މީގެ އަހަރުތަކެއް ކުރިން ކައިވެންޏަށްފަހު އަންހެނުން އެ މީހުންގެ މުޅި ދިރިއުޅުން ފިރިމީހާގެ އާއިލާއަށްޓަކައި ގުރުބާންކުރަމުން އައި ސަގާފަތް އިންޑިއާގައި ނެތެމުންދާ ކަމަށް ބޮލީވުޑް ބަތަލާ ކާޖޮލް ބުނެފިއެވެ.

ކާޖޮލް މިގޮތަށް ބުނެފައި ވަނީ އެމެޒޯން ޕްރައިމް ވީޑިއޯއިން ގެނެސްދެމުން އަންނަ ކާޖޮލްގެ ޝޯ "ޓޫ މަޗް ވިތު ކާޖޮލް އެންޑް ޓުވިންކަލް"ގެ އެންމެ ފަހު އެޕިސޯޑުގައި ވާހަކަ ދައްކަމުންނެވެ.

މެހެމާނުންގެ ގޮތުގައި ބޮލީވުޑް ތަރިން ކަމަށްވާ ކްރިތީ ސެނޮން އާއި ވިކީ ކޯޝަލް ބައިވެރިވި މި އެޕިސޯޑުގައި ދެކެވުނު ވާހަކައެއްގެތެރޭ ކާޖޮލް ބުނީ ކައިވެންޏަށްފަހު އަންހެންކުއްޖާގެ އަމިއްލަވަންތަކަން ގެއްލި އެއީ ކިތަންމެ ހުނަރުވެރި މީހަކަށްވި ނަމަވެސް ދިރިއުޅުމުގައި ކުރިއަށްދާނެ މަގު މީގެ އަހަރުތަކެއް ކުރިން އެމީހަކަށް ހަނިވެފައިވާ ކަމަށެވެ.

އެއީ އިންޑިއާގެ މުޖްތަމައުތެރޭ ވަރަށް އާއްމުކަމެއް ކަމަށާއި ނަމަވެސް އެ މަންޒަރު މިހާރު ބަދަލުވެފައިވާ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ބަތަލާ ކާޖޮލް އަދި ފިރިމީހާ އެކްޓަރު އަޖޭ ދޭވްގަން--ފޮޓޯ/ބޮލީވުޑްހަންގާމާ

ކާޖޮލް ދަންނަ ވަރަށް ގިނަ އަންހެނުންގެ ތެރޭ, ކައިވެންޏަށްފަހު އަމިއްލަ ކެރިއަރެއް ބިނާކޮށް ޕްރޮފެޝަނަލް ދިރިއުޅުމާ އެއްވަރަށް އަމިއްލަ ދިރިއުޅުން ވެސް ކާމިޔާބުކަމާ އެކު ކުރިއަށްގެންދާ މީހުން އެބަތިބި ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

މިފަހަކަށް އައިސް ކައިވެންޏާ މެދު މީހުން ދެކޭގޮތް ވެސް ބަދަލުވާ ކަމަށާއި ބަތަލާ ދަންނަ ވަރަށް ގިނަ ދެމަފިރިން އެބައިމީހުންގެ ދިރިއުޅުން ކުރިއަށްގެންދަނީ ޕާޓްނާސްގެ ގޮތުގައި ޓީމެއް ގޮތަށް ކަމަށް ބޮލީވުޑްގެ އެންމެ ތަޖުރިބާހުރި ފިލްމީ ތަރިންގެތެރޭ ހިމެނޭ ކާޖޮލް ވަނީ ބުނެފައެވެ.

އެގޮތަށް ދިރިއުޅުން ބިނާކުރެވޭނީ ޒަމާނަށް އަންނަ ބަދަލުތަކާއި، އެކަމަށް އަހުލުވެރިވެފައިވާ މީހަކު ހަޔާތުގެ ބައިވެރިއެއްގެ ގޮތުގައި ހޮވުމުން ކަމަށް ކާޖޮލް ވަނީ ބުނެފައެވެ.

ކާޖޮލް އާއި އެކްޓަރު އަޖޭގެ ކައިވެންޏަށް މިހާރު 26 އަހަރު ފުރިފައިވާއިރު އެ ދެމަފިރިންނަކީ ބޮލީވުޑްގެ އެންމެ ނަމޫނާ ދެމަފިރިންގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.

ކާޖޮލް ބުނެފައިވާ ގޮތުގައި ބަތަލާގެ ޒަވާޖީ ހަޔާތުގައި ވެސް މައްސަލަތައް ކުރިމަތިވެއެވެ. ނަމަވެސް އެ މައްސަލަތައް ހައްލުކުރުމަށް ދެ މީހުން އެކަކު އަނެކަކާއެކު އަބަދުވެސް މަސައްކަތް ކުރާ ކަމަށާއި ވާހަކަ ދައްކައިގެން ހައްލު ނުކުރެވޭ އެއްވެސް މައްސަލައެއް ދިރިއުޅުމުގައި ކުރިމަތިނުވާނެ ކަމަށް، މީގެ ކުރިން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބަތަލާ ވަނީ ބުނެފައެވެ.