15 Nov 2025, 17:42
ބީބީސީއާ ދެކޮޅަށް ފަސް ބިލިއަން ޑޮލަރުގެ ދައުވާއެއް ކުރުން އެކަށީގެންވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޓްރަމްޕް އެގޮތަށް ވިދާޅުވީ އެމެރިކާގެ ކެޕިޓޮލް އިމާރާތަށް 2021 ވަނަ އަހަރު ޓްރަމްޕުގެ ސަޕޯޓަރުން ވަދެ ހަމަނުޖެހުން ހިންގައި ގެއްލުން ދިން ދުވަހު ޓްރަމްޕް ދެއްވި ތަގުރީރެއްގެ މާނަ އޮޅޭ ގޮތަށް އެޑިޓްކޮށް ޑޮކިއުމެންޓްރީއެއްގައި ހިމެނި މައްސަލައިގައި ޓްރަމްޕް ކިބައިން ބީބީސީން މައާފަށް އެދިފައިވަނިކޮށެވެ.
"އަހަރެމެން އެމީހުންގެ މައްޗަށް ދައުވާ ކުރާނީ އެއް ބިލިއަން ޑޮލަރާއި ފަސް ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް، ފަހަރެއްގައި އަންނަ ހަފްތާގެ ކޮންމެވެސް ދުވަހަކުން," ހަފްތާ ބަންދުގައި ފްލޮރިޑާއަށް ވަޑައިގަންނަވަމުން އެއާފޯސް ވަންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ.
"އަހަރެންނަށް ހީވަނީ އެކަން ކުރަން ޖެހޭނެހެން، އެމީހުން މަކަރު ހެދި ކަމަށް ވެސް ގަބޫލުކޮށްފައިވޭ. އެމީހުން އަހަރެންގެ އަނގައިން ނުކުންނަ ބަސްތައް ބަދަލުކޮށްލީ,"
ޓްރަމްޕް ވިދާޅުވީ އެ މައްސަލައާ ގުޅޭ ގޮތުން އިނގިރޭސި ބޮޑުވަޒީރު ކައިރް ސްޓާމާ އާއި ވާހަކަ ނުދެއްކި ނަމަވެސް މި ހަފްތާ ބަންދުގައި ގުޅަން ރާވާފައިވާ ކަމަށެވެ.
ޓްރަމްޕްގެ ވަކީލުން ފުރަތަމަ ޝަރުތު ކަނޑައެޅީ ބީބީސީން ޑޮކިއުމެންޓްރީ އަނބުރާ ގެންދިއުން ނުވަތަ އެއް ބިލިއަން ޑޮލަރަށް ވުރެ މަދު ނޫން ދައުވާއެއް އަދަދަކަށް ދައުވާ ކުރުމަށެވެ. އަދި މައާފަށް އެދި ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށްވެސް ވަނީ ޝަރުތުކޮށްފައެވެ.
ޓްރަމްޕްގެ ވާހަކަތައް އެޑިޓް ކުރުމަކީ ގޯހެއް ކަމަށް ގަބޫލުކުރާ ކަމަށް ބުނެ ބީބީސީން ޓްރަމްޕަށް ސިޓީ ފޮނުވީ ބުރާސްފަތި ދުވަހުއެވެ. އަދި ޑޮކިއުމެންޓްރީ އަލުން ބްރޯޑްކާސްޓު ނުކުރާނެ ކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެވެ.
ނަމަވެސް އެ ނޫހުން ވަނީ ޓްރަމްޕް ކުރައްވަން އުޅޭ އަބުރުގެ ދައުވާގެ އަސާސް ދޮގުކޮށްފައެވެ.
ޓްރަމްޕަށް 2020 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ނާކާމިޔާބުވުމުން ހަމަނުޖެހުންތަކަށް ހިތްވަރުދީ ވާހަކަ ދެއްކެވި ކަމަށް ބުނެ ބީބީސީން ދެއްކީ 2021 ވަނަ އަހަރު ޖެނުއަރީ ހަ ވަނަ ދުވަހު ޓްރަމްޕް ދެއްވި ތަގުރީރެކެވެ.
ޓްރަމްޕުގެ ވާހަކަފުޅުތަކުން އެކި ތަނުން އެކި ތަންކޮޅު ނަގައި މާނަ އޮޅޭ ގޮތަށް ހިމަނައިގެން ޑޮކިއުމެންޓްރީއެއްގައި އެ ތަގުރީރު ދެއްކީ މިދިޔަ އަހަރު އެމެރިކާގެ ރިޔާސީ އިންތިހާބަށް ހަފްތާއަކަށް ވެފައި ވަނިކޮށް ބީބީސީގެ މަޝްހޫރު ޕެނޮރާމާ ޕްރޮގްރާމްގައެވެ.
އެ މައްސަލައާ ގުޅިގެން ބީބީސީގެ ޗީފް އެގްޒެކެޓިވް ޓިވް ޑޭވީއާއި ހެޑް އޮފް ނިއުސް ޑެބޯރާ ޓާނެސް ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ.