13 Nov 2025, 21:40
ޕީއެޗްޑީއަށް ކިޔަވަން 11 ފުރުސަތު ހިމެނޭހެން، ޗައިނާއިން ރާއްޖެއަށް ސްކޯލާޝިޕްގެ 20 ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ އިއުލާނެއްގައި ބުނީ، ޗައިނާގެ ސްކޯލާޝިޕް ކައުންސިލް (ސީއެސްސީ)އިން އަންނަ އަހަރުން 2027ވަނަ އަހަރަށް، ޗައިނާގައި ހުންނަ ރާއްޖޭގެ އެމްބަސީ މެދުވެރިކޮށް ސްކޯލާޝިޕްގެ 20 ފުރުސަތެއް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.
މި އިއުލާނުގައިވާ ގޮތުން، ޗައިނާގައި އަލަށް ކިޔަވަން ފަށާ ދިވެހި ދަރިވަރުންނަށާއި މިހާރު ވެސް އެ ގައުމުގައި މަތީ ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންނަށް ސްކޯލާޝިޕަށް އެދި ހުށަހެޅޭނެއެވެ.
އިއުލާނުގައިވާ ގޮތުން، ޗައިނާގައި އަލަށް ކިޔަވަން ފަށާ ދިވެހި ދަރިވަރުންނަށް ފަސް ފުރުސަތު، އަދި މިހާރު ވެސް އެ ގައުމުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް 15 ފުރުސަތެއް ވަނީ މިނިސްޓްރީން ހުޅުވާލައިފައެވެ.
އެއީ އަލަށް ފަށާ ދަރިވަރުންނަށް ބެޗެލާސް ޑިގްރީގެ ދެ ފުރުސަތާއި މާސްޓާސް ޑިގްރީގެ ދެ ފުރުސަތާއި ޕީއެޗްޑީގެ އެއް ފުރުސަތެވެ. އަދި މިހާރު ޗައިނާގައި ކިޔަވަމުން އަންނަ ދިވެހި ދަރިވަރުންނަށް މާސްޓާސްގެ ފަސް ފުރުސަތާއި ޕީއެޗްޑީގެ ދިހަ ފުރުސަތެވެ.
މިނިސްޓްރީގެ އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުން ބެޗެލާސް ޑިގްރީއަށް ކުރިމަތިލެވޭނީ ސާނަވީ އިމްތިހާނުގައި މަދުވެގެން ފަސް މާއްދާއިން 'ސީ' ފާހުން ފެށިގެން މަތީ ފާހެއް، ނުވަތަ މަތީ ސާނަވީ އިމްތިހާނުގައި މަދުވެގެން ތިން މާއްދާއަކުން 'އީ' ފާހުން ފެށިގެން މަތީ ފާހެއް، ނުވަތަ އެއާ ގުޅޭ ދާއިރާއަކުން ޑިޕްލޮމާ ހާސިލްކޮށްފައިވާނަމައެވެ.
އޭގެ އިތުރުން، ސާނަވީ އިނގިރޭސިން ފާސްނުވާ ނަމަ އިނގިރޭސިބަހުގެ ސީ-1 އެޑްވާންސްޑް ނުވަތަ ސީ-2 ޕްރޮފިޝެންސީން 'ސީ' ފާހުން ފެށީގެން މަތީ ފާހެއް، ނުވަތަ ޓެސްޓް އޮފް އިންގްލިޝް ފޮރިން ލެންގުއޭޖް (ޓީއޯއެފްއެލް) އިން 550އަށް ވުރެ މަތިން ލިބިފައިވުން، ނުވަތަ އިންޓަނޭޝަނަލް އިންގްލިޝް ލެންގުއޭޖް ޓެސްޓް ސިސްޓަމް (އައިލެޓްސް) އިން މަދުވެގެން އޯވަރޯލް ސްކޯގެ ގޮތުގައި 6.5އިން ފެށިގެން މަތިން ލިބިފައިވުން، ނުވަތަ އެ ދަރިވަރަކު ކުރިމަތިލާ ޔުނިވާސިޓީގެ މިންގަނޑުތަކާ އެއްގޮތަށް އިނގިރޭސި އެނގެން ޖެހޭނެ ކަމަށް، ޝަރުތުތަކުގައިވެއެވެ.
އިއުލާނުގައިވާ ޝަރުތުތަކުގައިވާ ގޮތުން، ބެޗެލާސްއަށް ކުރިމަތިލެވޭނީ އަންނަ ފެބްރުއަރީ މަހުގެ ނިޔަލަށް 25 އަހަރުވެފައިނުވާ ނަމައެވެ.
މާސްޓާސް ޑިގްރީއަށް ލާ ދަރިވަރުން ކޯހާ ގުޅޭ ދާއިރާއަކުން ބެޗެލާސް ހާސިލްކުރަން ޖެހޭނެއެވެ. އަދި ޕީއެޗްޑީއަށް ލާ ދަރިވަރުން ކޯހާ ގުޅޭ ދާއިރާއަކުން މާސްޓާސް ޑިގްރީ ހާސިލްކުރަން ޖެހޭނެއެވެ.
މާސްޓާސް އަށް ކިޔަވަން ކުރިމަތިލެވޭނީ އަންނަ ފެބްރުއަރީގެ ނިޔަލަށް 35 އަހަރު ނުފުރޭ ނަމައެވެ. އަދި ޕީއެޗްޑީއަށް ކުރިމަތިލެވޭނީ ފެބްރުއަރީގެ ނިޔަލަށް 40 އަހަރު ނުވާ ނަމައެވެ.
ޗައިނާ ބަހުން ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމަކަށް ކުރިމަތިލާކަމުގައިވާ ނަމަ، ޗައިނާ ބަހުގެ ޕްރޮފިޝެންސީ ޓެސްޓު ފުރިހަމަކުރަން ޖެހޭނެއެވެ.
ހަމަ އެހެންމެ، މި ކޯސްތަކަށް ކުރިމަތިލެވޭނީ ކިޔެވުމަށް ލޯނެއް ނަގައިފިނަމަ އެ ލޯނެއް ގަވައިދުން ދައްކަމުންދާ ދަރިވަރުންނަށެވެ.
މިނިސްޓްރީން ބުނީ ކޯސްތަކަށް ކުރިމަތިލާ ދަރިވަރުން އެ ދަރިވަރުންގެ ތައުލީމީ ސެޓްފިކެޓުތަކާއި ފުލް ޓްރާންސްކްރިޕްޓްތަކާއި މުއްދަތު ހަމަނުވާ އައިޑީކާޑުގެ ކޮޕީއަކާއި ޕާސްޕޯޓު ކޮޕީއަކާއި ކޭއޯއައިސީއޭގެ ފޯމާއި ވަޒީފާގެ ތަޖުރިބާގެ ލިއުމާއި މެޑިކަލް ރިޕޯޓާއި ވަނަވަރާއި ކަމާގުޅުންހުރި އެންމެހާ ލިޔުންތައް ހުށަހަޅަންޖެހޭނެ ކަމަށެވެ.
މި ސްކޯލަޝިޕްތަކަށް އެދި އޮންލައިންކޮށް އެޕްލިކޭޝަންތައް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ޖެނުއަރީ މަހުގެ 14ވަނަ ދުވަހުގެ މެންދުރު 2:00 ޖެހުމާ ހަމައަށެވެ. އަދި ހާޑްކޮޕީ 15ވަނަ ދުވަހުގެ މެންދުރު 1:00 ޖެހުމާ ހަމައަށް ހުށަހެޅޭނެއެވެ.