާ އެފްއައިއޭ އާއި އެފްއައިއެމް ގައި ރާއްޖެ ތަމްސީލްކުރުމަށް އެންމެ އެކަށީގެންވާ ޖަމިއްޔާ ކަމަށް ރޭމް އިން ވަނީ މައުލޫމާތު ދީފައެވެ.
އަދި، ރޭމް އިން ބުނީ މިދިޔަ އަހަރުގެ ޖެނުއަރީ ހަތްވަނަ ދުވަހު ސްޕޯޓްސް މިނިސްޓްރީން ކަަށަވަރުކޮށްދީފައިވާ ގޮތުގައި މޮޓޯ ރޭސިން އިން ރާއްޖެ ތަމްސީލް ކުރުމަށް ހުއްދަ ދީފައިވާ ޖަމިއްޔާއެއް ގޮތަށް ވަގުތީ ދަރަޖަ (ޕްރޮވިޝަނަލް ނެޝަނަލް ސްޓޭޓަސް) ވެސް ލިބިފައިވާ ކަމަށެވެ.
ރޭމް އަށް މި އަހަރު އެއްވެސް އިވެންޓެއް ބޭއްވޭ ގޮތް ނުވެފައިވަނީ، މިދިޔަ އަހަރު ޑިސެމްބަރު މަހު ސަރުކާރުން އެ ކުޅިވަރާ ނުގުޅޭ ސަބަބަކާ ހުރެ އިވެންޓްތައް ހުއްޓުވުމަށް ފަހު އަލުން ހުއްދަދީފައިނުވާތީ ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފަ އެެވެ. ލިބުނު ގެއްލުމުގެ ބަދަލު ދޭނެ ކަމަށް ބުނެފައިވީ ނަމަވެސް އެކަން ވެސް ކޮށްނުދޭ ކަމަށް ރޭމް އިން ވަނީ ބުނެފައެެވެ.
"އިވެންޓްތައް ހުއްޓުވާލި ސަބަބު ބަޔާންކޮށް ސަރުކާރުގެ އެއްވެސް ވުޒާރާ އަކުން ލިޔުމެއް ލިބިފައިނުވާހިނދު، ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރުމަށް އެދުނު ސިޓީ އަށް ވެސް ޖަވާބެއް ލިިބިފައިނުވާކަން ފާހަގަކުރަމެވެ،" ރޭމްގެ ބަޔާނުގައިވެއެވެ.
ރޭމް އިން ބުނީ އަހަރަކު މަދުވެގެން ހަތް އިވެންޓް ބާއްވަމުން އައި އެ އެސޯސިއޭޝަނަށް މި އަހަރު އެއްވެސް އިވެންޓެއް ނުބޭއްވިދިއުމަކީ މާޔޫސްކަމެއް ކަމަށެވެ.
ރޭމްގެ އިލްތިމާސަކީ، މިނިސްޓަރުންގެ އަމަލުތަކުންނާއި ސިޔާސީ ބޭނުންތަކުގައި ކުޅިވަރުތައް ހަލާނުކުރުމަށެވެ. އަދި، ރޭމް އަށް ދިމާވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ސްޕޯޓްސް މިނިސްޓްރީއަށް މިދިޔަ މަހު 26 ވަނަ ދުވަހު ސިޓީއެއް ފޮނުވާފައިވާނެ ކަމަށާއި މިކަމަށް އަދި އެކަށީގެންވާ ކުރިއެރުމެއް ލިބިފައިނުވާ ކަމަށް ރޭމްއިން ވަނީ ބުނެފައެވެ.