15 Nov 2025, 11:09
ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީން ރޭ ބޭއްވި ބޮޑު އެއްވުމާ ގުޅިގެން ސަރުކާރަށާއި ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ސޯޝަލްމީޑިއާގައި އެތައް ފާޑުކިޔުމެއް އަމާޒުވެއްޖެއެވެ.
ރޭ ޕީއެންސީން ބޭއްވި ޖަލްސާގައި ބައިވެރިވުމަށް މިދިޔަ ހަފުތާއިން ފަށައިގެން އަތޮޅުތެރެއިން މީހުން ގެންނަން ވަނީ ފަށައިފައެވެ. އެ ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ، އެ ތަނަށް އެއްވެ ތިބި މީހުންގެ އަދަދު 13،000އަށް ވުރެ އިތުރުވާނެ ކަމަށް ވިދާޅުވެފައެވެ.
އެ މަނިކުފާނުގެ އަރިސް ބޭފުޅުންނާއި ޕީއެންސީގެ މެންބަރުން އަންނަނީ އެއީ ފަހުގެ ތާރީޚެއްގައި ބޭއްވި އެންމެ ބޮޑު ސިޔާސީ ހަރަކާތުގެ ގޮތުގައި ސިފަކޮށް، އެކަމުން ދައްކުވައިދެނީ ސަރުކާރަށާއި ރައީސަށް އޮތް ތާއިދު ކަމަށް ބުނަމުންނެވެ. ނަމަވެސް އެ ޖަލްސާއާ ގުޅުވައި، އިދިކޮޅާއި ބައެއް އާންމުންގެ ފާޑުކިޔުންތައް ވެސް އަމާޒުވެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން އެކްސްގައި ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައީ ގައުމުގެ ހާލަތު ރަނގަޅު ކުރަން ކަމަށާއި ނަމަވެސް މިހާރު ހާލަތު މާ ބޮޑަށް ގޯސް ކަމަށެވެ. އަދި މި ސަރުކާރު ބާއްވައިގެން ގައުމުގެ ހާލަތު އިތުރަށް ގޯސްވުން ނޫން ކަމެއް ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަލީގެ ޕޯސްޓުގައި ވަނީ، ޕީއެންސީން ކިތަންމެ ބޮޑު އެއްވުމެއް ބޭއްވިޔަސް ސަރުކާރުގެ އަގެއް ނެތް ކަމަށާއި ރައްޔިތުންގެ ހިތުގައި ރައީސަށް އިޙުތިރާމެއް ނެތް ކަމަށް ވެސް ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު މުޙައްމަދު އައްބާސް ވެސް ވަނީ، ޖަލްސާގައި ބައިވެރިވި މީހުންގެ އަދަދާ މެދު ޝައްކު އުފައްދަވައިފައެވެ.
އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތުހުމަތު ކުރެއްވީ އެ ޖަލްސާގައި ތިބީ، އަމިއްލަ ބޭނުންވެގެން ދިޔަ މީހުންގެ ބަދަލުގައި، އެކި ގޮތްގޮތުން ގެންގޮސްފައިވާ މީހުން ކަމަށެވެ.
"ވަޒިފާގެ ބިރަށް މަޖުބޫރީ ހާލަތުގައި ގެންދިޔަ މީހުންނާއި، 100 ރުފިޔާ ދީގެން ޖަލްސާއަށް ގެންދިޔަ މީހުންނާއި، ޓީޝާޓް ލައްވާފައި ގެންދިޔަ ބަންގާޅު މީހުންނާ އެކުވެސް މިރޭގެ ޖަލްސާއަށް ގޮސް ތިބި މީހުންގެ އަދަދު
5000 ހަމަ ނުވެ،" އައްބާސް ވިދާޅުވިއެވެ.
"ރައްޔިތުންގެ ޓެކްސް ފައިސާއިން 50 މިލިއަން ޚަރަދުކޮށްފައި، ދެއްކުންތެރިކަން ހައްދުން ނެއްޓިފައި."
އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރަށް އިންތިޚާބުވެ، ވަޑައިގަތް އާދަމް އާޒިމް ވެސް ވަނީ ސަރުކާރަށް ފާޑުވިދާޅުވެ، ޕޯސްޓެއް ކުރައްވާފައެވެ. އޭނާ ވިދާޅުވީ، ސަރުކާރަށް ދެ އަހަރުވީއިރު، ރައީސް ކުރެއްވި ކަމަކީ ރަށްރަށަށް ވަޑައިގެން "ސަޅި ކެނޑުން" ކަމަށެވެ. އަދި، މި ސަރުކާރުން ރައްޔިތަކަށް އެއްވެސް ކަމެއް ކޮށްނުދީ، 110 ބިލިއަނަށް ވުރެ ގިނަ ރުފިޔާ 'ތަޅާ ބުރުލާފައިވާ' ކަމަށް އާޒިމް ވަނީ ތުހުމަތުކުރައްވާފައެވެ.
އޭގެއިތުރަށް، ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެސް ވަނީ، މި ސަރުކާރަށް ދެ އަހަރުވީއިރު، 110 ބިލިއަން ރުފިޔާ ހުސްކޮށްލާފައިވާ ކަމަށް ތުހުމަތުކުރައްވާފައެވެ.
"ނަމަވެސް، ރަށްރަށުގެ ސިއްހީ މަރުކަޒުގެ ކުޑަދޮރުތަކުގެ ތަންޑެއް ވެސް ވަރުވެސް މި ދެ އަހަރު ދުވަހުގެ ތެރޭގައި މަރަމާތު ނުކުރެވޭ ކަމަށް ޕީއެންސީގެ މިރޭ އޮތް ޖަލްސާގައި ރައީސް މުއިއްޒު އެއްބަސްވެ، ވަޑައިގެންފި،" މާރިޔާގެ ޕޯސްޓުގައިވެއެވެ.
މީގެ އިތުރުން އެ ޖަލްސާ ފެށުމުގެ ކުރިން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ގެކޮޅުގެ ބެލްކަންޏަށް ފިޔާތޮށި ކުލައިގެ ހުސް ގޮނޑިއެއް ވެސް ނެރުނެވެ. އެއީ، މި ވެރިކަމުގެ ކުރިން ކޯލިޝަނެއްގެ ގޮތުގައި އޮތް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ޓިކެޓް ފުރަތަމަ ކާމިޔާބު ކުރެއްވީ ޔާމީން ނަމަވެސް، އެ މަނިކުފާނު ޖަލު ހުކުމެއްގައި ހުންނެވުމުން، ރައީސް މުއިއްޒުގެ ކެމްޕޭން ޖަލްސާތަކުގައި ޔާމީންގެ ނަން ޖަހައި ހުސް ގޮނޑިއެއް ބެހެއްޓި ކަމަށް އިޝާރާތް ކުރެއްވުމުގެ ގޮތުންނެވެ.
ރައީސް ވެރިކަމަށް ވަޑައިގަތީ ޔާމީން މިނިވަން ކުރެއްވުމުގެ ވައުދާއެކުގައި ކަމަށްވާއިރު، އެ މަނިކުފާނު އިންތިޚާބުވުމާއެކު ޔާމީން ގެއަށް ބަދަލުކުރެއްވިއެވެ. ނަމަވެސް ރައީސް މުއިއްޒު ވަނީ، ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމަކީ އެ މަނިކުފާނު ކުރައްވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، އެކަމުގައި ވަކި މީހަކު ތަފާތު ނުކުރާނެ ކަމަށް ވިދާޅުވެފައެވެ.