22 Aug 2012, 11:27
ރާޅާ އެޅުމުގެ ދުނިޔޭގެ ޗެމްޕިއަންކަން ކުރިން ހޯދާފައިވާ ހަ ރާޅާ އެޅުންތެރިންނާ އެކު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ "ފޯސީޒަން ރިޒޯޓްސް މޯލްޑިވްސް ސާފިން ޗެމްޕިއަންސް ޓްރޮފީ" މިމަހުގެ 28 ވަނަ ދުވަހު ފެށުމަށް ހަމަޖައްސައިފި އެވެ.
ކުޑަހުރާ ރިސޯޓް ކާރީ އޮންނަ ރާޅާ އަޅާ ފޮއިންޓުގައި ކުރިއަށް ގެންދިއުމަށް ހަޖެހިފައިވާ އެ އިވެންޓާ ބެހޭ ގޮތުން އެ ރިސޯޓުގެ ސޭލް އެންޑް މާކެޓިން ކޯޑިނޭޓާ ފޮލެރެންސިޔާ، ވޭޑް ސަން އޮންލައިނަށް ދިން އިންޓަވިއުގައި މިއަދު ވިދާޅުވީ، މި އިވެންޓަކީ މިދިޔަ އަހަރު އެ ރިސޯޓުގައި އަލަށް ތާރަފް ކުރި އިވެންޓެއް ކަމަށާއި އެގޮތުން މިއަހަރު ވެސް މިއިވެންޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ ކުރީ އަހަރެކޭ ވެސް އެއްގޮތަށް އިންޓަނޭޝަނަލް ރާޅާ އެޅުންތެރިން ބައިވެރި ކޮށްގެން ކަމަށެވެ. އެގޮތުން އިންޓަނޭޝަނަލް ހަ ރާޅާ އެޅުންތެރިން މިފަހަރުގެ މުބާރާތުގައި ބައިވެރިވާ އިރު، ދިވެހި ރާޅާ އެޅުންތެރިން ވެސް މިއިންވެންޓުގައި ވަނީ ބައިވެރި ވެފައި ކަމަށެވެ. އެގޮތުން ދިވެހި ރާޅާ އެޅުންތެރިން ވާދަކުރާނީ މިއަހަރު އަލަށް ތާރަފް ކުރި އިވެންޓުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
މިމަހުގެ 28 އިން އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ބައިވެރިވާ އިންޓަނޭޝަނަލް ރާޅާ އެޅުން ތެރިންގެ ތެރޭގައި ހިމެނެނީ ބްރެޒިލް މިހަކާއި އެމެރިކާ މީހެއްގެ އިތުރުން އޮސްޓޭލިޔާގެ ހަތަރު މީހެކެވެ. އަދި މިމުބާރާތުގައި ވާދަކުރުމަށް އަންނަ ހަފްތާގެ ތެރޭގައި އެ ހަ ރާޅާ އެޅުންތެރިން ރާއްޖެ އައުމަށް ވަނީ ހަމަޖެހިފަ އެވެ.
ފޮލެރެންސިޔާ، ވޭޑް ވިދާޅުވީ، މި އަހަރުގެ މުބާރާތުގައި ވެސް ތިން އިވެންޓެއްގައި ބައިވެރިން ވާދަކުރާއިރު، އެއްވަނަ އަށްދާ ފަރާތަކަށް 25،000 ޑޮލަރުގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ދިވެހި ރާޅާ އެޅުންތެރިންގެ ތެރިންގެ އެންމެ މޮޅު ރާޅާ އެޅުންތެރިއަކަށް 25،000ރ.ގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައި ވާކަމަށް ވެސް ފޮލެރެންސިޔާ، ވޭޑް ވިދާޅުވި އެވެ.
"ފޯ ސީޒަންސް ރިސޯޓްސް މޯލްޑިވްސް ސާފިން ޓްރޮފީ"ގެ ނަމުގައި ފަސް ތަރީގެ ރިސޯޓުގައި މިދިޔަ އަހަރު ބޭއްވި މުބާރާތުގެ ސިންގަލް ފިން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ ދުނިޔޭގެ ކުރީގެ ޗެމްޕިއަން އޮސްޓްރޭލިޔާގެ މާކް އޮޗިލޮޕޯ (އޮކީ) އެވެ. އެގޮތުން މިދިޔަ އަހަރުގެ މުބާރާތުގައި ވާދަކުރި މަސްހޫރު ރާޅާ އެޅުންތެރިންގެ ތެރޭގައި ހަތަރު ފަހަރަށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފައިވާ އޮސްޓްރޭލިއާގެ މާކް ރިޗަޑްސް އާއި ހަތް ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފައިވާ އެ ގައުމުގެ ލޭން ބީޗްލީ މި މުބާރާތުގައި ވާދަކުރި އެވެ.