ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އެ ޕާޓީގައި ހުންނަވައި ޔޫތު މިނިސްޓަރުކަން ކުރެއްވި އަހުމަދު މަހުލޫފް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއާ ރޭ ގުޅިވަޑައިގަތުމުން، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެ މަނިކުފާނުގެ ސަރުކާރުގައި އެ ޕާޓީއަށް ވަފާތެރި މީހުން އެކަހެރިކޮށް މަހުލޫފަށް އިސްކަން ދިނުމުގެ ތުހުމަތާއެކު ސޯޝަލް މީޑިއާގައި ދެ ބޭފުޅުންނަށް ބައެއް މީހުން ފާޑުކިޔައިފިއެވެ.

ދައުލަތުގެ މަގާމެއްގައި ޚިދުމަތްކުރެއްވުމަށްޓަކައި ކަމަށް ވިދާޅުވެ، މަހުލޫފު ވަނީ މައި އިދިކޮޅު ޕާޓީ އެމްޑީޕީން ސެޕްޓެމްބަރު އަށްވަނަ ދުވަހު ވަކިވެވަޑައިގެންފައެވެ.

އެ ކަމާ ގުޅިގެން އެތައް ފާޑުކިޔުމެއް މަހުލޫފަށް އަމާޒުވެފައި ވަނިކޮށް ރޭ ޕީއެންސީން ބޭއްވި ބޮޑު ޖަލްސާގައި މަހުލޫފް ވަނީ އެ ޕާޓީއަށް ސޮއިކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒާ ފޯމު ހަވާލުކުރައްވައިފައެވެ. މީގެ ކުރިން މަހުލޫފު ވަނީ ޑީއާރުޕީއާއި ޕީޕީއެމާއި އެމްޑީޕީގައި ވެސް އުޅުއްވައިފައެވެ.

މަހުލޫފް ވެރިކަން ކުރާ ޕާޓީއަށް ސޮއިކުރެއްވިއިރު، ބޭރުގެ އެމްބަސީއެއްގެ މަގާމެއް އޭނާއަށް ދިނުމަށް ފޮރިން މިނިސްޓްރީން ތައްޔާރުވަމުން އަންނަ ވާހަކަތަކެއް އޮތީ ފެތުރިފައެވެ.

މަހުލޫފް ޕީއެންސީއާ ގުޅިވަޑައިގެން ރައީސް މުއިއްޒާ ފޯމު ހަވާލުކުރަނީ --- ސަން ފޮޓޯ/ މޫސާ ނަދީމް

މަހުލޫފާ ގުޅޭ ގޮތުން، އެމްޑީޕީގެ އެންމެ މަޝްހޫރު އެއް އެކްޓިވިސްޓު އަދި ހެރިޖޭޓް މިނިސްޓްރީގެ ޑިރެކްޓަރުކަން ކުރެއްވި ޝަމްއޫން ޖަލީލް (ލޫކަސް) އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އެމްޑީޕީ ސަރުކާރުގައި 2018 ވަނަ އަހަރު ޔޫތު މިނިސްޓަރުކަން ދޭން ހަމަޖެހިފައި އޮތީ އެމްޑީޕީގެ އޭރުގެ ނައިބު ރައީސް މުޙައްމަދު ޝިފާޒަށް ކަމަށެވެ.

އެ މަގާމަށް އޭރު ވާދަކުރެއްވީ ވެސް މަހުލޫފާއި ޝިފާޒް ކަމަށްވާއިރު، މަހުލޫފް ޔޫތު މިނިސްޓަރަކަށް އައްޔަނުކުރީ ކެބިނެޓުން ހުވާކުރަން މަދުވަގުތުކޮޅަކަށް ވެފައި ވަނިކޮށް އޭނާ ޕާޓީއަށް ސޮއިކޮށްގެން ކަމަށް ލޫކަސް ލިޔުއްވާފައިވެއެވެ.

މީގެ އިތުރުން، ފަހުން ޖެހުނު ސިޔާސީ މައްސަލަތަކުގައި ވެސް އެމްޑީޕީ ބައިވިޔަ ނުދިނުމަށް އެންމެ ބޮޑަށް މަސައްކަތްކުރެއްވި އެކަކީ ޝިފާޒް ކަމަށާއި ވެރިކަން ގެއްލުމުން މަހުލޫފް ދިޔައީ އެމްޑީޕީއާ ދުރަށްކަން އޭނާގެ ޕޯސްޓުގައިވެއެވެ.

ލޫކަސް ވިދާޅުވި ގޮތުގައި، ޞާލިޙްގެ މުޅި ސިޔާސީ އެކުވެރިކަމާއި، ގާތްކަން އެ މީހަކަށް ޓަކައި ގުރުބާންކުރެއްވި އެކަކީ މަހުލޫފެވެ. އެގޮތުން އެ މަނިކުފާނުގެ ގާތް އެކުވެރިޔާ އަދި ވެރިކަމަށް ވަޑައިގެންނެވުމުގައި އެހީތެރިވެދެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވުރެ ވެސް އިސްކުރީ މަހުލޫފް ކަމަށް ލޫކަސް ވިދާޅުވިއެވެ.

"މިއަދު ގޮސް އެ ހުރީ ޕީއެންސީގައި! ރައީސް ޞާލިހް އެ ދުވަހު ގާތް ކުރި ބައެއް މީހުން ވެރިކަމުގައި ގާތް ނުކުރި ނަމަ އެމްޑީޕީ ބައިބައި ނުވާނެ،" އޭނާ ވިދާޅުވިއެވެ.

އެމްޑީޕީ ވެރިކަމުގައި މަހުލޫފާ އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލައާ ގުޅުން އޮތް ކަމުގެ ތުހުމަތުތަކެއް ފެންމަތިވިއެވެ. އެ ތުހުމަތަށް ސަސްޕެންޝަނެއްގައި ވެސް އޭނާ ހުންނަވަން ޖެހިވަޑައިގަތެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަމުގައި ހުންނެވިއިރު، 2014 ވަނަ އަހަރުގެ އޮގަސްޓް 27 ވަނަ ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި، ރިޝްވަތު ހިފި ކަމަށް ތުހުމަތުކޮށް މަހުލޫފުގެ މައްޗަށް ރިޝްވަތުގެ ދައުވާ ވެސް އުފުލައިފައިވެއެވެ.

މަހުލޫފްގެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅުމުން ފުރަތަމަ އެ ކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލައިފައެވެ. ނަމަވެސް އެ މައްސަލަ އަލުން ބަލަން ހައިކޯޓުން އެންގިއެވެ.

މަހުލޫފްއާއި ޝިފާޒް ----

މަހުލޫފަށް ލިބުނީ ރިޝްވަތުގެ ފައިސާކަން ސާބިތުކޮށްދެވޭވަރުގެ ހެއްކެއް ދައުލަތަށް ހުށަހަޅައިފައި ނެތް ކަމަށް ބުނެ އެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލި ނަމަވެސް, ޕީޖީން ވަނީ ޝަފަވީ ހަތް ހެއްކެއް ހުށަހަޅާފައެވެ.

އެ މައްސަލައިގައި އެޅުނު މާ ބޮޑު ފިޔަވަޅެއް ނެތްއިރު، މަޖިލީހުގެ ރައީސަކަށް އޭރު ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންދެވީ އެ މައްސަލަ ބެލުމަށް ގޮވާލައްވަމުންނެވެ. އެކަމަކު، ޞާލިހު އިސްކަން ދެއްވީ މަހުލޫފަށެވެ.

ޞާލިޙް، މަހުލޫފަށް އިސްކަން ދެއްވި ކަމަށް ބުނެ އިތުރު މީހުން ވެސް ސޯޝަލް މީޑިއާގައި ފާޑުކިޔައިފައިވެއެވެ. އަދި ހިތާމައަކީ، ކުރިއަށް އޮތް ތަނުގައި ވެސް އެގޮތަށް ޕާޓީން ވަކިވާ މީހަކު އެނބުރި އައުމުން، އަނެއްކާވެސް ޕާޓީއަށް ވަންނަ ފުރުސަތު ދިނުން ކަމަށް، ފޭސްބުކްގައި ޝުއޫރު ފާޅުކުރި މީހަކު ބުނެފައިވެއެވެ.

މީގެ އިތުރުން ޞާލިޙްގެ ދިފާއުގައި ވެސް ބައެއް މީހުން ވާހަކަދައްކައިފައިވެއެވެ. އެގޮތުން ޞާލިޙް މަގާމުތަކަށް މީހުން އައްޔަން ކުރެއްވުމުގައި ވަކި މީހަކު އިސްނުކުރައްވައި، އިސްކުރެއްވީ ގައުމު ކަމަށް، އެކްސްގައި މީހަކު ބުނެފައިވެެއެވެ.

މަހުލޫފު ސިޔާސީ މައިދާނުން ފުރަތަމަ ފެނުނީ ޑީއާރުޕީންނެވެ. އެއަށް ފަހު އެ ޕާޓީގެ ތެރެއިން އުފެދުނު ޕީޕީއެމް އުފެއްދުމުގައި އިސްކޮށް އުޅުއްވިއެވެ. އޭނާ އެހާތަނަށް އެންމެ ބޮޑަށް ފާޑު ވިދާޅުވަމުން ގެންދެވި އެމްޑީޕީއާ ގުޅިވަޑައިގަތީ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އެ މަނިކުފާނާ ގުޅުން ގޯސްވި ހިސާބުންނެވެ. އޭރު މަޖިލިސް މެންބަރަކަށް ހުންނަވައިގެން ޔާމީންގެ ވެރިކަމާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް މަހުލޫފު ކުރައްވައި، އެ މަސައްކަތާ ގުޅިގެން ޖަލަށް ވެސް ވަޑައިގަންނަވަން ޖެހުނެވެ.

އެމްޑީޕީގެ ވެރިކަން ނިމުނު ފަހުން ސިޔާސީ މަސައްކަތްތަކުގައި އެހާ އިސްކޮށް ނޫޅުއްވި ނަމަވެސް މިހާރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ, ސޯޝަލް މީޑިއާގައި މަހުލޫފް ވަނީ ގިނަ ވާހަކަތަކެއް ދައްކަވައި ހައްދަވައިފައެވެ. އޭގެ ފަހުން އެ އަޑު މަޑުވެ ހުރުމަށްފަހު، އޭނާ ޕީއެންސީއާ ގުޅިވަޑައިގެންނެވިއެވެ. އެ ކަންތަކާ ގުޅިގެން ސޯޝަލްމީޑިއާގައި މަހުލޫފަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.