14 Nov 2025, 13:23
ހުޅުމާލޭ ދެވަނަ ފޭސްގެ ބައެއްގެ ގޮތުގައި އޮންނަ ފަރުކޮޅުފުށީގެ އިމާރާތެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވެ, ގެއްލުންތަކެއް ވެއްޖެއެވެ.
މަންޒަރުދުށް މީހަކު "ސަން" އަށް ކިޔައިދިން ގޮތުގައި އެ އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މިއަދު ހުކުރު ނަމާދު ވަގުތު, ގާތްގަނޑަކަށް 13:00 ކަންހާއިރުއެވެ.
ކުރިން ރިސޯޓެއް ހިންގި, އަދި މިހާރު އިންޑަސްޓްރިއަލް އެކިއެކި ބޭނުންތަކަށް ދީފައިވާ ފަރުކޮޅުފުށީގައި މި ހިނގި އަލިފާނުގެ ހާދިސާގައި އެ އިމާރާތުގައި ވަނީ ވަރަށް ބޮޑަށް ރޯވެފައެވެ. އަދި ވަރަށް ބޮޑަށް ކަޅުދުންތައް އަރަމުން ދިޔައެވެ.
އެމްއެންޑީއެފްއިން ބުނީ 13:40 ގައި އެއްކޮށް ވަނީ އަލިފާން ނިއްވާލާފައި ކަމަށެވެ. މި ހާދިސާގައި މީހަކަށް އަނިޔާއެއް ނުވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

ފަރުކޮޅުފުށީގެ އިމާރާތެއްގައި ރޯވެ އަނދަނީ-- ސަން ފޮޓޯ: ރިފާ
މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތެއް އަދި ނުލިބެއެވެ.
ފަރުކޮޅުފުށި, ބިދޭސީން ތިބުމާއި ކެއިންބުއިމުގެ ކަންކަމަށް މިހާރު ވެސް ބޭނުން ކުރެއެވެ. އަދި އެ ހިސާބުގެ ވަކި ސަރަހައްދެއް ކައިވެނި ހަފްލާތަކަށް ވެސް ބޭނުން ކުރެއެވެ.