އިންޑިއާގެ ކަރުނާޓަކާގައި ރަސްމީ ވަޒީފާތައް އަދާކުރާ އަންހެނުންނަށް މައްސަރު ދުވަސްވަރު، މުސާރަ ލިބޭ ގޮތަށް އެއް ދުވަހުގެ ޗުއްޓީއެއް ދިނުމަށް އެ ސްޓޭޓުން ނިންމައިފިއެވެ.

ކަރުނާޓަކާއިން އިއުލާންކުރި އާ އުސޫލުގެ ދަށުން ސަރުކާރާއި އަމިއްލަ ކުންފުނިތަކުގައި މަސައްކަތްކުރާ އުމުރުން 18 އަހަރާއި 52 އަހަރާ ދެމެދުގެ އަންހެނުންނަށް، ކޮންމެ މަހަކު އެއް ދުވަހު ޗުއްޓީއެއް ނެގޭނެއެވެ. އަދި ޗުއްޓީ ނެގުމަށް މެޑިކަލް ސެޓްފިކެޓެއް ބޭނުމެއް ނުވާނެއެވެ.

މި އުސޫލުގެ ދަށުން ރަސްމީ ވަޒީފާތަކުގައި މަސައްކަތްކުރާ 350،000 އާއި 400،000އާ ދެމެދުގެ އަންހެނުންނަށް އެއް ދުވަހުގެ ޗުއްޓީ ނެގޭނެއެވެ. ނަމަވެސް، ގޭތެރޭގެ މަސައްކަތްތައް ކުރާ މީހުންނާއި ދުވަހު މުސާރައަށް މަސައްކަތްކުރާ މީހުން ފަދަ، ނުރަސްމީ ވަޒީފާތައް އަދާ ކުރާ ހަ މިލިއަނެއްހާ އަންހެނުން މި ފުރުސަތުން މަހުރޫމްވާ ކަމަށް ބީބީސީން ރިޕޯޓުކުރެއެވެ.

އިންޑިއާގެ އަންހެނުންތަކެއް މުޒާހަރާ ކުރަނީ -- ފޮޓޯ/ގެޓީ

ސްޕެއިން، ޖަޕާން، ދެކުނު ކޮރެއާ އަދި އިންޑޮނޭޝިއާ ފަދަ ގައުމުތަކުން މިހާރު ވެސް މައްސަރު ދުވަސްވަރު ޗުއްޓީ ލިބެއެވެ.

އިންޑިއާގެ ބައެއް ސްޓޭޓްތަކުން ވެސް މި ޗުއްޓީ ދެއެވެ. ބިހާރާއި އޮޑިއްޝާއިން ސަރުކާރުގެ މުވައްޒަފުންނަށް މަހަކު ދެ ދުވަސް ދޭއިރު، ކެރެލާއިން ޔުނިވާސިޓީ އަދި އިންޑަސްޓްރިއަލް ޓްރެއިނިން އިންސްޓިޓިއުޓްގެ މުވައްޒަފުންނަށް ދެ ދުވަސް ލިބެއެވެ.

ބައެއް މީހުން ބުނާ ގޮތުގައި މައްސަރު ދުވަސްވަރު ޗުއްޓީއެއް ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެހެންނަމަވެސް އެފަދަ ޗުއްޓީއެއް ދިނުމާ ދެކޮޅު މީހުން އަންނަނީ، އަންހެނުންނަށް އިތުރު ޗުއްޓީއެއް ދިނުމަކީ ހަމަހަމަ ގޮތެއް ނޫން ކަމަށް ބުނެ ޝަކުވާ ކުރަމުންނެވެ.