15 Nov 2025, 10:10
ފިލްމު "ގައްލީ ބޯއި"އިން އެކްޓިން ކެރިއަރު ފެށި ބޮލީވުޑްގެ އެކްޓަރު ސިދާތު ޗަތުރުވެދީ އަލަށް ބައޮޕިކްއަކަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ފިލްމީ ރިޕޯޓުތައް ބުނާގޮތުން ސިދާތުއަށް ފުރުސަތު ލިބުނު މި ފިލްމަކީ ހިންދީ ފިލްމުތަކުގެ އިތުރުން މަރާޓީ ސިނަމާގެ ކުރީގެ ވަރުގަދަ ޝަހްސިއްޔަތެއް ކަމަށްވާ ވީ ޝަންތަރަމްގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ބައޮގްރަފިކަލް ޑްރާމާއެކެވެ.
މީގެ 35 އަހަރު ކުރިން މަރުވެފައިވާ ޝަންތްރަމް އަކީ ޑައިރެކްޓަރެއްގެ އިތުރުން ފިލްމު ޕްރޮޑިއުސްކޮށް ސްކްރީން ލިޔުންތެރިއެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައިވާ މީހެކެވެ.

ސިދާތު ފިލްމު "ދަޅަކް 2"ގެ މަންޒަރެއްގައި--ފޮޓޯ/ހިންދުންސްތާން ޓައިމްސް
ޝަންތްރަމް ގެނެސްދިން މަޝްހޫރު ފިލްމުތަކުގެތެރޭ 1955ގެ "ޖަނަކް ޖަނަކް ޕާޔަލް ބަޖޭ" އާއި 1957ގެ "ދޯ އާނކޭ ބާރާ ހާތު" އަދި 1959ގެ "ނަވްރަންގް" ހިމެނެއެވެ.
ޝަންތްރަމްގެ ހަޔާތުގެއް މައްޗަށް ބިނާކޮށް ގެނެސްދޭ މި ބައޮގްރަފިކަލް ޑްރާމާގައި ސިދާތުގެ އިތުރުން ފަރުދީން ޚާން ވެސް ހިމެނޭ ކަމަށް ފިލްމީ ރިޕޯޓުތައް ބުނެއެވެ. ނަމަވެސް މި ފިލްމާ ބެހޭ އިތުރު މައުލޫމާތުތަކެއް ރަސްމީކޮށް އާއްމުކޮށްފައެއް ނުވެއެވެ.
ފިލްމު "ގައްލީ ބޯއި"އިން ލިބުނު މަގުބޫލުކަމާ އެކު ސިދާތު ވަނީ ބޮލީވުޑްގެ ބޮޑެތި ޕްރޮޑަކްޝަން ޓީމުތަކާ އެކު މަސައްކަތްކޮށްފައެވެ. އޭގެތެރޭގައި ޔަޝް ރާޖް ފިލްމްސް، ދަރުމާ ޕްރޮޑަކްޝަން އަދި އެކްސެލް އެންޓަޓެއިންމަންޓް ހިމެނެއެވެ.
ސިދާތު އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ ދަރުމާ ޕްރޮޑަކްޝަންސް އާއި ޒީ ސްޓޫޑިއޯ ގުޅިގެން ގެނެސްދިން ފިލްމު "ދަޅަކް 2"އިންނެވެ.
މި ފިލްމަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނުއިރު ފިލްމުގައި ސިދާތުގެ ކެރެކްޓާއަށް އޭނާ ވަނީ ވަރަށް ރަނގަޅަށް އިންސާފުކޮށްފައި ކަމަށް ކްރިޓިކުން ވެސް ވަނީ ބުނެފައެވެ.