15 Nov 2025, 09:46
ބޮލީވުޑްގެ އެންމެ މަގުބޫލު އެކްޓަރުންގެތެރޭ ހިމެނޭ ރާޖްކުމާރު ރާއޯ އާއި އަންހެނުން ޕަތްރަލެކާއަށް އަންހެން ކުއްޖަކު ލިބުނުކަން ދެމަފިރިން އިއުލާނުކޮށްފިއެވެ.
ރާޖްގެ އަންހެނުން ޕަތްރަލެކާއަށް އަންހެންކުއްޖަކު ލިބުނުކަން އިއުލާނުކޮށްފައި ވަނީ މިއަދެވެ. ދެ ތަރިން އަލަތު ދަރިފުޅަށް މަރުހަބާ ކިޔާފައި ވަނީ ދެ މީހުންގެ ކައިވެންޏަށް ހަތަރު އަހަރުވީ ދުވަހެވެ.
އެހެންކަމުން މިއަދުގެ ތާރީޚު ކުރިއަށްވުރެ އެތައް ގުނައެއް ޚާއްސަވެއްޖެ ކަމަށް ރާޖް އާއި ޕަތްރަލެކާގެ ސޯޝަލް މީޑިއާ ޕޯސްޓުގައި ވަނީ ބުނެފައެވެ.
ރާޖްގެ ދެމަފިރިންނަށް ކުއްޖަކު ލިބޭކަން އިއުލާނުކޮށްފައި ވަނީ މި އަހަރުގެ ޖުލައި މަހުގެތެރޭގައެވެ. ރާޖް އާއި ޕަތްރަލެކާ ކައިވެނިކޮށްފައި ވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދުވަސްތަކެއް ފަހުން 2021ގައެވެ. ދެ މީހުންގެ ލޯބީގެ ގުޅުން ފެށުނީ 2014ގައި އެކީގައި މަސައްކަތްކުރި ފިލްމު "ސިޓީ ލައިޓްސް"ގެ ޝޫޓިންގެ ތެރެއިންނެވެ.

ރާޖް އަދި އަންހެނުން ޕަތްރަލެކާ--ފޮޓޯ/އިންޑިއާޓުޑޭ
މާބަނޑު ދުވަސްވަރުގެ ތަޖުރިބާތައް ހިއްސާކުރަމުން ތަންކޮޅެއް ކުރިން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ޕަތްރަލެކާ ބުނީ، އުމުރު މާ މަތިވުމުން ކުދިން ހޯދުމަކީ އެހާ ރަނގަޅު ވިސްނުމެއް ނޫން ކަމަށެވެ.
އޭގެ ސަބަބުން ސިއްހީގޮތުން ބޮޑެތި ގޮންޖެހުންތަކެއް މައިމީހާއަށް ކުރިމަތިވާ ކަމަށާއި ކައިވެންޏަށްފަހު ވީހާވެސް އަވަހަކަށް ކުއްޖަކު ހޯދުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.
ޕަތްރަލެކާ އާއި ރާޖްއަށް އަލަތު ދަރިފުޅު ލިބުނުކަން އިއުލާނުކުރުމާ އެކު ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ވަނީ ދެމަފިރިންނަށް ތަހުނިޔާ ކިޔާފައެވެ. އޭގެތެރޭގައި ވަރުން ދަވަން، އަލީ ފަޒަލް، ނެހާ ދޫޕިއާ އަދި މަޝްހޫރު ކޮމީޑިއަން ބާތީ ސިންގް ވެސް ހިމެނެއެވެ.