ރާއްޖޭން އަބަދުވެސް، ފަލަސްތީނާއެކު ސާބިތުވެ އޮންނާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ފަލަސްތީނުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ މަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފަލަސްތީނުން އަމިއްލަ ދައުލަތެއް ގާއިމުކުރުމަށާއި އަމިއްލައަށް ގޮތް ނިންމުމުގެ ހައްގު ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ރާއްޖޭން އަބަދުވެސް އެ ގައުމާއި އެ ގައުމުގެ ރައްޔިތުންނާއެކު ދެމިއޮންނާނެ ކަމަށެވެ.

ހަމައެއާއެކު ރައީސް ވަނީ، 1967ގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތަށް އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ކަނޑައަޅައި، މިނިވަން ދައުލަތެއް ގާއިމުކުރުމަށް ވަކާލާތުކުރުމުގައި ބައިނަލްއަގުވާމީ މުޖުތަމައުން ވެސް ފަސްނުޖެހުމަށް ގޮވާލައްވައިފައެވެ.

ރައީސް ވަނީ، ދުވަހުގެ ތަހުނިޔާ ފަލަސްތީނުގެ ރައީސް ޑރ. މަޙުމޫދޫ އައްބާސަށާއި އެ ގައުމުގެ ރައްޔިތުންނަށް އަރިސްކުރައްވައިފައެވެ.

ރޭ ވެރިކަން ކުރާ ޕީއެންސީން ބޭއްވި ޖަލްސާގައި ވެސް ރައީސް ވަނީ ފަލަސްތީނުގެ ހައްގުގައި ވާހަކަދައްކަވާފައެވެ.

އެގޮތުން، އިސްރާއީލު ފިޔަވާ އެހެން ހުރިހާ ގައުމަކާ އެއްކޮށް ސަރުކާރުން ގުޅުން ބަދަހިކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި، ފަލަސްތީނު ރައްޔިތުންނަށް އަނިޔާ ދެމުންދާހާ ހިނދަކު، ރާއްޖޭން އިސްރާއިލު މީހުންނަށް މަރުހަބާއެއް ނުކިޔާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އިސްރާއިލް ޕާސްޕޯޓު މަނާ ކުރީ އެހެންވެ ކަމަށާއި ޕާސްޕޯޓު މަނާ ކުރުމުން ވަރަށް ގިނަ ފިއްތުންތައް އައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ޓޫރިޒަމް ހަލާކުވާނެއޭ، އެހެން ކަންތައްތައް ވާނެއޭ. އަޅުގަނޑު ގަބޫލުކުރީ އެއީ އެކަން ވާނެ ގޮތެއް ނޫން ކަމަށް. އެއީ މިއީ ޑިމޮކްރަސީއޭ، ޑިމޮކްރަސީގައި ކަންކަން ވާން ޖެހޭނީ ރައްޔިތުން ބޭނުންވާ ގޮތަށް. މި ސަރުކާރަކީ ރައްޔިތުންނާ އެކީގައި އޮތް ސަރުކާރެއް. މި ސަރުކާރުން އަޑުއަހާނީ ރައްޔިތުންގެ އަޑު. ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރަމުން ދާނީ،" ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން އިސްރާއީލުގެ ޕާސްޕޯޓު މަނާކުރީ، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިސްރާއީލުން ޣައްޒާއަށް ދެމުން އައި ހަމަލާތައް ވަރުގަދަކޮށް، ގިނަ އަދަދެއްގެ މީހުން ޝަހީދުކުރަމުން ދިޔުމާ ގުޅިގެންނެވެ. އެ ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމަކަށް މިހާރު އައިސްފައިވީ ނަމަވެސް، އޮބްޒާވަރުން ވަނީ އިސްރާއީލުން އެއްބަސްވުމާ ޚިލާފަށް އަދިވެސް ހަމަލާތައް ދެމުން އަންނަ ކަމަށް ބުނެފައެވެ.