13 Nov 2025, 21:43
ކޮލެޖް ދަރިވަރުންނަށް މައިކްރޮސޮފްޓް 365 އެއް އަހަރަށް ހިލޭ ދޭން ނިންމައިފިއެވެ.
މައިކްރޯސޮފްޓް ކުންފުނިން ކޮލެޖާއި ޔުނިވަރސިޓީ ދަރިވަރުންނަށް އަމާޒުކޮށް، އެ ކުންފުނީގެ މައިކްރޯސޮފްޓް 365 ޕާސަނަލް ސަބްސްކްރިޕްޝަން އެއް އަހަރު ދުވަހުގެ މުއްދަތަށް ހިލޭ ދިނުމަށް ނިންމައިފައިވާއިރު، މި ހިލޭ ސަބްސްކްރިޕްޝަންގައި ކޯޕައިލޮޓްގެ ޕްރިމިއަމް ފީޗާސްތައްވެސް ހިމެނޭނެއެވެ.
މި ހުށަހެޅުމަކީ ގޫގުލް، އޯޕަންއޭއައި ފަދަ ޓެކްނޮލޮޖީގެ ބޮޑެތި ކުންފުނިތަކުން ދަރިވަރުންނަށް ދެމުންދާ ހިލޭ ހިދުމަތްތަކާ ވާދަކުރުމަށް މައިކްރޯސޮފްޓުން އެޅި ފިޔަވަޅެކެވެ. މީގެކުރިން ދަރިވަރުންނަށް އާންމުކޮށް 365 ޕާސަނަލްގެ ތިން މަސް ދުވަހުގެ ޓްރަޔަލްއެއް ލިބުނު ނަމަވެސް، މި ހާއްސަ އޮފާގެ ދަށުން މިހާރު 12 މަސް ދުވަހަށް އެ ކުންފުނީގެ ޕްރޮޑަކްޓިވިޓީ އެޕްތަކާއި ކޯޕައިލޮޓްގެ ޚިދުމަތް ލިބިގެންދާނެއެވެ.
މި ފުރުސަތު ލިބޭނީ ރަޖިސްޓްރީކޮށްފައިވާ ކޮލެޖެއް ނުވަތަ ޔުނިވާސިޓީއެއްގައި ބެޗްލާސް ނުވަތަ މާސްޓާސް ޑިގްރީއަކަށް ކިޔަވަމުންދާ ދަރިވަރުންނަށެވެ. މިއީ ވަގުތީ ހުށަހެޅުމަކަށް ވާއިރު، މި އޮފާގެ ފައިދާ ލިބުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހެވެ.
ދަރިވަރުންނަށް މައިކްރޯސޮފްޓްގެ އޮފާ ޕޭޖަށް ޒިޔާރަތްކޮށް، އެމީހުންގެ އަމިއްލަ ނުވަތަ ދަރިވަރުންގެ އީމެއިލް ބޭނުންކޮށްގެން ސަބްސްކްރިޕްޝަނަށް އެދެވޭނެއެވެ.
މި ޕްލޭންގެ ދަށުން ދަރިވަރުންނަށް ވޯޑް، އެކްސެލް، އަދި ޕަވަޕޮއިންޓް ފަދަ ޕްރޮޑަކްޓިވިޓީ އެޕްތަކުގެ ޕްރިމިއަމް ފީޗާސްތައް ލިބޭނެއެވެ.
މީގެ އިތުރުން، އައުޓްލުކް އަދި ވަންޑްރައިވްގައި ބޭނުންކުރުމަށް 1 ޓެރަބައިޓް (ޓީބީ) ގެ ކްލައުޑް ސްޓޯރޭޖް ލިބޭއިރު، އެއްފަހަރާ ފަސް ޑިވައިސްގައި މި ޚިދުމަތް ބޭނުންކުރެވޭނެއެވެ. އަދި ޑީޕް ރިސާޗް އަދި އިމޭޖް/ވީޑިއޯ ޓޫލްސް ފަދަ ކޯޕައިލޮޓްގެ އެންމެ ފަހުގެ ފީޗާސްތައްވެސް ހިމެނެއެވެ.
މި ހިލޭ ސަބްސްކްރިޕްޝަން މިވަގުތު ލިބެން ހުރީ ހަމައެކަނި ތިން ގައުމެއްގެ ދަރިވަރުންނަށެވެ. އެއީ އެމެރިކާ، އިނގިރޭސިވިލާތް، އަދި ކެނެޑާއެވެ. ނަމަވެސް އިތުރު ގައުމުތަކަށް މިއޮފާ ވަރަށް އަވަހަށް ދޫކުރާނެކަމަށް ރިޕޯޓްތައް ބުނެއެވެ.