އުފަން ދެ އަންހެން ދަރިންނާ ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގި ބައްޕައަކު 78 އެތިފަހަރުން ތައުޒީރުކޮށް 16 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ދެ ދަރިންނާއެކު ބަދުއަޚުލާގީ އަމަލު ހިންގިކަން ޝަރީއަތަށް ސާބިތުވުމުން 78 އެތިފަހަރުން ތައުޒީރުކޮށް 16 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރީ ގދ. ފިޔޯރީ، ޒަމީން، މުހައްމަދު ނާފިޒު ޖަމާލުގެ މައްޗަށެވެ. އެ ހުކުމް ކްރިމިނަލް ކޯޓުން ކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ދައުލަތުން އޭނާގެ މައްޗަށް ކުރި ދެ ދައުވާ އެއް ޝަރީއަތަށް ސާބިތުވެފައިވާ ކަމަށެވެ. އެއީ ބާލިޣުނު ނުވާ އުފަން ދަރިއަކާ މެދު ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގުމުގެ ކުށުގެ ދައުވާ އާއި އުފަން ދަރިއަކާ މެދު ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގުމުގެ ކުށުގެ ދައުވާ ކަމަށެވެ.

އޭނާގެ ބާލިޣު ނުވާ 10 އަހަރުގެ ދަރިއަކާމެދު ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގިކަން ޝަރީއަތަށް ސާބިތުވުމުން ހުކުމް ކޮށްފައި ވަނީ 39 އެތިފަހަރުން ތައުޒީރު ކުރުމާއެކު އަށް އަހަރަށް ޖަލަށް ލުމަށެވެ. އަދި 16 އަހަރުގެ އަންހެން ދަރިފުޅާމެދު ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގިކަން ޝަރީއަތަށް ސާބިތުވުމުން ވެސް ހުކުމް ކުރީ 39 އެތިފަހަރުން ތައުޒީރު ކުރުމާއެކު އަށް އަހަރަށް ޖަލަށް ލުމަށެވެ.

ފިޔޯރީ ކައުންސިލުން ބުނީ އެނާއަކީ 2010 ވަނަ އަހަރު އެރަށުގައި މުދިމަކަށް ހުރި މީހެއް ކަމަށާއި އޭގެ ފަހުން މާލެ ބަދަލުވުމަށްފަހު އޭނާ އުޅުނީ ޓެކްސީ ޑްރައިވަރަކަށް ކަމަށެވެ.

ފުލުހުން ބުނީ ދެ ދަރިންނާ މެދު ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގި މައްސަލަ ސެޕްޓެމްބަރު 14، 2009 ގައި ފުލުހުންނަށް ހުށަހެޅުމުން އެ މައްސަލަ ތަހުގީގު ކުރުމަށްޓަކައި އެ މަހުގެ 17 ވަނަ ދުވަހު އޭނާ ހައްޔަރު ކުރި ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށްޓަކައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވީ އޭޕްރީލް 5، 2010 ގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޕީޖީ އޮފީހުން އެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވީ އޮކްޓޯބަރު 24، 2010 ގައެވެ.