22 Aug 2012, 15:28
ގަލޮޅު މަދަރުސާ ކައިރީ ހުރި ގެއެއްގައި އަލިފާން ރޯވެގެން އުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ސަރަހައްދަށް ދިޔަ އެމްއެންޑީއެފްގެ ފަޔާ ލޮރީއެއް އެކްސިޑެންޓްވެ ގެއްލުންތަކެއް ވެއްޖެ އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ފަސްޓް ލެފްޓިނެންޓް އަބްދުﷲ އަލީ މިއަދު ވިދާޅުވީ ގަލޮޅު މަދަރުސާ ކައިރީ ހުރި ގ. ސުނިތާގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށް ލިބުނު މައުލޫމަތަކާ ގުޅިގެން ފަޔާ އެންޑް ރެސްކިއު ސާވިސް ޓީމް އެ ގެއަށް ދިޔައީ މިއަދު މެންދުރުގެ ވަގުތެއްގައި ކަމަށެވެ.
އޭނާ ވިދާޅުވީ މެންދުރު 12:30 އެހާކަންހާ އިރު ފަޔާ ޓީމް އެގެއަށް ދިޔައިރު ގޭގެ ބަދިގެއިން ވަރަށް ގަދަޔަށް ދުން އެރިތަން ފެނުނު ކަމަށާއި އެ ޓީމް އެގެއަށް ގޮސް ބެލި އިރު ބަދިގޭގައި ކައްކަން އުދާފައި ހުރި ތެއްޔެއްގައި ދުންގަތުން ފިޔަވައި އިތުރު އެއްވެސް ކަމެއް ވެފައި ނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ ފަޔާ ލޮރީ އެކްސިޑެންޓް ވެފައި ވަނީ އެ ސަރަހައްދުން އެނބުރި ދަނިކޮށް ޓީވީ މޯލްޑިވްސްގެ ހުޅަނގު ކަންމަތިން ކަމަށާއި އެކްސިޑެންޓްގެ ސަބަބުން ލޮރީގެ ބިއްލޫރި ގަނޑުގައި ރެނދުލުމުގެ އިތުރުން އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ.
މިހާރު ސިފައިން ވަނީ އެހެން ވެހިކަލެއްގައި ފަޔާ ލޮރީ ކަފުޖަހައިގެން ކަޅުތުއްކަލާ ކޮއްޓަށް ގެންގޮސްފަ އެވެ.