15 Nov 2025, 09:43
ބޮލީވުޑްގެ ބަތަލާ ކްރިތީ ސެނޮން އާއި ދެކުނު އިންޑިއާގެ އެކްޓަރު ދަނުޝް އެކީގައި ފުރަތަމަ ފަހަރަށް މަސައްކަތްކޮށްފައިވާ ފިލްމު "ތެރޭ އިޝްގް މޭ"ގެ ރަސްމީ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.
މިއީ ކާމިޔާބު ގިނަ ފިލްމުތަކެއް ބެލުންތެރިންނަށް ގެނެސްދިން ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އާނަންދު އެލް ރާއީގެ ފިލްމެކެވެ. މި ފިލްމުގެ ޓްރެއިލާއާ އެކު ފިލްމު ސިނަމާތަކަށް ގެނެސްދޭނެ ތާރީޚު ވެސް ވަނީ އިއުލާނުކޮށްފައެވެ.
ބުޝަން ކުމާރުގެ ޓީ-ސީރީސްއާ ގުޅިގެން އާނަންދު ގެނެސްދޭ މި ފިލްމަކީ ވަރަށް އަސަރުގަދަ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މިއީ އާނަންދުއާ އެކު ކްރިތީ ވެސް މަސައްކަތްކުރި ފުރަތަމަ ފިލްމެވެ.
އާނަންދު ވަނީ ދަނުޝްއާ އެކު 2013 ވަނަ އަހަރު ގެނެސްދިން ލޯބީގެ ފިލްމު "ރާންޖްނާ"ގައި ވެސް މަސައްކަތްކޮށްފައެވެ.
އޭއާރް ރަހްމާން މިއުޒިކް ތައްޔާރުކޮށްދީފައިވާ މި ފިލްމަކީ މި އަހަރު ރިލީޒްކުރާ ފިލްމުތަކުގެ ތެރެއިން ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާނެ ކަމަށް ބެލެވޭ ފިލްމެކެވެ. މި ފިލްމު ސިނަމާތަކަށް ގެނެސްދޭނީ މި މަހުގެ 28ގައެވެ.

ފިލްމު "ތެރޭ އިޝްގް މޭ"ގެ މަންޒަރެއްގައި ކްރިތީ އާއި ދަނުޝް--ފޮޓޯ/ޕިންކްވިލާ
ވަރަށް މަދުން ބޮލީވުޑް ފިލްމުތަކުން ފެންނަ ސައުތު އެކްޓަރު ދަނުޝް އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ އެއް ވަނަ ދުވަހު ރިލީޒްކުރި ތަމަޅަ ފިލްމު "އިޑްލީ ކަޑާއީ"އިންނެވެ. ދަނުޝްގެ އެންމެފަހުގެ ބޮލީވުޑް ފިލްމަކީ 2021ގައި ރިލީޒްކުރި ފިލްމު "އަތުރަންގީ ރޭ"އެވެ.
ބަތަލާ ކްރިތީ އެންމެފަހުން ބެލުންތެރިންނަށް ގެނެސްދިނީ އަމިއްލަ ފިލްމު ޕްރޮޑަކްޝަން ކުންފުނިން ގެނެސްދިން "ދޯ ޕައްތީ"އިންނެވެ. ފިލްމުގެ ލީޑް ބަތަލާގެ އިތުރުން ޕްރޮޑިއުސަރުންގެ ޓީމުގައި ވެސް ކްރިތީ ވަނީ މަސައްކަތްކޮށްފައެވެ.