13 Nov 2025, 21:33
ސައުދީ އަރަބިޔާއިން، އިސްލާމީ ގައުމުތަކާ ގުޅުން ބަދަހިކުރުމަށް ކުރާ މަސައްކަތުގައި ރާއްޖެ އޮންނާނީ ގާތް ގައުމެއްގެ ގޮތުގައި ކަމަށާއި އިތުރު ފުރުސަތުތައް ދިވެހީންނަށް ހޯދައިދިނުމަށް ޓަަކައި މަސައްކަތްކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ސައުދީއިން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލްގަހްތާނީ މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މީޑިއާތަކުގެ އިސް ބޭފުޅުންނާއި ނޫސްވެރިންނާއެކު މިއަދު މެންދުރުފަހު ބޭއްވި ބައްދަލުކުރެއްވުމުގައި ސަފީރު ވިދާޅުވީ، ސައުދީ އަރަބިޔާގެ އިންވެސްޓްމަންޓުތަކަކީ ހަމައެކަނި ފައިސާ ރަމްޒެއް ނޫން ކަމަށެވެ. އެއީ އަގީދާގެ ގޮތުން ދެ ގައުމު ގުޅިފައި އޮތް ގޮތާއި، އިތުބާރާއި އެކުވެރިކަމުގެ ރަމްޒެއް ކަމަށް ވެސް ވިދާޅުވިއެވެ.
އެގޮތުން މައްކާ ރޫޓު އިނީޝިއޭޓިވް ރާއްޖެއަށް ތައާރަފްވުމަކީ ދިވެހި ހައްޖުވެރިންނަށް އެކަމުގެ ފައިދާ ވަރަށް ބޮޑަށް ކުރަން ފެށި ކަމެއްކަމަށް ވިދާޅުވިއެވެ.
"ރާއްޖެއާއެކު އޮތް ގުޅުމަކީ ދިގު މުއްދަތުގެ، ގަބޫލުކުރުންތަކާއި ހަމަތަކުގެ މައްޗަށް ބިނާވާ، ތަރައްގީއަށް އިސްކަންދޭ، ދީނީ ގޮތުން ބަދަހި، އެއް އަމާޒެއްގެ މައްޗަށް ބިނާވާ ގުޅުމެއް،" ސަފީރު ވިދާޅުވިއެވެ.

މީޑިއާތަކާއެކު ސައުދީ ސަފީރު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން -- ފޮޓޯ: ސައުދީ އެމްބަސީ
ސަފީރު ވިދާޅުވީ ސައުދީއަރަބިޔާއިން އިސްލާމީ ދުނިޔެއާ ގުޅުން ބަދަހިކުރުމަށް ކުރާ މަސައްކަތުގައި ރާއްޖެ އޮންނާނީ ގާތް، ބަލައިގަންނަ އެކުވެރި ގައުމެއްގެ ގޮތުގައި ކަމަށެވެ. އަދި ރާއްޖޭގެ ކަމާ ބެހޭ އިދާރާތަކާ ގުޅިގެން އިތުރު ފުރުސަަތުތައް ހޯދައިދިނުމަށް އެކުގައި މަސައްކަތް ކުރުމަށް އެ ގައުމުން ތައްޔާރަށް އޮތް ކަމަށް ވެސް ސަފީރު ފާހަގަކުރެއްވިއެވެ.
ރާއްޖެއާއި ސައުދީ އަރަބިޔާއާ ދެމެދު ރަސްމީކޮށް ޚާރިޖީ ގުޅުން ގާއިމްކުރެވުނީ 17 މާޗު 1981 ވަނަ އަހަރެވެ. އަދި ފުރަތަމަ ފަހަރަށް ރާއްޖޭގައި ސައުދީގެ އެމްބަސީއެއް ހުޅުވީ، މާލޭގައި 2015ވަނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައެވެ.