ހަތެއް ފެބްރުއަރީގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ދައްކުވައިދޭ ކުރެހުމުގެ މައުރަޒެއް އަދާލަތު ޕާޓީން ބާއްވަން ނިންމައިފި އެވެ.

ނޫސްވެރިންގެ މައުލޫމާތު ދެއްވަމުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވީ "ވެރިކަން ބަދަލުވިގޮތް - ކުރެހުންތެރިއެއްގެ ފިހިން" އެ މައުލޫގެ ދަށުންް ބާއްވާ މައުރަޒުގައި ވެރިކަން ބަދަލުވި ގޮތާއި އެ ހާދިސާ މެދުވެރިވީ ގޮތް ދައްކުވައިދޭ ކުރެހުމުގެ މައުރަޒެއް ބާއްވަނީ އަންނަ ހޯމަ ދުވަހުން ފެށިގެން އަންގާރަ ދުވަހަށް ދެމިގެންދާ ގޮތަށް ކަމަށެވެ.


"މި މައުރަޒުގައި ވެރިކަން ބަދަލުވި ގޮތާއި ބެހޭގޮތުން ކުރެހުންތެރިން ދެކޭ ގޮތް، އެމީހުންގެ ނަޒަރުގައި ހުރި ޝުއޫރުތައް އެމީހުންގެ ފިހިން ވަރަށް ރީތިކޮށް ހާމަކޮށްދޭނެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެ ހާދިސާއާބެހޭ ގޮތުން ބޭއްވޭ އެންމެ ފުރިހަމަ އަދި ގިނަ މީހުންގެ އިހުސާސާ ކުޅެލާފަދަ ގިނަ ވިސްނުންތަކެއް މީހުނަށް ގެނެސްދޭފަދަ މައުރަޒަކަށް މި މައުރަޒު ވާނެ،" އިމްރާން ވިދާޅުވި އެވެ.

އެގްޒިބިޝަނުގައި ބޭނުންކޮށްފައިވާނީ ހަތެއް ފެބުރުއަރީގެ ހާދިސާ އާއި އެ ހާދިސާއާ ގުޅޭ ފޮޓޯތަކެއްގެ ކުރެހުންތަކެއް ކަމަށާއި އެ ކުރެހުންތަކުން އެދުވަހުގެ ހާދިސާ ވަރަށް ރަނގަޅަށް އެގިގެންދާނެ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

އަދާލަތުގެ މައުރަޒު ބާއްވަނީ ނޭޝަނަލް އާޓް ގެލެރީގަ އެވެ. މައުރަޒުގައި ކުރެހުންތައް ނީލަމުގައި ވިއްކުން ވެސް އޮވެއެވެ. މައުރަޒަށް ފޮޓޯ ކުރަހާފައިވަނީ އަދާލަތު ޕާޓީގެ މެންބަރުންގެ ތެރޭގައި ހިމެނޭ ކުރެހުންތެރިންންވެ. ނަމަވެސް މައުރަޒުގައި ބައިވެރިވަނީ ކިތައް ކުރެހުންތެރިން ކަމެއް އަދި މައުރަޒުގައި ހިމަނަނީ ކިތައް ކުރެހުން ކަމެއް އެ ޕާޓީއަކުން ނުބުނެ އެވެ.

އިމްރާން ވިދާޅުވީ ވެރިކަން ބަދަލުވިގޮތް ކުރެހުމުން ދައްކުވައިދޭން ބޭނުންވަނީ އެހެން ފަރާތްތައް ލިޔުމުން އެ ހާދިސާ ދައްކުވައިދީފައިވާތީ ވިސްނަން ފަސޭހަ ތަފާތު ގޮތަކަށް އެކަންކުރުމުގެ ބޭނުމުގައި ކަމަށެވެ.