14 Nov 2025, 10:34
މިހާރު ގިނައިން ހޮލީވުޑް ފިލްމުތަކުން ފެންނަ އިންޑިއާގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ އަހަރުތަކެއް ފަހުން ކުޅޭ ބޮލީވުޑް ފިލްމުގެ ޕޯސްޓަރު ދައްކާލައިފިއެވެ.
ސައުތު ސިނަމާގެ އެންމެ ނުފޫޒުގަދަ ޑައިރެކްޓަރުންގެތެރޭ ހިމެނޭ އެސްއެސް ރާޖާމޮލީ ގެނެސްދޭ މި ފިލްމުގައި ޕްރިޔަންކާ ކުޅޭ ކެރެކްޓާގެ ނަމަކީ "މަންދާކިނީ"އެވެ.
ޕްރިޔަންކާ ކުޅޭ ކެރެކްޓާ ދައްކުވައިދޭ ޕޯސްޓަރެއް ވެސް ރިލީޒްކޮށްފައިވާއިރު މި ފިލްމަކަށް ވަގުތީގޮތުން ދީފައިވާ ނަމަކީ "އެސްއެސް އެމްބީ 29"އެވެ. މި ޕޯސްޓަރުގައި ބަތަލާ ފެންނަނީ ރީނދޫ ކުލައިގެ ސާޅީއެއްގައި ފިސްތޯލައެއް ހިފައިގެން ބަޔަކަށް ހަމަލާދިނުމަށް ހަރަކާތްތެރިވަނިކޮށެވެ.
ތެލުގޫ އެކްޓަރު މަހޭޝް ބާބޫގެ އިތުރުން ސައުތު އެކްޓަރު ޕްރިތުވީރާޖް ސުކުމަރަން ވެސް މުހިއްމު ރޯލްއިން ފެންނަ މި ފިލްމަކީ ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "އާރްއާރްއާރް"އަށް ފަހު ރާޖާމޮލީ ގެނެސްދޭ ފުރަތަމަ ފިލްމެވެ.

ތެލުގޫ އެކްޓަރު މަހޭޝް ބާބޫ އަދި ޑައިރެކްޓަރު އެސްއެސް ރާޖާމޮލީ--ފޮޓޯ/ހިންދުންސްތާންޓައިމްސް
ހަމައެއާއެކު މިއީ ޕްރިޔަންކާ ދިގު މުއްދަތަކަށް އިންޑިއާގެ ފިލްމު އިންޑަސްޓްރީއާ ދުރުގައި ހުރުމަށްފަހު އެ އިންޑަސްޓްރީއަށް އެނބުރި އަންނަ ފިލްމުވެސްމެއެވެ.
ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެ ނެޝަނަލް އެވޯޑު ވެސް ހާސިލުކޮށްފައިވާ ޕްރިޔަންކާ އެންމެފަހުން ބެލުންތެރިންނަށް ފެނުނު ބޮލީވުޑް ފިލްމަކީ 2019 ވަނަ އަހަރު ގެނެސްދިން ބޮލީވުޑް ފިލްމު "ދަ ސްކައި އިޒް ޕިންކް"އިންނެވެ.
މި އަހަރުގެ ކުރީކޮޅުން ފެށިގެން ޝޫޓިންގް ކުރިއަށްދާ މި ފިލްމާ ގުޅޭ އެކި ވާހަކަތައް ބަތަލާގެ ސޯޝަލް މީޑިއާގައި ވެސް ވަނީ އެކި ފަހަރުމަތިން ހިއްސާކޮށްފައެވެ. ޕްރިޔަންކާ އެންމެ ފަހުން ކުޅުނު ފިލްމަކީ އެމެޒޯން ޕްރައިމް ވީޑިއޯގައި ޕްރީމިއާ ކުރި ފިލްމު "ހެޑްސް އޮފް ސްޓޭޓް"އެވެ.