ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޮޑު ކަންނެލި ބާނާ މަސްވެރިންނަށް ވީ ވައުދުތައް ފުއްދައިދީފައިނުވާ ކަމަށާއި، ބޮޑު ކަންނެލި މަސްވެރިން ތިބީ މާޔޫސްވެފައި ކަމަށް ބުނެ، މިއަހަރުގެ މަސްވެރިންގެ ދުވަހު އިހުތިޖާޖުކުރާނެކަން، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ހާމަކޮށްފިއެވެ.

އިއްޔެ އެ ޔޫނިއަނުން ނެރުނު ބަޔާނެއްގައި ބުނީ، ކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކަށް ދެމެހެއްޓެނިވި ހައްލެއް ސަރުކާރުން ހޯދައިނުދީފިނަމަ ބޮޑު ކަންނެލި މަސްވެރިކަން ނެތި ދިއުމުގެ ބިރު އެބައޮތް ކަމަށެވެ. އަދި ކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ގެނައުމަށް ޓަކައި އެކި ގޮތްގޮތުން މަސައްކަތްކުރަމުން އައި ނަމަވެސް މިހާތަނަށް އެއްވެސް ކުރިއެރުމެއް ނުލިބޭ ކަމަށެވެ.

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނީ ސަރުކާރު މަސް ކުންފުނި މިފްކޯއިން ބޮޑު ކަންނެލި ގަނެ ބޭރުކޮށް މާކެޓްކުރުމާއި، ކަންނެލި ގަނެވޭނެ އެންމެ ދަށް އަގު ކަނޑައަޅައި މަސްވެރިކަން ކުރުމަށްޓަކައި ކުރަންޖެހޭ ޚަރަދުތައް ކުޑަކުރެވޭނެ މަގަށް ސަރުކާރުގެ ސިޔާސަތުތައް ބަދަލުކޮށް، މަސްވެރިންގެ މެދުގައި ގެންގުޅޭ ތަފާތުކުރުންތައް ނައްތާލުމަކީ ކަންނެލި މަސްވެރިކަމުގެ ސިނާއަތް އެތަށް ގޮތަކުން ކުރިއަރައި ދާނެ ކަމެއް ކަމަށެވެ.

އެއާއެކު، މިފްކޯއަށް ބޮޑު ކަންނެލި ގަންނަން ފެށުމާއި ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80 ރުފިޔާ އަދި 100 ރުފިޔާ ކަމާއި މަސްވެރިންނަށް ބޭސް ރޭޓުގައި ތެޔޮ ފޯރުކޮށްދިނުމާއި ފަސޭހައިން އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް މި ސަރުކާރުން ވައުދުވިކަމަށް އެ ޔޫނިއަނުން ބުންޏެވެ. ނަމަވެސް ޔޫނިއަނުން ބުނިގޮތުގައި މިއަދާ ހަމައަށް ކުރެވުނު އެއްވެސް މަސައްކަތުން ކަންނެލި މަސްވެރިންނަށް އަލިމަގެއް ނުފެނި، މަސްވެރިން ތިބީ މާޔޫސްވެފައެވެ.

އެހެންވެ އެ ޔޫނިއަނުން ނިންމީ މަސްވެރިންގެ ދުވަސް ކަމަށްވާ ޑިސެމްބަރު މަހުގެ 10ވަނަ ދުވަހު ޔޫނިއަންގެ އަހަރީ ބައްދަލުވުން ބާއްވައި، މި ސަރުކާރުން މަސްވެރިންނަށްވީ ވައުދުތައް ފުއްދައިދިނުމަށް ގޮވާލައި އިހުތިޖާޖުކުރާށެވެ.

ބޮޑު ކަންނެލި މަސްވެރިން ބާނާ މަސް ކިރޭނެ ގޮތެއް ނެތި، 120 ޓަނަށްވުރެ ގިނަ މަސް މިހާރު ވެސް ހަލާކުވާތީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް މިދިޔަ ޖުލައި މަހުގެ ކުރީކޮޅު ހުށަހަޅާފައިވެއެވެ.

ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ހުށަހެޅުއްވި އެ މައްސަލައިގައި މަސްވެރިން ބާނާ ބޮޑުކަންނެލި މިފްކޯ މެދުވެރިކޮށް ސަރުކާރުން ގަންނަ ގޮތަށް ބަދަލުކުރުމާއި ބޮޑު ކަންނެލި މަސްވެރިންނަށް މިފްކޯގެ ހިއްސާ ލިބޭގޮތް ހެދުމާއި ބޮޑުކަންނެލީގެ އަގު 80 ރުފިޔާއާއި 100 ރުފިޔާއާ ދެމެދުގައި ބެހެއްޓުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަން ފާހަގަކޮށްފައިވެއެވެ.

ނަމަވެސް މިއަދާ ހަމައަށް ވެސް މިކަންކަން ކުރައްވާފައި ނުވާކަން ވެސް އެ މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

މީގެ ކުރިން ވެސް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުންވަނީ ބޮޑު ކަންނެލި މަސްވެރިންނަށް ސަރުކާރުން ވި ވައުދުތައް ފުއްދައިދިނުމަށް ގޮވާލައި، އެ މަސްވެރިންގެ ކަންބޮޑުވުން އުފުލައިފައެވެ.