އާކިލް ހީކުރީ އިވްލީން ބިރުން ސިހޭނެ ކަމަށެވެ.

********

އިވްލީން ގުޑިވެސް ނުލިއެވެ. އާކިލްއާއި ދިމާއަށް ބަލައިލާކަށްވެސް އޭނާ ބޭނުމެއް ނުވިއެވެ. އިވްލީން ހީކުރީ އޭނާ އަޅައިނުލުމުން އާކިލް އެނބުރި ދާނެ ކަމަށެވެ. އެކަމަކު، ކަންތައްވީ އިދިކޮޅަށެވެ. އާކިލްއަށް ލިބުނީ އިތުރު ހިތްވަރެކެވެ. އޭނާ އިވްލީންގެ ކައިރީގައި އިށީނެވެ. އިވްލީން ދެންވެސް އިންގޮތަށް އިނީއެވެ. އާކިލްގެ ނަޒަރު އިވްލީންގެ އަތުގައި އޮތް ގައުކޮޅުން މޫނަށް ހުއްޓުނެވެ.

"އީވް ވަރަށް ޗޭންޖްވެއްޖެ..." ކުޑަކޮށް ބޯ އަރިކޮށްލާފައި، އިވްލީންގެ މޫނަށް ފުން ނަޒަރެއް ދެމުން އާކިލް ބުނެލިއެވެ.

އާކިލް ކުއްލިއަކަށް އެހާ ގާތްވުމުން، އިވްލީންގެ ދެލޯ ބޮޑުވިއެވެ. އޭނާގެ މުޅި ގައިން ހީބިހި ނަގައިގަތެވެ. އޭރެކޭ އެއްގޮތަށް މިއަދުވެސް އާކިލް ގާތްވެލުމުން، އިވްލީންގެ ހިތުގެ ޖަޒުބާތުތަކުގެ މައްޗަށް ބާރު ފޯރުވަން އުނދަގޫވެއެވެ. ބުނަން އުޅުނު ލަފްޒުގެ މަތިން ހަނދާންނެތިފައި އިވްލީނަށް އާކިލްގެ ދެލޮލުގެ ތެރެއަށް ގެނބިފައި އިނދެވުނެވެ. އާކިލްގެ ގައިން ދުވަމުންދިޔަ ލުއިލުއި ސެންޓުގެ މީރުވަސް އިވްލީންގެ ސިކުނޑިއާއި ކުޅެމުން ދިޔައެވެ. އެހާ ކައިރިން އާކިލްގެ ފިރިހެންވަންތަ މޫނު ފެނުމުން، އިވްލީންގެ ހިތުގެ ހިނގުން މަޑުޖެހެނީ އަދިވެސް އެ ހިތުގައި އިހުސާސްތަކެއް ވާތީއެވެ. އެ އިހުސާސްތައް ހުރީ އިވްލީންގެ ދެލޮލުން ފެންނާށެވެ.

"ސްޓިލް ލަވް މީ؟..." އާކިލް މަޑުމަޑުން އަހައިލިއެވެ.

އިވްލީނަށް ހަމަހޭވެރިކަންވީ ދެނެވެ. ވަގުތުން އޭނާގެ ދެބުމަ ގޮށްޖެހުނެވެ. އަވަސް އަވަހަށް އާކިލްގެ މޭގައި އަތް އަޅައި ދުރުކޮށްލިއެވެ.

"އާކިލްގެ ހިތް ފުރޭނީ ކޮން ދުވަހަކުންތަ؟..." ފުންމައިގެން ތެދުވެ، ޝަކުވާގެ ރާގަކަށް އިވްލީން ބުނެލިއެވެ.

"އަހަރެންގެ މަތިން ހަނދާނެއް ނުނެތެޔޭ ބުނި ދުވަހަކުން..." އާކިލް ތެދުވެ، ދެޖީބަށް އަތް ޖަހައިލިއެވެ.

އިވްލީން ހިތްހަމަނުޖެހިގެން ބާރުބާރަށް ހިނގައިގަތެވެ. އާކިލްގެ އެފަދަ ސަމާސާތަކުން އިވްލީންގެ ހިތް އިތުރަށް ޒަހަމުވުން ނޫންކަމެއް ނުވެއެވެ. އަމިއްލަ ހިތުގެ ހާލު އާކިލްގެ ކުރިމަތީގައި ބޭޒާރުވާން ނޭދުނަސް، އިވްލީނަށް އަމިއްލަ ނަފުސުގެ މައްޗަށް ބާރެއް ނުފޯރުވެއެވެ.

ކެފޭއިން ނުކުތް މިރާހަށް ބާރުބާރަށް ހިނގާފައި އެއްގަމަށް އަރައިގެން ދިޔަ އިވްލީން ފެނުނެވެ. އިވްލީންގެ މޫނުމަތީގެ އަސަރުތައް ހުރިގޮތް ފެނުމުން، ކަމެއް ގޯސްވެއްޖެކަން މިރާހަށް އެނގުނެވެ. އޭނާ ގޮވައިލި ނަމަވެސް އިވްލީނަށް އަޑެއް ނީވުނެވެ. އޭނާގެ މިސްރާބު ހުރީ ގެއާއި ދިމާއަށެވެ. މިރާހްގެ ނަޒަރު އަތިރިމަތީގައި ހުރި އާކިލްއަށް ހުއްޓުމާއިއެކު، އެ ނަޒަރު ބަދަލުވިއެވެ. މިރާހް ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އާކިލްގެ ކުރިމަތީގައި ހުއްޓުނެވެ.

"މިރާހް!..." އާކިލްއަށް މިރާހް ފެނުމުން ހަދިޔާކޮށްލީ، ލުއި ހިނިތުންވުމެކެވެ.

"ލީވް ހާރ އެލޯން..." މިރާހް ހިތްހަމަނުޖެހިފައި ބުނެލިއެވެ.

އާކިލް އެއްޗެއް ނުބުނެ ދުރަށް ނަޒަރު ހުއްޓައިލިއެވެ. އިވްލީންގެ ހަޔާތަށް އެނބުރި އައުމަކީ ހުދު އާކިލްވެސް ބޭނުންވާ ގޮތެއް ނޫނެވެ. އަނެއްކޮޅުން އިވްލީންގެ ހިތަށް ތަދުކޮށްގެން އާކިލްއަށް ލިބޭ އުފަލެއްވެސް ނެތެވެ.

"ކޮންކަމެއް ހާސިލުނުވެގެން އާކިލް ތިއުޅެނީ؟... އީވްގެ ހިތް ހަލާކުކޮށްލެވުނީމަވެސް ހިތް ނުފުރެނީތަ؟..." މިރާހް މަސައްކަތްކުރީ ރީތިކޮށް ވާހަކަ ދައްކާށެވެ. "އަހަރެން އާކިލްއަށް ވަރަށް ރެސްޕެކްޓް ކުރިން... އެކަމަކު، ހިއެއް ނުކުރަން އާކިލް ތީ އެހާ ރަހުމުކުޑަ މީހެއް ކަމަކަށް... އީވްގެ ކުށެއްނެތި ތިހެން ހަދަން އާކިލްއަށް އެއްވެސް ހައްގެއް ނޯންނާނެ..."

"ޔޫ ލައިކް ހާރ؟..." މިރާހްގެ ދެލޮލަށް ބަލަން ހުރެ އާކިލް އަހައިލިއެވެ.

މިރާހް ހުއްޓުން އެރިއެވެ. އާކިލްގެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގިފައި އޭނާއަށް އިރުކޮޅަކު ހުރެވުނެވެ. ދެމީހުން އެކަކު އަނެކަކަށް ބަލަން ތިބިއިރު، ދެލޮލުން އެކަކު އަނެކަކަށް އިންޒާރު ދޭ ފަދައެވެ.

"މިރާހް ކަހަލަ ކިޔަވައިގެން ހުރި މީހަކު މިހުރިހާ ދުވަހު ކެފޭގަ ތިގޮތަށް ނުހުންނާނެ..." އާކިލް ދެލޯ ހަނިކޮށްލިއެވެ.

"ދެން ކޮބާ މައްސަލައަކީ؟..." އަޑަށް ބާރުލަމުން މިރާހް ބުނެލިއެވެ. "މީގެފަހުން، އީވްއަށް އުނދަގޫވާގޮތަށް ކަންތައް ނުކުރިއްޔާ ވަރަށް ރަނގަޅު..."

މިރާހް ފަސްއެނބުރި ދާން ހިނގައިގަތެވެ. އާކިލް އުނދަގޫގޮތަކަށް ހިންދިރުވައިލިއެވެ. ވެލިގަނޑުގައި ފައިން ޖެހިއިރު، އޭނާގެ ދެލޮލުގައި ކަރުނައިގެ އަސަރު ވިއެވެ. އެންމެން ކުށްވެރިކުރަނީ އާކިލްއެވެ. މާޒީގައި ކަންތައް ހިނގިގޮތް ސާފުކުރަން އެކަކުވެސް މަސައްކަތް ނުކުރަނީ ކީއްވެ ހެއްޔެވެ؟ ހިތް ހަލާކުވީ އިވްލީންގެ އެކަންޏެއް ނޫނެވެ. ހުދު އާކިލްގެ ހިތްވެސް ވަނީ ހަލާކުވެފައެވެ. އެ ވާހަކަ އެކަކުވެސް ނުދައްކަނީ ކީއްވެ ހެއްޔެވެ؟

********

އިވްލީން ގެއަށް ވަންއިރު، ކޮޓަރިތެރެއިން ބަލި އަޑަކުން މީހަކު ކެއްސާ އަޑު އިވެއެވެ. އިވްލީން މަޑުމަޑުން ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ.

"ބައްޕާ!.." އިވްލީން އެތެރެއަށް ވަންއިރު، މަހްމޫދު އިނީ ފެންބޯށެވެ.

މަހުމޫދުގެ ނަޒަރު އިވްލީނަށް ހުއްޓުނެވެ. އިވްލީން ފެނުމުން، އެ މޫނު ވަގުތުން އުޖާލާވެގެން ދިޔައެވެ. މަހުމޫދުގެ އިސްތަށިގަނޑު ވަނީ ހުދުވެފައެވެ. މުސްކުޅިވެ، ގައިބާރު ދެރަވެފައިވާތީ، ތެދުވެ އުޅެން މަހުމޫދަށް ވަނީ ދަތިކަމަކަށެވެ. އިވްލީން ހަލުވި ފިޔަވަޅުތަކެއްގައި ގޮސް މަހުމޫދުގެ ބުރަކަށީގައި ފިރުމައިލިއެވެ. ފެންބޯތަށި މޭޒުމަތީގައި ބަހައްޓާފައި، ބައްޕަ އޮށޯތުމަށް އެހީތެރިވިއެވެ. އުމުރުން ދުވަސްވެ، ގައިބާރު ދެރަވެފައިވިޔަސް، މަހުމޫދުގެ ކައިރީގައި އިވްލީނަށް ރައްކާތެރިކަން އިހުސާސްވެއެވެ.

"ބައްޕާ!..." ސުވާލެއް ކުރަން ބޭނުންވާ ފަދައިން އިވްލީން އޭނާގެ ބައްޕައަށް ގޮވައިލިއެވެ. "ނޫފެހިކުލައެއްގެ ހިލަކޮޅެއް ކަހަލަ އެއްޗެއް ލީ ފަށެއް މަންމަ އެޅިތަ؟..."

"ކިހިނެއްވީ؟..." މަހްމޫދުގެ މޫނުން ފެނުނީ ހައިރާންކަމެވެ.

"ފޮޓޯއަކުން ފެނުނީ... އެކަމަކު، މަންމަގެ އެއްވެސް ގަހަނާއެއްގެ ތެރެއިން އޭގެ ފަށެއް ނުދެކޭތީ އަހާލީ...." އިވްލީން ތަފްސީލް ދިނެވެ.

"ނޫފެހިކުލައިގެ ފަށުފުލެއްދޯ؟..." ފަށުފުލުގެ ހަގީގަތް އެނގޭ ފަދަ މޭރުމަކުން މަހްމޫދު ބުނެލިއެވެ. "އެއީ ދަރިފުޅުގެ މާމަ، މަންމައަށް ދިން ފަށުފުލެއް... މާމަ އަބަދުވެސް ބުނާނެ އެއީ ވަރަށް ހާއްސަ ފަށުފުލެކޭ... އެ ފަށުފޫ ގެންގުޅޭ މީހެއްގެ ނަސީބު ރަނގަޅުވާނެއޭ... މީހުންގެ ލޯބި ލިބޭނެއޭ..."

"ތި ވާނީ މާމަ މޮޅު ވާހަކައެއް ހަދާލީ ކަމަށް.. ކުޑައިރު މާމަ އެކަހަލަ ބައިވަރު ވާހަކަ ކިޔައިދޭނެ...." މާމަގެ ހަނދާން އައުވުމުން އިވްލީނަށް ހިނިތުންވެލެވުނެވެ.

"މަންމަ އުޅުނީ އެ ފަށަށް ވަރަށް ބަލައިގެން... ދަރިފުޅު ބޮޑުވީމަ ދަރިފުޅަށް އެ ފަށް ދޭން މާމަ އޮތީ ވަސިއްޔަތްކޮށްފަ... މަންމަ ނިޔާވި ދުވަހުގެ ކުރީ ދުވަހު މޫދަށް ގޮސް އައިސް ބުނީ ފަށް ގެއްލިއްޖެއޭ... އެކަމާ ދެރަވެގެން މަންމަ ވަރަށް ރުއި..." މަހްމޫދު ކިޔައިދިނީ އިވްލީނަށް ކުރިން ނޭނގި އޮތް ވާހަކައެކެވެ.

"އުތުރުފަރާތު މޫދަށްތަ؟..." އިވްލީނަށް އަހައިލެވުނެވެ.

"އާނ... ދަރިފުޅުގެ ކެފޭއާ ދިމާއިން..." މަހްމޫދު މަޑުމަޑުން ބޯޖަހައިލިއެވެ.

"އެކަމަކު މިހާ ދުވަސް ފަހުން..." އިވްލީނަށް ހިތާއިހިތުން ބުނެވުނެވެ.

"ދަރިފުޅު ކީއްވެ ކުއްލިއަކަށް އެ ފަށުގެ ވާހަކަ ތި އެހީ؟..." އެތައް ދުވަހެއް ފަހުން އިވްލީން ކުއްލިއަކަށް އެ ފަށުގެ ވާހަކަ އެހުމުން މަހްމޫދުގެ ހިތުގައި ސުވާލު އުފެދުނެވެ.

"މި.. މި ކަމެއް ވެގެނެއް ނޫން... ހަމަ އަހާލީ..." އިވްލީން ގަދަކަމުން ހިނިތުންވެލިއެވެ. "އެބަ އަންނަން ބައްޕައަށް ކާއެއްޗެއް ހިފައިގެން..."

********

ކެފޭގެ ހިތްގައިމު މާހައުލުގައި އާކިލް އާއި އަޔާމް ތިބިއިރު، ދެމީހުންގެ ކުރިމަތީގައިވެސް ދެ ކޮފީތަށި ހުއްޓެވެ. ދެމީހުން މަޝްވަރާ ކުރަމުން ދިޔައީ، ރަށުގެ މަންޒަރުތައް ނަގާނެ ގޮތަކާއި ބެހޭގޮތުންނެވެ. އާކިލް ނަގާފައިވާ ބައެއް ތަސްވީރުތައް މޭޒުމަތީގައި އަތުރާފައި ހުއްޓެވެ. ކޮފީތަށިން އެތިފޮދެއް ބޯލަމުން އަޔާމް ގޮނޑީގައި ލެނގިލިއެވެ.

"މަސައްކަތުގެ ވާހަކަ ބާއްވާފަ އަމިއްލަ ލައިފްގެ ވާހަކަ ފަށަން ހިނގާބަލަ..." އަޔާމް ބޭނުންވީ މައުޟޫޢު ބަދަލުކޮށްލާށެވެ. "ޕްރިޓެންޑްކުރަން އާކިލްއަށް އެއްވެސް ވަރަކަށް ނޭނގެއޭ ބުނެވޭނީ..."

"ތިބުނީ؟..." އާކިލް ދެބުމަ ކައިރިކޮށްލަމުން އަޔާމަށް ބަލައިލިއެވެ.

"އިވްލީން..." އަޔާމް ދިނީ ކުރު ޖަވާބެކެވެ.

"އަނެއްކާ ނުފަށާތި!..." އާކިލް އެދުނެވެ.

"އާކިލް ހީކުރީ އަހަންނަކީ އެއްވެސް އެއްޗެއް ނޭނގޭ މޮޔައެއް ކަމަށްތަ؟... އަހަންނަށް އެބަ ފެނެޔޭ ދުވާލަކު ދިހަ ވަރަކަށް ކޮފީއަށް އޯޑަރުކޮށްގެން އޭނަ ބިޒީ ކުރާތަން..." އަޔާމް ދެފަރާތަށް ބޯ ހޫރައިލިއެވެ.

"އަހަރެން ބޭނުންވަނީ ހެލްޕްވާން... މި ބިޒްނަސް ރަނގަޅުވާން..." ކެފޭގެ ކައުންޓަރަށް ނަޒަރު ހުއްޓާލައިގެން އިނދެ، އާކިލް ބުނެލިއެވެ.

"ތީ މީހުން ހެލްޕްވާގޮތްތަ؟..." އަޔާމް ޖަހައިލީ ހިނިގަނޑެކެވެ. "ތިހެން ހެދީމަ އޭނަ އިތުރަށް އާކިލްދެކެ ރުޅިއެއްނު އަންނާނީ..."

"އަޔާމަކަށް ނޭނގޭނެ ކަންތައް ވާގޮތެއް... އީވް ހީކުރަނީ އަހަރެން އޭނައަށް ބޭވަފާތެރިވީކަމަށް... އެކަމަކު ހަގީގަތް އެނގިއްޖެއްޔާ..."

"ދެން ބުނަންވީނު..." އާކިލްގެ ޖުމުލަ ފުރިހަމަ ނުވަނީސް، އަޔާމް ހިޔާލުދިނެވެ.

"ނޯ..." އާކިލް ވަގުތުން ދެކޮޅު ހެދިއެވެ. "އަހަންނަށް އެނގޭ މިކަމުގެ ފަހަތުގަ ކޮންމެވެސް މީހަކު ހުންނާނެކަން... އަހަރެން ބޭނުން ހަގީގަތް ހޯދަން.."

"ތީ ހަމަ އާކިލްތަ؟... ކީއްވެ ކުއްލިއަކަށް ވިސްނާގޮތް ބަދަލުކުރީ؟..." އަޔާމަށް ގަބޫލުކުރަން ދަތިވިއެވެ. "ހީވޭތަ މީހެއްގެ އަތެއް ވާނެހެން؟... ތި ދެމީހުން ދުރުކުރާވަރުގެ މީހަކު މިރަށުގަ އުޅޭނެބާ؟..."

"އަހަރެންގެ ގަޓް ފީލިންގްސް ބުނަނީ އީވް ގަސްދުގަ އެހެން ނުހަދާނެއޭ..." އާކިލް ގޮނޑީގައި ލެނގިލާފައި ލޯ މަރައިލިއެވެ. "އީވްގެ ދެލޯ އަހަންނަށް ކެއްސެއް ނުދޭނެ... އެ ދެލޮލުން އަހަންނަށް ކެހިވެރިކަމެއް ނުފެނޭ..."

********

ކެފޭ ބަންދުކުރާ ގަޑި ޖެހުނުއިރުވެސް އިވްލީން އުޅުނީ ބަދިގޭގައެވެ. މަސައްކަތްތައް ނިންމާފައި މިރާހް ބަދިގެއަށް ވަންއިރު، އިވްލީން ހުރީ، ކޭކު ފިހާށެވެ.

"މިރޭވެސް މަޑުކުރަނީތަ؟..." މިރާހް ސުވާލުކުރިއެވެ.

"މާދަމާއަށް ފަސޭހަކޮށްލަން މިއުޅެނީ... ކުޑަ އިރުކޮޅަކުން ކޭކުތައް ފިހެވޭނެ... ފިހެވުނީމަ ގެއަށް ދާނީ..." އިވްލީން ހިނިތުންވެލިއެވެ. "މިރާހް ދެން ދޭ... ކެފޭގެ ލައިޓްތައް ނިއްވާލާފަ ދާތި!..."

"އެކަމަކު މިހާ ލަސްވަންދެން..." އިވްލީން އެކަނި ބަހައްޓާފައި ދާކަށް މިރާހް ބޭނުމެއް ނުވިއެވެ. "އެހާ ސޭފްކަމެއް ނޫން އެކަނި ހުންނާކަށް... އީވް ނިމެންދެން އަހަރެން މަޑުކޮށްލާނަން..."

"ނޫނޭ.... މިރާހް ދެން ދޭ..." އިވްލީން ބޭނުންވީ މިރާހް ފޮނުވައިލާށެވެ.

އިވްލީން ކުރު ނުކުރުމުން، މިރާހަށް މަޖުބޫރުވީ ދާށެވެ. މިރާހް ދިޔަތާ ގިނައިރެއްނުވެ، ކެފޭ ތެރެއިން ކޮންމެވެސް އެއްޗެއް ވެއްޓި ތަޅައިގެން ދިޔަ އަޑު އިވުނެވެ. އިވްލީން ދުވެފައި ނުކުތްއިރު، މުޅި ތަން އޮތީ އަނދިރިކޮށެވެ. ކެފޭގެ ބޮކިތައް ދިއްލާފައި އިވްލީން ވަށައިގެން ނަޒަރު ހިންގައިލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ކައުންޓަރުމަތީގައި ބަހައްޓާފައި ހުރި ވާސް ވެއްޓި ތަޅައިގެން ގޮސްފައި އޮތެވެ. އެ ހުރިހާ ކަމަކަށްވުރެ އިވްލީން ހާސްވީ، ދެން ފެނުނު މަންޒަރަކުންނެވެ. ކެފޭގެ ފާރުގައި ކަޅުކުލައިން ލިޔެފައިވާ ލިޔުންކޮޅު އިވްލީނަށް ތަކުރާރުކޮށް ކިޔައިލެވުނެވެ.

"ސެލް އެންޑް ލީވް..."

ތޫލި އަޑަކުން ހަޅޭއްލަވައިގަތް އިވްލީނަށް ފަހަތަށް ޖެހިލެވުނެވެ. ރިމްޝާ ބުނިހެން، އެ ކެފޭއިން އިވްލީން ބޭރުކޮށްލަން ކޮންމެވެސް މީހަކު މަސައްކަތް ކުރަނީއެވެ. އެމީހަކު އެކި ގޮތްގޮތުން އިވްލީނަށް ޖެއްސުން ކުރަމުން ގޮސް އިންޒާރުވެސް ދޭން ފެށީއެވެ. އެމީހެއްގެ ކަންތައް އެހިސާބަށް ގޮސްދާނެކަމަށް އިވްލީން ފަހަރެއްގައިވެސް އުއްމީދެއް ނުކުރެއެވެ. އިވްލީން އަވަސް އަވަހަށް ފިހިގަނޑު ނަގައި، އަތަށް ހެޔޮވަރުކޮށްލިއެވެ. އޭރު ބިރުންގޮސް އޭނާއަށް ރަނގަޅަށް ކޮޅަށްވެސް ނުހުރެވެއެވެ.

"ކާކު؟..." އިވްލީންގެ އަޑުގައި މަޑު ތުރުތުރުލުމެއްގެ އަސަރުވިއެވެ.

ކެފޭގެ ދޮރު ހުޅުވުނު އަޑު އިވުނެވެ. އިވްލީން ބިރުންހުރެ ފިހިގަނޑު މަޅައިލަން އުޅުނެވެ. އޭރު އޭނާއަށް ހުރެވުނީ ދެލޯ މަރައި، ބާރުކޮށްލައިގެންނެވެ.

"އީވް... އީވް... މީ އަހަންނޭ..." އިވުނީ މިރާހުގެ އަޑެވެ.

ހާސްވެފައި ހުރި މިރާހް ދުވެފައި ކަހަލަ ގޮތަކަށް ގޮސް އިވްލީންގެ ގައިގައި ހިފެހެއްޓިއެވެ. އޭރު ބިރުންގޮސް އިވްލީންގެ ދެފައިން ބާރު ދޫވެއްޖެއެވެ. އިވްލީނަށް މިރާހުގެ ގައިގައި ހިފަހައްޓާލެވުނެވެ.

(ނުނިމޭ)