މިއަހަރު ދިރާގުން ބޭއްވި ރޯޑްރޭސްގެ ވަނަތައް ހާސިލުކުރި މީހުންނަށް އިއްޔެ އިނާމު ހަވާލުކޮށްފިއެވެ.

ދިރާގުން ބުނީ، އެ ދުވުމުގެ ވަނަތަކަށް ހޮވުނު މީހުންނަށް ޖުމުލަ 256،000 ރުފިޔާގެ ފާއިސާގެ އިނާމު ދީފައިވާ ކަމަށެވެ.

މިގޮތުން، 21.1K ކެޓެގަރީގެ ޗެމްޕިއަންކަން ހާސިލުކުރި މީހާއަށް 25,000 ރުފިޔާގެ ފައިސާގެ އިނާމު ދީފައިވާއިރު، ރަނަރަޕްއަށް 15,000 ރުފިޔާއާއި ސެކަންޑް ރަނަރަޕްއަށް 10,000 ރުފިޔާގެ އިނާމު ވަނީ ދީފައެވެ.

ފައިވް ކޭއާއި ޓެން ކޭ އޯޕަން އަދި ފައިވް ކޭ ކޯޕަރޭޓް ކެޓެގަރީތަކުގެ ޗެމްޕިއަނުންނަށް ދިރާގުން ވަނީ، 10,000 ރުފިޔާ ދީފައެވެ. ދިރާގުން ބުނީ، އެ ކެޓެގަރީތަކުގެ ރަނަރަޕްއަށް 8,000 ރުފިޔާއާއި ސެކަންޑް ރަނަރަޕްއަށް 6,000 ރުފިޔާގެ ފައިސާގެ އިނާމު ހަވާލުކޮށްފައިވާ ކަމަށެވެ.

މިއަހަރު ބޭއްވި ދިރާގު ރޯޑު ރޭހުގެ ތެރެއިން: އެ ދުވުމުން ވަނަތައް ހާސިލުކުރި ބައިވެރިންނަށް ވަނީ އިނާމުތައް ހަވާލުކޮށްފައި --- ފޮޓޯ: ދިރާގު

މީގެ އިތުރުން، ފައިވް ކޭ ސްކޫލް ކެޓެގަރީއިން ވަނަތައް ހާސިލްކުރި ދަރިވަރުންނަށް ދިރާގުން ގިފްޓް ވައުޗާއެއް ދީފައިވެއެވެ. އެއީ، ޗެމްޕިއަނުންނަށް 5,000 ރުފިޔާއާއި ރަނަރަޕްއަށް 3,000 ރުފިޔާގެ އިތުރަށް ސެކްންޑް ރަނަރަޕްއަށް 1,000 ރުފިޔާގެ ވައުޗަރުތަކެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

އެ ހަފުލާގައި ދިރާގުން ވަނީ 21.1K އާއި 10K ކެޓެގަރީތަކުން 45 އާއި 65 އަހަރާ ދެމެދުގެ އުމުރުފުރާތަކުން ވަނަތައް ހާސިލުކުރި މީހުންގެ އަގުވަޒަންކޮށް، ޚާއްސަ ސެޓްފިކެޓެއް ދީފައެވެ.

މި ހަފުލާގައި ދިރާގުގެ ސީއީއޯ، މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ، ދިރާގު ރޯޑް ރޭހަކީ ރާއްޖޭގައި ބޭއްވޭ އެންމެ ދުވުމުގެ ރޭހުގެ އިތުރުން، ކުޑަކުދިންގެ ހައްގުތަށް ރައްކާތެރިކުރުމުގެ ޝިޔާރުގައި އެ ކަމަށް މަސައްކަތްކުރާ އެތައް ޖަމްއިއްޔާއަކަށް މަންފާ ލިބޭ އިޖްތިމާއީ ހަރަކާތެއް ކަމަށެވެ.

މި ދުވުން ރަމްޒު ކޮށްދެނީ މުޖުތަމައުގެ އެއްބައިވަންތަކަމާއި އެންމެންގެ ބައިވެރިވުމާއި ދެމެހެއްޓެނިވި ވެށްޓެއް ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.

"ދިރާގު މޯލްޑިވްސް ރޯޑް ރޭސްގެ ބައިވެރިން އަދި އެހީތެރިވެދެއްވި ފަރާތްތަކުން މި މިކަމަށްދެއްވައި ތަރުހީބަށާއި އަދި މިއަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ކާމިޔާބު ރެކޯޑް ރޭހަކަށް ހެއްދެވުމަށް ދެއްވި އެއްބާރުލެއްވުމަށް ޝުކުރު ދަންނަވަން'' އޭނާ ވިދާޅުވިއެވެ.

ފާހަގަކުރެވޭ ގޮތުގައި، މި ހަފްލާގައި ޖުމްލަ 678،800 ރުފިޔާ ރޯޑް ރޭހުގެ އެންޑޯސްޑް އެންޖީއޯތަކަށް ދިރާގުން ވަނީ ހަދިޔާކޮށްފައެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ރާއްޖޭގައި ކޮންމެ އަހަރަކު ބާއްވާ އެންމެ ބޮޑު ދުވުމެވެ.