ރޭ ދަންވަރު ބާރު ސުޕީޑުގައި މަޖީދީމަގުން ދުއްވާފަ ދިޔަ ކާރެއް ކޮންޓްރޯލް ނުކުރެވެގެން ގޮސް ފިހާރައެއްގައި ޖެހި އެ ފިހާރައިގެ ދޮރުވެއްޓި ގެއްލުންތަކެއް ވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ރޭ ދަންވަރު 2:00 އެހާކަންހާއިރު ހިނގި އެ ހާދިސާގައި ގެއްލުން ވެފައި ވަނީ މަޖީދީމަގު ލަގްޒަރީ ކައިރީ ހުރި "ޒާންސް 2" ނަމަކަށް ކިޔާ ފިހާރައަށް ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެފިހާރަ ކައިރިން ބާރު ސްޕީޑުގައި ދުއްވާފަ ދަނިކޮށް ފުރަތަމަ ކާރު ޖެހުނީ އެތާ ކައިރީ ޕާކްކޮށްފައި ހުރި ތިން ސައިކަލެއްގައި ކަމަށާއި އޭގޭ ފަހުން ފިހާރައިގައި ކާރު ޖެހި ފިހާރައިގެ ދޮރާއި ދޮރު ކާނި ވެއްޓުމުގެ އިތުރުން ފިހާރައިގެ ފާރުން ދެ ފޫޓު ވަރުގެ ތަނެއް ވެއްޓިފައިވާ ކަމަށެވެ.

"ފުރަތަމަ ކާރުގޮސް ޖެހުނީ އެ ފިހާރަ ކައިރީ ހުރި ތިން ސައިކަލެއްގައި. އޭގެފަހުން ކާރު ފިހާރައަށް އަރައި ފިހާރައިގެ ދޮރާއި ދޮނުކާނި ވަނީ ވެއްޓިފަ. އަދި ފިހާރައިގެ ފާރުން ދެ ފޫޓުވަރު ތަނެއް ވަނީ ވެއްޓިފައި،" އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ އެ ކާރު ދުއްވަން އިނީ ލައިސަންސް ނެތް މީހެއް ކަމަށާއި އެ މީހާގެ މައުލޫމާތު ސާފުކުރުމަށް ފަހު މިހާރު ދޫކޮށްލާފައިވާކަމަށެވެ. އަދި ވިދާޅުވީ ކާރު މިހާރު ވަނީ ޓޯ ކުރެވިފައިކަމަށާއި އެ މައްސަލަ މިހާރު އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.