14 Nov 2025, 15:04
އެލޮން މަސްކްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް، އެކްސް އިން، އެ ޕްލެޓްފޯމްގެ ޑައިރެކްޓް މެސެޖް (ޑީއެމް) ސިސްޓަމް އުވާލައި، 'އެކްސް ޗެޓް' ގެ ނަމުގައި މުޅިން އާ، އެންކްރިޕްޓް ކުރެވިފައިވާ ޗެޓް ފީޗާއެއް ތައާރަފުކޮށްފިއެވެ.
މިއީ އެކްސްގެ މެސެޖިން ނިޒާމަށް ގެނެވުނު ވަރަށް ބޮޑު އަދި މުހިންމު ބަދަލެކެވެ.
މިހާރު މަދު ބަޔަކަށް ޓެސްޓްކުރުމަށް ދޫކޮށްލާފައިވާ މި އާ ފީޗާއާއެކު، ކުރިން ހަމައެކަނި ފައިސާ ދައްކާ މެމްބަރުންނަށް ލިބުނު އެންކްރިޕްޝަން، މިހާރު ހުރިހާ ޔޫޒަރުންނަށް ވަނީ އާންމުކޮށްފައެވެ.
އެކްސްގެ ވެރިޔާ އެލޮން މަސްކް ވިދާޅުވި ގޮތުގައި، މިއީ ސިގްނަލް އަދި ވަޓްސްއެޕް ފަދަ އެޕްލިކޭޝަންތަކާ އެއް ފެންވަރެއްގެ އެންކްރިޕްޝަނެކެވެ. މީގެ އިތުރުން އޯޑިއޯ އަދި ވީޑިއޯ ކޯލު ކުރުމާއި، ބޮޑެތި ފައިލްތައް ފޮނުވުމުގެ އިތުރުން، މެސެޖްތައް ވަކި މުއްދަތަކަށްފަހު އަމިއްލައަށް ފޮހެވިގެންދާ 'ވަނިޝިން މެސެޖް' ފީޗާވެސް 'އެކްސް ޗެޓް' ގައި ހިމެނެއެވެ.
ނަމަވެސް، މި އާ ޗެޓް ބޭނުންކުރުމަށްޓަކައި ކޮންމެ ޔޫޒަރަކުވެސް ހަތަރު އަދަދުގެ ޕިން ކޯޑެއް ހަދަންޖެހެއެވެ. އަދި މެސެޖްތައް ބެލުމަށް ކޮންމެ ފަހަރަކު މި ޕިން ކޯޑު ޖަހަންޖެހޭތީ، މިއީ ބައެއް ޔޫޒަރުންނަށް އުނދަގޫ ކަމެއްކަމަށް ވަނީ ފާހަގަކުރެވިފައެވެ.
އެކްސްގެ ޑިވެލޮޕާ ޕްލެޓްފޯމްގެ އިސްވެރިޔާ، ކްރިސްޓޮފާ ޕާކް ވަނީ، އެކްސް އިން މުސްތަގުބަލުގައި ތައާރަފުކުރުމަށް ރާވާފައިވާ އިތުރު ބައެއް ކަންކަންވެސް ހިއްސާކުރައްވާފައެވެ. އޭގެ ތެރޭގައި އެކްސް މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރުމަށް 'އެކްސް މަނީ' ގެ ނަމުގައި ޚިދުމަތެއް ތައާރަފުކުރުމާއި، އެކްސްގެ އާޓިފިޝަލް އިންޓެލިޖެންސް 'ގްރޮކް' އިން ފުރިހަމައަށް ހިންގާނެ ޚާއްސަ ފީޑެއް ތައާރަފުކުރުން ފަދަ ކަންކަން ހިމެނެއެވެ.
މި ބަދަލުތައް މި އަންނަނީ 2022 ވަނަ އަހަރު އެލޮން މަސްކް ޓްވިޓަރ ގަނެ، 'އެކްސް' ގެ ނަމަށް ބަދަލުކުރުމަށްފަހު، އެ ޕްލެޓްފޯމް 'އެވްރިތިންގް އެޕް' އަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ.
ކުރިން ޓްވިޓަރުގެ ޑައިރެކްޓް މެސެޖް (ޑީއެމް) ސިސްޓަމަކީ، ވަޓްސްއެޕް، ޓެލެގްރާމް، އަދި ސިގްނަލް ފަދަ ވާދަވެރި އެޕްލިކޭޝަންތަކާ އަޅާބަލާއިރު، ސެކިއުރިޓީ އާއި ޒަމާނީ ފީޗާތަކުގެ ގޮތުން ވަރަށް ފަހަތުގައި އޮތް ނިޒާމެކެވެ. އެހެންކަމުން، ސޯޝަލް މީޑިއާގެ އިތުރުން، މެސެޖްކުރުމާއި، ފައިސާގެ މުއާމަލާތްތައްކުރުން ފަދަ އެންމެހާ ކަންކަން އެއް ޕްލެޓްފޯމަކުން ފޯރުކޮށްދިނުމުގެ ތަސައްވުރުގައި، މިފަދަ ރައްކާތެރި ޗެޓް ނިޒާމެއް ގާއިމުކުރުމަކީ އެކްސް އަށް ވަރަށް މުހިންމު ފިޔަވަޅެކެވެ.