13 Nov 2025, 21:03
ސާޅީސް ދެ އަހަރު، ދައުލަތަށް ޚިދުމަތްކޮށްދެެއްވި ހއ، އަތޮޅުގެ ކުރީގެ އަތޮޅުވެރިޔާ، އަދި މަޝްހޫރު އަދީބު އާދަމް އަބްދުއްރަހްމާން (އުތީމު އާދަމްބެ) އަށް ދިވެހިބަހާއި، ސަގާފަތާއި، ތަރިކައާ ބެހޭ މިނިސްޓްރީގެ ޚާއްސަ މުޝީރުކަމުގެ މަގާމު މިއަދު ދީފިއެވެ.
"ސަން"އަށް ވަނީ އެނގިފައިވާ ގޮތުގައި، ނިޝާން ދިޔަމިގިލީގެ ޝަރަފުގެ އިއްޒަތް ވެސް މި އަހަރު ލިބިވަޑައިގެންނެވި އުތީމު އާދަމްބެއަަށް އެ މަގާމު ދެއްވީ، ސްޓޭޓް މިނިސްޓަރު ފެންވަރުގައެވެ. ސްޓޭޓް މިނިސްޓަރަކަށް މުސާރައިގެ ގޮތުގައި މަހަކު 45،000 އެއްހައި ރުފިޔާ ލިބެއެވެ. އަދި މިއަދު ވަޒީފާއަށް ނިކުންނަވަން ފައްޓަވައިފައިވާކަމަށް ވަނީ އެނގިފައެވެ.
މިހާރު ވެސް މުޝީރުންގެ މަގާމުގައި 20،000 ރުފިޔާގެ މުސާރައަކާ އެކު، ހަތަރު ބޭފުޅަކު އެބަ ތިއްބެވިއެވެ. އެއީ، އަބްދުﷲ ޞާދިގު (ޞާދުބެ)، ޝާހިދު ޙަލީމް، އައްބާސް އިބްރާހިމާއި، އަބްދުއްރަަޝީދު ހުސައިނެވެ.
ފާހަގަކުރެވޭ ގޮތުގައި ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން ޅެންހެދުމުގެ ރޮނގުން 2004ވަނަ އަހަރު އާންމު ޚިދުމަތުގެ ހިތްވަރުދިނުމުގެ އިނާމުގެ އިތުރުން، އޭގެ 12 އަހަރު ފަހުން 2016 ވަނަ އަހަރު ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ވެސް އާދަމްބެއަށް ލިބިވަޑައިގެންފައިވެއެވެ.
މިހާރު ވެސް އެ މިނިސްޓްރީގައި ވަރަށް ގިނަ ސިޔާސީ މަގާމުތަކުގައި ވެސް މުވައްޒަފުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ކޮންޓްރެކްޓް މުވައްޒަފުންގެ އަދަދު ވެސް ގިނައެވެ.
ޚާއްސަ މުޝީރެއްގެ ގޮތުގައި އުތީމު އާދަމްބެ އައްޔަންކުރިއިރު، ތަރިކައާއި، ސަގާފަތާއި ބަހާ ބެހޭ ކަންކަން ކުރިއަރުވައި ދިރާސާކުރަން ދިވެހި ގައުމިއްޔަތުގެ އިސްވަރުގެ ނަމުގައި ވެސް ބޭފުޅުންތަކެއް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.