30 Aug 2010, 19:29
00:30
އަންނަ ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖެއްސި އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު ފަސްކޮށް، މިހާރު މަގާމްތަކަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާތިލްކޮށް އަލުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މިހާރު ހަމަޖެހިފައިވާ ގޮތުން އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހެވެ. އަދި އިންތިޚާބު ބާއްވަން ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 24 ގަ އެވެ.
އެމްޑީޕީން ބުނީ އިންތިޚާބަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާތިލްކޮށް އަލުން ކުރިމަތިލާ ގޮތަށް ހަމަޖެއްސީ އިލެކްޝަން ޕްރޮސެސްގައި އިތުރަށް ފުރިހަމަކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކޮށް، އެގޮތަށް ނިންމުމަށް އެމްޑީޕީގެ ޤައުމީ އިންތިޚާބާ ބެހޭ ކޮމިޓީން ކަނޑައެޅުމާ ގުޅިގެން ކަމަށެވެ.
އެމްޑީޕީގެ ޤައުމީ އިންތިޚާބާ ބެހޭ ކޮމިޓީން އެކުލަވާލާފައިވާ އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގެ ޤަވަޢިދުގައިވާ ގޮތުން ދާއިރާގެ ރައީސްކަމަށް ކުރިމަތިލާ ފަރާތަކީ ގޮތްޕެއްގެ ރައީސެއް ކަމުގައި ނުވާނަމަ ނުވަތަ އެފަރާތަކީ 50 މެންބަރުން ހަމަނުވާ ގޮތްޕެއްގެ ރައީސަކުނަމަ 50 މީހުންގެ ތާޢީދު ހުށަހަޅަން ވާނެ ކަމަށާއި ނުވަތަ އެގޮފި ފުރިހަމަކުރަން ވާނެ ކަމަށް އެ ޕާޓީން ބުނެ އެވެ.
މި އިންތިޚާބުގައި ސެކްރެޓޭރިއަޓްގައި މުސާރަލިބޭ ގޮތަށް މަސައްކަތްކުރާ މުވައްޒަފުންނަށާއި، ފާއިތުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕާޓީ ޓިކެޓަށް ޕްރައިމަރީގައި ވާދަކޮށް، ބަލިވި ނަމަވެސް އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރި އެއްވެސް ފަރާތަކަށް ކުރިމަތި ނުލެވޭނެ ކަމަށް އެމްޑީޕީން ބުނެ އެވެ. އަދި ސިވިލް ސަރވިސްގެ އެއްވެސް މުވައްޒަފަކަށް ވެސް މިއިންތިޚާބުގައި ވާދަނުކުރެވޭނޭ ކަމަށް ވެސް އެމްޑީޕީން ބުނެ އެވެ.