ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ޔޫތު މިނިސްޓަރުކަން ކުރެއްވި, އަޙްމަދު މަހުލޫފް، ހަތަރު ވަނަ ޕާޓީއަކަށް ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއާ މިރޭ ގުޅިވަޑައިގެންފިއެވެ.

ދައުލަތުގެ މަގާމެއްގައި ޚިދުމަތްކުރެއްވުމަށްޓަކައި ކަމަށް ވިދާޅުވެ، މަހުލޫފު ވަނީ މައި އިދިކޮޅު ޕާޓީ އެމްޑީޕީން ސެޕްޓެމްބަރު އަށްވަނަ ދުވަހު ވަކިވެވަޑައިގެންފައެވެ.

އެކަމާ ގުޅިގެން އެތައް ފާޑުކިޔުމެއް މަހުލޫފަށް އަމާޒުވެފައި ވަނިކޮށް މިރޭ ޕީއެންސީން ބޭއްވި ބޮޑު ޖަލްސާގައި މަހުލޫފް ވަނީ އެ ޕާޓީއަށް ސޮއިކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒާ ފޯމު ހަވާލުކުރައްވައިފައެވެ.

މަހުލޫފު ސިޔާސީ މައިދާނުން ފުރަތަމަ ފެނުނީ ޑީއާރުޕީންނެވެ. އެއަށް ފަހު އެ ޕާޓީގެ ތެރެއިން އުފެދުނު ޕީޕީއެމް އުފެއްދުމުގައި އިސްކޮށް އުޅުއްވިއެވެ. އޭނާ އެހާތަނަށް އެންމެ ބޮޑަށް ފާޑު ވިދާޅުވަމުން ގެންދެވި އެމްޑީޕީއާ ގުޅިވަޑައިގަތީ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އެމަނިކުފާނާ ގުޅުން ގޯސްވި ހިސާބުންނެވެ. އޭރު މަޖިލިސް މެންބަރަކަށް ހުންނަވައިގެން ޔާމީންގެ ވެރިކަމާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް މަހުލޫފު ކުރެއްވެވިއެވެ.

އެއަށް ފަހު ދެން އުފެދިގެން އައި އެމްޑީޕީގެ ވެރިކަމުގައި މަހުލޫފު ވަނީ ފަސް އަހަރު ވަންދެން ޔޫތު މިނިސްޓަރުކަން ކުރައްވައިފައެވެ. ނަމަވެސް އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައެއްގެ ތުހުމަތަށް ސަސްޕެންޝަނެއްގައި ހުންނަވަން ޖެހިވަޑައިގަތެވެ.

އެމްޑީޕީގެ ވެރިކަން ނިމުނު ފަހުން ސިޔާސީ މަސައްކަތްތަކުގައި އެހާ އިސްކޮށް ނޫޅުއްވި ނަމަވެސް މީގެ ދުވަސްކޮޅެއް ކުރިން މިހާރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ, ސޯޝަލް މީޑިއާގައި މަހުލޫފް ވަނީ ގިނަ ވާހަކަތަކެއް ދައްކަވައި ހައްދަވައިފައެވެ. އޭގެ ފަހުން އެ އަޑު މަޑުވިއެވެ. އަދި މަހުލޫފް ބޭއްވެވި ބެޑްމިންޓަން މުބާރާތެއްގެ ނިންމުމުގެ ރަސްމިއްޔާތަށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ވަޑައިގެން, އެ ރަސްމިއްޔާތު ޝަރަފުވެރި ވެސް ކޮށްދެއްވައިފައެވެ.

އެއަށްފަހު މިރޭ މަހުލޫފް މިވަނީ އޭނާގެ ސިޔާސީ ދާއިރާގައި ހަތަރުވަނަ ޕާޓީއާ ގުޅިވަޑައިގެންފައެވެ.

މަހުލޫފްއަށް ލިބެމުންދިޔަ ފާޑުކިޔުންތަކަށް ރައްދުދެއްވައި އޭނާ ވިދާޅުވެފައި ވަނީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި ވަޒީރުކަން ދެއްވީ "ތަބަކަކަށް" ލައިފައެއް ނޫން ކަމަށެވެ. އަދި އިއްޔެ އޭނާ ރަނގަޅުވި މީހުންނަށް މިއަދު އޭނާ ގޯސްވެއްޖެ ކަމަށް ވިދާޅުވެ އޭނާ ވަނީ އެމްޑީޕީއަށް ރައްދު ދެއްވައިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މަހުލޫފް އެމްޑީޕީން ވަކިވި ނަމަވެސް، އަނބިކަނބަލުން ނަޒްރާ ނަސީމް އަދިވެސް ހުންނެވީ އެ ޕާޓީގައެވެ. އަދި، ނަޒްރާ ހުންނެވީ ސިޓީ ކައުންސިލްގެ ކޮންސަލްޓަންޓެއްގެ މަގާމުގައެވެ.