ސުލްހައިގެ ވާހަކަތަކުގައި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ބައިވެރި ނުކުރުމަށް ރައީސް ނަޝީދު އެދިވަޑަވައިގެންފައި ވަނީ "ރައީސް ނަޝީދަށް ހައްގާ ކުރިމަތިލާން ކެރިވަޑައި ނުގަންނަވާތީ" ކަމަށް އިމްރާން ވިދާޅުވެއްޖެ އެވެ.

ސުލްހައިގެ ވާހަކަތަކުގައި އަދާލަތު ޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲ އާއި ޕީޕީއެމްގެ ވަގުތީ ނައިބު ރައީސް އުމަރު ނަސީރު ބައިވެރިނުކޮށް ވާހަކަތައް ބާއްވައި ދިނުމަށް އެދިވަޑައިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭރުގެ ޑިޕޮލޮމޭޓަކު މެދުވެރިކޮށް ރައީސް ޑރ. މުހައްމަދު ވަހީދު އަށް ދަންނަވާފައި ވާތީ އެކަމާ ބެހޭ ގޮތުން އިމްރާން މިއަދު ނޫސް ކޮންފަރެންސެއްގައި ވިދާޅުވީ އެގޮތަށް ރައީސް ނަޝީދު އެދިވަޑައިގެންފައި ވަނީ "ރައީސް ނަޝީދަށް ހައްގާ ކުރިމަތިލާން ކެރިވަޑައި ނުގަންނަވާތީ" ކަމަށެވެ.

ނަމަވެސް އެކަމާ ބެހޭ ގޮތުން އިތުރު އެެއެއްޗެއް އޭނާ ވިދާޅެއް ނުވި އެވެ.

މިއަދު އަދާލަތު ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ މެމްބަރު ސޮބާހް ރަޝީދު ވިދާޅުވީ އެ ސަބަބު އެމްޑީޕީން ހުށައަޅަން ޖެހުނީ ކީއްވެކަން އެ ޕާޓީ އަށް ނޭނގޭ ކަމަށާއި އަދި ހުރިހާ ޕާޓީތަކެއްގެ މަޝްވަރާ ބައްދަލުވުމުގައި ޕާޓީއެއްގެ އެންމެ އިސްފަރާތް ބައިވެރިނުކުރުމަށް ހުށައެޅި ހުށައެޅުމަކީ ވަރަށް ނިކަމެތި ހުށައެޅުމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އެ ބައްދަލުވުމުގައި އިމްރާން ވިދާޅުވީ ސުލްހައިގެ ވާހަކަތަށް އެކަމުގެ ހަމަތަކާ އުސޫލުގެ މަތިން ކުރިއަށްދާ ނަމަ އެ ޕާޓީން މަޝްވަރާތަކަށް ތައްޔާރު ކަމަށެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު މީގެ ކުރިން ވިދާޅުވެފައި ވަނީ ސިޔާސީ މަޝްރަހު ފިނިކުރުމަށް ސިޔާސީ ޕާޓީތަކުގެ މެދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސުލްހައިގެ ވާހަކަތަކުގައި އުމަރާއި އިމްރާނު ބައިވެރި ނުކުރަން ހުށައަޅާފައި ވަނީ އެކި މަންދޫބުން ބައިވެރިކޮށްގެން ސަރުކާރާ އެކު ކުރި މަޝްވަރާތަކުގައި ކަމަށާއި ނަމަވެސް އެ ދެ ބޭފުޅުން ބައިވެރިނުކޮށް ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އެމްޑީޕީން ހުށައަޅާ ސީދާ ސަބަބުތައް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ސުލްހާގެ ވާހަކަތަކުގައި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބުދުﷲ އާއި ޕީޕީއެމްގެ ނައިބު ރައީސް އުމަރު ނަސީރު ބައިވެރިނުކުރަން އެމްޑީޕީން ސަރުކާރަށް ހުށައެޅި ކަމަށް ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވުމާ ގުޅިގެން އެކަމުގެ ހަގީގަތް ބެލުމަށް އެމްޑީޕީގެ ސްޕޯކްސް ޕާސަން ހާމިދު އަބްދުލް ޣަފޫރަށް ދެންނެވުމުން ވިދާޅުވީ އެމްޑީޕީން އެފަދަ ކަމެއް މިހާތަނަށް ކޮށްފާވާ ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.