އަންނަ ރޯދަމަހު ޑޮމެސްޓިކް ރޭޓުގައި ބިލުކުރާ ކޮންމެ ބިލަކަށް ނަގާނީ 400 ރުފިޔާއަށްވުރެ ދަށުން ކަމަށާއި، ބިލުގެ ބާކީބައި ޑިސްކައުންޓުގެ ގޮތުގައި ހައްދަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާނުކުރައްވައިފިއެވެ.

މިރޭ އޮތް ޕީއެންސީގެ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ކޮންމެ ރޯދަމަހަކު ވެސް މި ސަރުކާރުން ރައްޔިތުންނަށް ދެމުންދާ ލުއިތަކުގެ ތެރެއިން އަންނަ ރޯދަމަހު ވެސް ކޮންމެ ގޭބީސީއަކަށް ޑޮމެސްޓިކް ރޭޓުން ބިލު ކުރާ ހުރިހާ ބިލުތަކެއް 400 ރުފިޔާއަށް ވުރެ ބޮޑު ނުވާނެ ކަމަށެވެ.

އަދި މިއަހަރެކޭ އެއްފަދައިން އަންނަ ރޯދަމަހު ވެސް ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅުކޭސް ހަދިޔާކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުއިއްޒު މިރޭގެ ޖަލްސާގައި -- ސަން ފޮޓޯ/ މޫސާ ނަދީމް

"ޑޮމެސްޓިކް ރޭޓުން ބިލުކުރާ ކޮންމެ ބިލަކަށް ނަގާނީ، އަންނަ ރަމަޟާން މަހުގެ ބިލަށް ނަގާނީ 400 ރުފިޔާ އެންމެ ގިނަވެގެން. ބާކީ ބައި ޑިސްކައުންޓް," ރައީސް ވިދާޅުވިއެވެ.

ރައީސް އެހެން ވިދާޅުވިއިރު، މިދިޔަ ރޯދަ މަހު ސަރުކާރުން ވަނީ، ކަރަންޓު ބިލަށް ޑިސްކައުންޓު ދީފައެވެ.

ރޯދަމަހު ކަރަންޓާއި ފެންބިލުން ޑިސްކައުންޓު ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. މިދިޔަ އަހަރު ވެސް އެ މަނިކުފާނުވަނީ ރަމަޟާންމަހުގެ ކަރަންޓާއި ފެންބިލުން ޑިސްކައުންޓު ދެއްވައިފައެވެ.

މިދިޔަ އަހަރު ދިން ޑިސްކައުންޓުގެ ޖުމްލަ ގާތްގަނޑަކަށް 140 މިލިއަން ރުފިޔާއަށް އަރައެވެ.

އޭގެއިތުރުން، ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް މިދިޔަ ރޯދަ މަހު ދީފައިވެއެވެ. އެ އުސޫލުން 111،231 ގޭބީސީއަކުން މަސްދަޅު ކޭސް ގެން ގޮސްފައިވާ ކަމަށާއި އެ މަސްދަޅު ކޭސްތަކަށް 81 މިލިއަން ރުފިޔާ ޚަރަދުވެފައިވާ ކަމަށް، ފިނޭންސް މިނިސްޓްރީން މިދިޔަ އޭޕްރިލް މަހު ވަނީ ބުނެފައެވެ.