14 Nov 2025, 13:52
މިއަދު މުޖުތަމައުގައި ނޭދެވޭ ކަންކަން ހިނގަނީ، އީމާންކަމާއި އިސްލާމްކަމުގެ ބިންގާ ހަރުދަނާ ގޮތެއްގައި މީހުންގެ ހިތްތަކުގައި އެޅިފައި ނެތުމުން ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާ ދީފައިވަނީ، ތައުހީދުގެ މަތީގައި ދަރީން ތަރުބިއްޔަތު ކުރުމުގެ މައްޗަށެވެ.
ޚުތުބާގައި ވަނީ، ނަބަވީ ޙަދީޘްފުޅުތަކުގެ ތެރެއިން ޖިބުރީލުގެ ނަމުން މަޝްހޫރުވެފައިވާ ޙަދީޘްފުޅުގައި އިންސާނާއަށް، ޢަޤީދާގެ ގޮތުންނާއި ޢަމަލީ ގޮތުން ބޭނުންވާ މުހިންމު ކަންތައްތަކެއް އެކުލެވިގެންވާ ކަމަށް ބުނެފައެވެ.
އެގޮތުން، އެ ޙަދީޘްފުޅުގައި އައިސްފައިވާ ކަންތައްތަކުގެ މުހިންމުކަމުން، އެ ޙަދީޘް ބަސްފުޅުގައިވާ ކަންތައްތައް އެންގެވުމަށް މާތް الله އިރާދަކުރެއްވި ގޮތަކީ އިންސާނުންގެ ހިތުގައި އެ ވާހަކަތައް އެންމެ ފުރިހަމައަށް ބިންވަޅުނެގި، ހިތުގައި ހަރުލައި ހުންނާނޭ ގޮތް ކަމަށް ޚުތުބާގައި ބުންޏެވެ.
މީހުންތަކެއް ނަމާދު ކުރަނީ: ޚުތުބާގައި ބުނީ، މުޖުތަމައުގައި ނޭދެވޭ ކަންކަން ހިނގަނީ އީމާންކަމުގެ ބިންގާ ރަނގަޅަށް އެޅިފައި ނެތުމުން ކަމަށް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު
އެފަދަ ހަދިސާތަކަށް މި ޒަމާނުގައި ކިޔައިއުޅެނީ ރޯލް ޕްލޭ ކަމަށްވާއިރު، އެ ގޮތަށް ފިލާވަޅުތައް ދަރިވަރުންނަށް ނަގައިދިނުމުން އަވަހަށް ފިލާވަޅު ދަސްވެ، ހިތުގައި ހަރުލާފައި ހުންނަކަން ޚުތުބާގައި ފާހަގަކުރިއެވެ.
"އެހެންވީމާ ޖިބްރީލް ޢަލައިހިއްސަލާމް އިސްލާމް ދީނުގެ އަސާސްތަކާ މެދު ގެނެސްދެއްވި މި ސުވާލުތަކަކީ ވަރަށް ވަރުގަދައަށް ކޮންމެ މުސްލިމެއްގެ ހިތުގައި ބިންވަޅުނެގިފައި ހުންނާންޖެހޭނޭ ކަންތައްތަކެކެވެ. ނަމަވެސް. ދެރަކަމަކީ މި އަދު މިކަންކަމުގެ މައްޗަށް ވަރަށްބޮޑަށް އަޅައިނުލެވި ފަރުވާކުޑަކުރެވިފައިވާ ކަމެވެ. އެދެވޭ ގޮތުގައި ހިތުގައި މި ކަންކަން ހަރުލެއްވިފައި ނުވާކަމެވެ" ޚުތުބާގައި ބުންޏެވެ.
އޭގެއިތުރުން، ކީރިތި ރަސޫލާ އެކަލޭގެފާނުގެ އަސްހާބު ބޭކަލުން ތަރުބިއްޔަތު ކުރައްވާފައި ވަނީ، އީމާންކަމާއި އިސްލާމް ކަމުގެ މަތީގައި ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ. އެހެންވެ، އެ ބޭކަލުންގެ އަޚުލާގާއި މުއާމަލާތްކުރުން މާތް ކަމަށާއި އެބޭކަލުންގެ ދެމެދުގައި އޮންނަ ގުޅުން ވަރުގަދަ ކަން ޚުތުބާގައި ފާހަގަކުރިއެވެ.
ޚުތުބާގައި ވަނީ، މިއަދުގެ މުޖުތަމައުގެ ހާލަތަށް ވެސް އަލިއަޅުވާލާފައެވެ. އެގޮތުން، މުޖުތަމައުގައި ނޭދެވޭ ކަންކަން ހިނގަނީ އިސްލާމްކަމާއި އިހުސާންކަމުގެ ބިންގާ ހަރުދަނާ ގޮތެއްގައި މީހުންގެ ހިތްތަކުގައި އެޅިފައި ނެތުމުން ކަމަށް ޚުތުބާގައި ވެއެވެ.
"އަބަދާއި އަބަދު މާތް الله ބައްލަވައިވޮޑިގެންވާކަމާއި، އަދި އޭގެ އިތުރަށް ދެ މަލާއިކަތުން ތިމާގެ ގާތުގައި ތިމާގެ ޢަމަލުތަކާއި ބުނާ ބަސްތައް ލިއުއްވަން ތިއްބަވާނޭކަން، ކަށަވަރުކޮށްދެވިފައި ނުވާތީއެވެ" ޚުތުބާގައިވެއެވެ.
އެހެންވެ، އެފަދަ ރިވެތި އާދަތައް ކުޑައިރުން ފެށިގެން ހިތުގައި ހަރުލެއްވިއްޖެ ނަމަ، މީސްތަކުންގެ އުޅުންތަކާއި ގުޅުންތަކަށް ހެޔޮ ބަދަލުތައް އަންނާނެ ކަމަށް ޚުތުބާގައިވެއެވެ.